ޖޯންސަން އެންޑް ޖޯންސަން ވެކްސިނުން ވެސް ލޭ ގަނޑުވުމުގެ މައްސަަލަ ކުރިމަތިވަނީ

ބްރަސަލްސް (އެޕްރީލް 10) : ކޮވިޑް-19 އާ ދެކޮޅަށް އެމެރިކާއިން އުފައްދާފައިވާ ވެކްސިން އެއްކަމަށްވާ ޖޯންސަން އެންޑް ޖޯންސަން ޖެހި މީހުންގެ ތެރެއިން ބައެއްމީހުންނަށް ލޭ ގަނޑުވުމުގެ މައްސަލަ ކުރިމަތިވަމުންދާ ކަމަށާ އެހެންކަމުން އެކަން އިލްމީގޮތުން ބަލައި ދިރާސާ ކުރަމުން ގެންދާކަމަށް "ޔޫރަޕިޔަން މެޑިސިންސް ރެގިއުލޭޓްރީ އޮތޯރިޓީ" އިން ބުނެފިއެވެ.

އެ އޮތޯރިޓީން ބުނީ ޖޯންސަން އެންޑް ޖޯންސަން ޖެހި މީހުންގެ ތެރެއިން 7 މީހެއްގެ ލޭ ގަނޑުވެ ފުރާނައަށް ނުރައްކާވުމުގެ މައްސަލަ ކުރިމަތިވެފައިވާ ކަމަށާ އަދި އޭގެތެރެއިން އެކަކު މަރުވެފައިވާ ކަމުގެ ރިޕޯޓެއްވެސް ލިބިފައިވާތީ އެކަން ދިރާސާ ކުރަމުން ގެންދާ ކަމުގައެވެ. "ޔޫރަޕިޔަން މެޑިސިންސް ރެގިއުލޭޓްރީ އޮތޯރިޓީ" ން ވަނީ ޖޯންސަން އެންޑް ޖޯންސަން ބޭނުންކުރުމުގެ ހުއްދަ ދީފައެވެ. ނަމަވެސް ޔޫރަޕްގެ އިއްތިޙާދުގެ އެއްވެސް ގައުމަކުން އެ ވެކްސިން އަދި އާންމުންނަށް ދޭކަށް ނުފަށައެވެ.

ޖޯންސަން އެންޑް ޖޯންސަން ވެކްސިން ޖެހި މީހުންގެ ތެރެއިން ލޭ ގަނޑުވުމުގެ މައްސަލަ ކުރިމަތިވެފައިވަނީ އެމެރިކާގައި އެވެކްސިން ޖެހި މީހުންގެ ތެރެއިން 4 މީހަކަށާއި އެނޫން ބައެއްގައުމުތަކުން ވެކްސިން ޖެހިމީހުންގެ ތެރެއިން 3 މީހަކަށެވެ.

ކޮވިޑް-19 އާ ދެކޮޅަށް ބޭނުންކުރުމަށް އިނގިރޭސިވިލާތާއި ސްވިޑްން ގުޅިގެން އުފައްދާފައިވާ އެސްޓްރާ ޒެނިކާ ވެކްސިން ޖެހި މީހުންގެތެރެއިން އެތަށްބަޔަކަށްވެސްވަނީ ލޭ ގަނޑުވުމުގެ މައްސަލަތައް ކުރިމަތިވެފައެވެ. މިކަން ދިރާސާކުރި ޔޫރަޕްގެ ސައެންސްވެރިންވަނީ އެސްޓްރާ ޒެނިކާ ވެކްސިން ޖަހާ މީހުންގެ ތެރެއިން ވަރަށް މަދުމީހަކަށް އެމައްސަލަ ކުރިމަތިވާ ކަމަށާ އެމައްސަލަ ކުރިމަތިވަނީ އެވެކްސިން ޖެހުމުން ހަށިގަނޑުގައި ދިފާއީ ބާރު (އެންޓި ބޮޑީސް) އުފެއްދުމަށް ހަށިގަނޑު ކުރާ މަސައްކަތުގެ ތެރޭގައި ކަމުގައެވެ. މި މައްސަލައާއެކުވެސް އެސްޓްރާ ޒެނިކާ ވެކްސިން ޖެހުން ޔޫރަޕްގައިވެސް އަދި އެހެންގައުމެއްގައިވެސް އެއްކޮށް މަނާކޮށްފައެއް ނުވެއެވެ.

ނަމަވެސް ބައެއްގައުމުތަކުންވަނީ ބައެއް އުމުރުފުރާތަކުގެ މީހުންނަށް އެސްޓްރާ ޒެނިކާ ވެކްސިން ޖެހުން ހުއްޓުމަކަށް ގެނަސްފައެވެ. އެސްޓްރާ ޒެނިކާ ވެކްސިން އަށް ކުރިމަތިވެފައިވާ މިމައްސަލައާ ގުޅިގެން "ޔޫރަޕިޔަން މެޑިސިންސް ރެގިއުލޭޓްރީ އޮތޯރިޓީ" ބުނެފައިވަނީ އެއީ ރަނގަނޅު ވެކްސިން އެއްކަމަށާ އެވެކްސިންގައި އުނި ކަންތައްތަކެއް ހުރިނަމަވެސް އޭގައި ހިމެނޭ ރަނގަނޅު ކަންތައްތައް އުނިކަންތައްތަކަށްވުރެ ގިނަ ކަމުގައެވެ.

ޖޯންސަން އެންޑް ޖޯންސަން ޖަހާމީހުންގެ ތެރެއިން މަދު ބަޔަކަށް ލޭ ގަނޑުވުމުގެ މައްސަލަތައް ކުރިމަތިވާ ސަބަބު އަދި ވަނީ ނޭންގުމެއްގެ ތެރޭގައެވެ. "ޔޫރަޕިޔަން މެޑިސިންސް ރެގިއުލޭޓްރީ އޮތޯރިޓީ" މިހާރުވަނީ މިކަމުގެ އިލްމީ ހަގީގަތް ބެލުމުގެ މަސައްކަތް ފަށާފައެވެ. (ނޫސްއެޖެންސީތައް)

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު