ވެންޓިލޭޓަރުތަކުގެ މައްސަލައިގައި އާ ތުހުމަތެއް ކޮށް، ތަހުގީގު ކުރަނީ

މާޗް 28، 2021: އޭސީސީގެ ފަރާތުން ނޫސްވެރިންނަށް މައުލޫމާތު ދިނުން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ވެންޓިލޭޓަރުތަކެއް ގެނައުމުގައި ކޮރަޕްޝަން ހިންގި ކަމަށް ބުނާ މައްސަލަ އެހެން އަމާޒަކުން ބަލަން ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީސް (ޕީޖީ)އިން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އަށް އަންގައިފި އެވެ.

ކޮވިޑުގައި ހާލުބޮޑުވާ މީހުންނަށް ފަރުވާ ދިނުމަށް ވެންޓިލޭޓަރު ގަތުމުގައި އޮޅުވާލުމާއި މަކަރާ ހީލަތް ހެދި މައްސަލައިގައި އޭސީސީއިން ތަހުގީގުކޮށް ހުށަހެޅި ކަންކަމުގެ މައްޗަށް ބަލައި، ޕީޖީ އޮފީހުން މީގެ ކުރިން ނިންމާފައި އޮތީ ދައުވާ ނުކުރެވޭނެ ކަަމަށެވެ. ނަމަވެސް، އާންމުންގެ ކަންބޮޑުވުންތަކާ ހެދި ދެވަނަ ފަހަރަށް މައްސަލަ ރިވިއުކުރަން ނިންމައި، މިހާރު އެ މައްސަލަ އެހެން އަމާޒަކުން ބަލަން ޕީޖީ އޮފީހުން ވަނީ އޭސީސީއަށް އަންގައިފަ އެވެ.

"ސަން"އަށް އެނގިފައިވާ ގޮތުގައި، ވެންޓިލޭޓަރު ގެންނަން އެއްބަސްވުން ހެދި އިރު، އޭޖީ އޮފީހުން ލަފާ ދިން ގޮތާ ހިލާފަށް 18 ކަމެއް އެއްބަސްވުމުގައި ހިމަނާފައިވާކަން ވަނީ ފާހަގަ ކުރެވިފަ އެވެ. އެކަންކަން ބަލައި، އެހެން ދައުވާތަކެއް ކުރެވިދާނެ ކަމަށްވެ އެވެ.

ޕީޖީ އޮފީހުން ބުނީ އެ މައްސަލަ އޭސީސީއިން ތަހުގީގު ކުރަމުންދާތީ އެކަމާ ގުޅިގެން އެއްވެސް އެއްޗެއް ބުނަން ބޭނުން ނުވާ ކަމަށެވެ.

ވެންޓިލޭޓަރު މައްސަލައިގައި އޭސީސީއިން މީގެ ކުރިން ވަނީ ހެލްތު މިނިސްޓަރު އަބްދުﷲ އަމީނާއެކު އެ މިނިސްޓްރީގެ 11 މީހަކަށް ދައުވާ ކުރަން ޕީޖީ އޮފީހަށް ފޮނުވާފަ އެވެ. ނަމަވެސް، ކުށުގެ އުންސުރުތައް ހަމަނުވާ ކަމަށް ބުނެ ޕީޖީއިން ވަނީ ދައުވާ ނުކުރަން ނިންމައިފަ އެވެ. އެ ނިންމުން ރިވިއުކުރި ނަމަވެސް މައްސަލައިގައި ދައުވާ ނުކުރަން ނިންމި ނިންމުމަށް ބަދަލުނުގެންނަން ޕީޖީ އޮފީހުން ވަނީ ނިންމައިފަ އެވެ. ނަމަވެސް އަނެއްކާވެސް މައްސަލަ ރިވިއު ކުރަން ޕީޖީ އޮފީހުން ވަނީ ނިންމާފަ އެވެ.

ސަރުކާރުން އޯޑަަރު ކުރި 75 ވެންޓިލޭޓަރުތަކުގެ ތެރެއިން އަދި ލިބުނީ އެންމެ 15 ވެންޓިލޭޓަރެވެ. ބާކީ 60 ވެންޓިލޭޓަރު އަދިވެސް ނުލިބި ހުރި އިރު އެއްބަސްވުން ހެދި އިރު އެއްވެސް ގެރެންޓީއަކާ ނުލާ އެ ކުންފުންޏަށް ވަނީ އެޑްވާންސަށް 30.91 މިލިއަން ރުފިޔާ ދީފަ އެވެ. ބާކީ ހުރި ވެންޓިލޭޓަރުތައް ލިބޭނެ ދުވަހެއް ވެސް އަދި ނޭނގެ އެވެ.

comment ކޮމެންޓް