އަގުލަބިއްޔަތު ވޯޓު ނުލާ "ޕާޓީ"އަށް! ބުނަނީ ކީކޭ؟

މިއަދު ކުރިއަށްދާ ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ އިންތިހާބުތަކުގެ ވޯޓާސް ލިސްޓެއް ކައިރީގައި މީހަކު --

އަހަރެންގެ ދިރިއުޅުން މާލެއަށް ބަދަލުކުރިތާ މިހާރު 14 އަހަރު ވެއްޖެ އެވެ. އެއީ އުމުރުގެ ދެބައިކުޅަ އެއްބަޔަށް ވުރެ ބޮޑު ބައެވެ. އާއިލީ މީހުން ރަށުގައި އުޅޭކަން ފިޔަވައި ރަށާ މާ ބޮޑު ގުޅުމެއް ނެތެވެ. ރަށުގައި ނޫޅޭތީ ރަށު ކައުންސިލަށް ވާދަ ކުރާ މީހުން އެއީ ގާބިލު ބައެއް ކަމެއް ނޫނީ ގާބިލު ނޫން ބައެއް ކަމެއްވެސް ނޭނގެ އެވެ. ބަލަން ޝައުގުވެރިކަމެއް ވެސް ނެތެވެ. އަހަރެން މާލޭގައި ވަޒަންވެރިގެން އުޅޭތީ، އެ މީހުން ހޮވިގެން ރަށަށް ކުރާ ކަންތައްތަކުން އަހަންނަށް ލިބޭނެ ފައިދާއެއްވެސް ގެއްލުމެއްވެސް ނެތެވެ.

ކުރުކޮށް ބުނާ ނަމަ އަހަރެންގެ ގަބޫލުކުރުމަކީ ވޯޓުލާން ޖެހޭނީ ދިގު މުއްދަތެއްގައި އެ މީހަކު ވަޒަންވެރިވެ ދިރިއުޅޭ ތަނެއްގެ ކައުންސިލް އިންތިހާބު ކުރާށެވެ. ސަބަބަކަށް ވަނީ ދިރިއުޅޭ ތަނެއްގެ ކައުންސިލްގެ ނިންމުންތަކުގެ އަސަރު ސީދާ އަހަންނަށް ކުރާނެތީ އެވެ. އެހެންވީ އިރު ދިރިއުޅޭ ތަނުގެ ކައުންސިލެއް އިންތިހާބު ކުރުމަށް އަހަރެންގެ ބަހެއް އޮންނަންވާނެ އެވެ. އެކަމަކު އެ ފުރުސަތެއް ނުލިބެ އެވެ. އަހަރެން ވޯޓުލާންވީ ހަމައެކަނި ކަރުދާހުގައި ރަށްވެހިކަން އޮންނަ ނަމަވެސް ދިރިނޫޅޭ އުފަން ރަށުގެ ކައުންސިލެއް އެކުލަވާލާށެވެ.

މިއީ މިފަހަރުގެ ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ އިންތިހާބުގައި ވޯޓުލާން ބޭނުން ނުވެގެން ވޯޓުލާން ނުދާ މީހުންގެ ތެރެއިން ގިނަ މީހުންގެވެސް ވިސްނުން ހުރި ގޮތެވެ. މިއަދުގެ ވޯޓުގައި ބައިވެރިނުވާ މީހުން މި ނޫން އެތައް ސަބަބެއްވެސް ދައްކަ އެވެ.

ކުރީގެ އިންތިހާބުތަކުގައި ބާރު ބޮޑު މަަރުކަޒުތަކުގެ ގޮނޑި ބަރިތައް މިއަދު ހުރީ ހުހަށެވެ. ވޯޓުލަމުން މިދާ ރޭޓަށް ބަލައި އިލެކްޝަންސް ކޮމިޝަނުގެ ރައީސް އަހުމަދު ޝަރީފު ހެނދުނު ލަފާ ކުރެއްވީ، ވޯޓުލާން ނުކުންނާނީ ވޯޓު ލެވޭ އާބާދީގެ 40 ވަރަކަށް ޕަސެންޓު ކަމަށެވެ. ވޯޓުލުމުގެ ހައްގު 270،000އަށް ވުރެ ގިނަ މީހުންނަށް ލިބިގެންވާއިރު، މިހާތަނަށް ވޯޓުލީ މީހުންގެ އަދަދު ކިރިޔާ ލައްކައަކަށް އެރީ އެވެ. އެހެންވެ، މިފަހަރު މިއީ ރާއްޖޭގެ ތާރީހުގައި އެންމެ މަދުން ވޯޓުލާ ފަހަރަށްވުން ވަރަށް ގާތެވެ.

މާލޭގައި ދިރިއުޅޭ ތިމަރަފުށީގެ ޒުވާނަކު ނަން ނުޖަހަން ޝަރުތުކޮށް ބުނި ގޮތުގައި ޕާޓީ ސިސްޓަމަށް އޭނާގެ އިތުބާރެއް ނެތެވެ. ނާގާބިލު، ކަންނެތް، އަދި ބައެއް ފަހަރު މުއްސަނދި މީހުންނަށް ވޯޓުދީ ވަރުބަލިވެއްޖެ ކަމަށް އޭނާ ބުންޏެވެ. މީގެ ކުރިން ވޯޓުލައިގެން ހޮވި މީހުންގެ ފަރާތުންވެސް ލިބުނީ މާޔޫސްކަން ކަމަށާއި، ވީ ވައުދުތައް ނުފުއްދޭ ކަމަށް ބުންޏެވެ. އިންތިހާބުތަކުން ގިނަ ފަހަރު ހޮވެނީ ރައްޔިތު މީހާގެ އިހުސާސު ނޭނގޭ މުއްސަނދިން ކަމަށާއި އެ މީހުން އާދައިގެ މީހުންގެ އަޑު ނާހާ ކަމަށް ވެސް ބުންޏެވެ.

"އަހަންނަށް ވަރަށް ޕްރެޝަރު ކުރޭ ފެމިލީއިން ވޯޓުލާން. އެކަމަކު ދެން ބޭނުމެއް ނޫން ހަލާކުވެފަ އޮތް ސިސްޓަމެއްގައި އާއިލީ މީހަކު ކުރިމަތިލީތީ އޭނާ ހޮވަން ވޯޓުދީގެން، އޭނަ ހަމައެކަނި ޕާޓީއިން ބުނާ ކަންކަން ކުރާތަން ބަލަން،" ޒުވާނާ ބުންޏެވެ.

ކޮވިޑް-19 ފެތުރެމުންދިޔުމަކީވެސް އޭނާ ވޯޓުލާން ދާން ބޭނުން ނުވާ އެއް ސަބަބެވެ.

ކުޑައިރުއްސުރެ މާލޭގައި ދިރިއުޅޭ މަހުސޫން ލަތީފު ބުނީ، އަބަދުވެސް ވޯޓުލާން ޖެހެނީ ސިޔާސީ ގޮތުން ބާރުވެރި މީހުން ދައްކާ މީހަކަށް ކަމަށެވެ. އެހެންވެ، ގާބިލު ބަޔަކު ވަކި ކުރަން މިހާރު ނޭނގޭ ކަމަށް އޭނާ ބުންޏެވެ.

އޭނާ އިތުރަށް ބުނީ، މާލޭގައި އުޅޭތީ ރަށު ކައުންސިލަށް ވޯޓުލުމުގެ ބޭނުމެއް ނެތް ކަމަށެވެ. އެއީ ކައުންސިލުތަކުގެ ނިންމުންތަކުން އޭނާގެ ދިރިއުޅުމަށް އަސަރެއް ނުުކުރާނެތީ ކަމަށް ބުންޏެވެ.

"އެހެން ގައުމުތަކުގައި އޮންނަނީ އެ މީހަކު ދިރިއުޅޭ ތަނެއްގެ ކައުންސިލަށް ވޯޓު ދޭ ގޮތަށް. އަހަރެމެންގެ ދިރިއުޅުމަށް އަސަރު ކުރަނީ މާލޭ ކަައުންސިލުން ނިންމާ ނިންމުންތަކުން،" މަހުސޫން ބުންޏެވެ.

އުމުރުން ހަތަރު އަހަރުން ފެށިގެން މާލޭގައި ދިރިއުޅޭ ފިރާޝާ މުހައްމަދު، 26، ބުނީ އޭނާގެ ރަށުގެ މީހަކަށް ވަނީ ލިޔުމުން ކަމަށެވެ. އޭނާގެ ވާހަކައަކީވެސް، ރަށުގައި ބަޔަކު ކުރާ ކަމެއްގެ ފައިދާއެއް އޭނާއަށް ނުވާ ކަމެވެ. އެހެންކަމުން، ރަށު ކައުންސިލް ހޮވަން ވޯޓުދިނުމަކީ އޭނާގެ ހައްގެއް ކަމަށް އޭނާ ގަބޫލެއް ނުކުރެ އެވެ.

"ރަށުގައި ކުރާ ކަމެއްގެ ބެނެފިޓެއް ނުލިބޭ. އާއިލީ މީހުން އުޅުނަސް، އަހަރެން އެތަނުގައި ދިރިނޫޅެންޏާ މަށަށް ސިޗުއޭޝަން އެނގޭނީ ކިހިނެއް އެނގޭނީ؟ އެހެންވީމަ އެއީ މަގޭ ހައްގެއް ނޫން އެހެން ބައެއްގެ ދިރިއުޅުމުގެ ކަންކަން ހަމަޖައްސާނެ މީހުން ހޮވަން،" ފިރާޝާ ބުންޏެވެ.

ވޯޓުލުމަކީ ފަރުދީ ޒިންމާއެއް ކަމަށް މީހުން ބުނެ އުޅެ އެވެ. އެއީ މަސްއޫލިއްޔަތެއް ކަމަށް ބުނެ އެވެ. އެކަމަކު، އެ ހައްގަކީ ދޫކޮށްލެވޭނެ ހައްގެއް ކަމަށް ބުނާ މީހުން މިހާރު ގިނަ އެވެ.

"ވޯޓުލުމަކީ ހައްގެއް. ހަމަ އެހެން ވޯޓު ނުލުމަކީވެސް ހައްގެއް،" މީހަކު މިއަދު ސޯޝަލް މީޑިއާގައި ބުނެފައިވެ އެވެ.

މިއަދު ވޯޓުލާން މީހުން ނުނުކުންނަ އެއް ސަބަބަކީ ކޮވިޑް-19 އަދިވެސް އޮތުން ކަމަށް ވެދާނެ އެވެ. މިހާރު ގިނަ ބަޔަކަށް ފުރަތަމަ ޑޯޒް ޖަހާފައި ވުމުން އެ މީހުންނަށް ބަލި ޖެހުނަސް ހާލު ދެރަ ނުވުމުގެ ފުރުސަތު ބޮޑެވެ. އެކަމަކު ކަރަންޓީނުވުމަކީ ދިރިއުޅުމުގެ ކަންކަމަށް ހުރަސްއެޅޭ ކަމެއް ކަމުން، މީހުން އެހާ ގިނައިން އުޅޭ ތަނަކަށް ދާން ބޭނުން ނުވާ މީހުންވެސް އުޅެ އެވެ.

ގައުމުގެ ވެރިންވެސް ވޯޓުލާން ނުކުންނަ މީހުން މަދުކަން ފާހަގަ ކުރައްވައި އެބޭފުޅުން ބާރު އަޅުއްވަނީ އެންމެން ވޯޓުލާން ނުކުތުމަށެވެ. އެއީ ފަރުދީ ޒިންމާއެއް ކަމަށް ބުނެ އެވެ. ރައީސުލްޖުމްހޫރިއްޔާވެސް މިއަދު ވަނީ އެންމެން ނުކުމެ ވޯޓުދޭން ގޮވާލާފަ އެވެ.

މިހާތަނަށް ވޯޓުލާން ނުކުތް މީހުންގެ އަދަދު މަދުކަން ފާހަގަކުރައްވައި ރައީސް ސޯލިހު ވިދާޅުވީ، މިއީ ބޮޑެތި ދަތިތަކެއް ހުރި ދުވަސްވަރެއްކަން ގަބޫލުކުރައްވާ ކަމަށާއި އެހެން ނަމަވެސް މެންދުރު ފަހުން ގިނަ ބަޔަކު ވޯޓުލާން ނުކުންނާނެ ކަމަށް އުންމީދުކުރައްވާ ކަމަށެވެ.

ލާމަރުކަޒީ ގާނޫނަށް ގެނައި އިސްލާހުތަކާއެކު ކައުންސިލްތަކަށް ބޮޑެތި ބާރުތަކެއް ދޫކޮށްލާފައިވާ ކަމަށާއި، އެހެންކަމުން އެ ނިޒާމު ރަށްތަކަށް ގެންދިއުމަށް މިހާރު ކުރިއަށްދާ އިންތިހާބުގައި ވޯޓުލައި، ފުރުސަތުގެ ބޭނުން ހިފަން އެމަނިކުފާނު އެދިވަޑައިގަތެވެ.

ރަށުގެ ތަރައްގީގެ ކަންކަން އިންތިޒާމުވެގެންދާނީ ރަށުގެ މީހުން ބޭނުން ގޮތަށް ކަމަށް ވިދާޅުވި އެވެ. އެ ބާރުތައް ރަށް ރަށަށް ދޫކޮށް މިހާރު ލާމަރުކަޒީ ކޮށްފައިވާ ކަމަށް ވިދާޅުވި އެވެ. އެހެންކަމުން ކަންކަމަށް އަޑު އުފުލުމަށް ބޭނުންވާ ބަޔަކު ހޯދުމަށް ވޯޓުލުމުގެ ހައްގު ބޭނުން ކުރުމަށް އެމަނިކުފާނު އެދިވަޑައިގަތެވެ.

ވޯޓުލުމަށްފަހު މީޑިއާއާ ވާހަކަ ދައްކަމުން، ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވެސް ވަނީ މީހުން ވޯޓު ނުލާތީ ކަންބޮޑުވުން ފާޅުކުރައްވައިފަ އެވެ. ވިދާޅުވީ، ވޯޓުލުމަކީ މުހިންމު ކަމެއް ކަމަށާއި، ގައުމެއް ބިނާ ކުރުމުގައި ހިއްސާ ވެވޭނީ ވޯޓުލައިގެން ކަމަށެވެ. ވޯޓު ނުލުމަކީ ހައްގެއް ނޫން ކަމަށްވެސް ވިދާޅުވި އެވެ. އަދި ވޯޓުލުމަކީ ރައްޔިތުންގެ މަސްއޫލިއްޔަތެއް ކަމާއި، ވޯޓު ނުލައިފި ނަމަ ބައެއް ގައުމުތަކުގައި ޖޫރިމަނާވެސް ކުރާ ކަމަށް ވިދާޅުވި އެވެ.

ދެހާސްސަތާރަ ވަނަ އަހަރުގެ ކައުންސިލް އިންތިހާބުގައި ވޯޓުލީ ވޯޓުލުމުގެ ހައްގު ލިބިގެންވާ މީހުންގެ 66 ޕަސެންޓެވެ. އަދި 2014ގެ އިންތިހާބުގައި ވޯޓުލީ 64.5 ޕަސެންޓު މީހުން ވޯޓުލި އިރު 2011ގައި ވޯޓުލީ ހައްގު ލިބިގެންވާ މީހުންގެ 72 ޕަސެންޓެވެ.

ކައުންސިލް އިންތިހާބުގައި ވޯޓުލާން ނިކުތް މީހުން އިންތިހާބަކުން އިންތިހާބަކުން މަދުންވަމުން މަދުވަމުން ގޮސްފައި ވަނީ ސަބަބުތައް ނެތިއެއް ނޫނެވެ. ސިޔާސީ މީހުންގެ ވައުދުތައް ނުފުއްދި އެ މީހުންގެ މަތިން އާންމު ރައްޔިތު މީހާ ފޫހިވީ އެވެ. ދިރިއުޅޭ ތަނުގެ ކައުންސިލް އިންތިހާބު ކުރަން ފުރުސަތެއް ނެތުމެވެ. ގޯސް މީހާއަށް ރަސްގެލެވެން ނުވަތަ ނޫނެކޭ ބުނަން ފުރުސަތެއް ނެތުމެވެ. މިހުރިހާ ސަބަބުތަކެއް އެކުވުުމުން ވޯޓުލާން ނިކުންނަން ރައްޔިތުންގެ ހިތްވަރެއް ނެތީ އެވެ. ވޯޓުން ރައްޔިތުންގެ އަޑު އިއްވަން ބޭނުން ނުވަނީއެއް ނޫނެވެ. އެ މީހުން ވަރުބަލިވީ އެވެ.

comment ކޮމެންޓް