ރާނީގެ ފިރިކަލުން ޕްރިންސް ފިލިޕް އަވަހާރަވެއްޖެ

އިނގިރޭސި ސާނީގެ ފިރިކަލުން ޕްރިންސް ފިލިޕް ---

އިނގިރޭސި ރާނީ ކުއީން އެލިޒަބަތުގެ ފިރިކަލުން ޕްރިންސް ފިލިޕް އަވަހާރަވެއްޖެ އެވެ.

ޝާހީ އާއިލާ އިން ވަނީ ފިލިޕް އަވަހާރަވިކަން ޔަގީންކޮށްދީފަ އެވެ.

ޝާހީ ގަނޑުވަރުން ނެރުނު ކުރު ބަޔާނެއްގައި ބުނެފައިވަނީ ރާނީގެ ފިރިކަލުން ޖޫކް އޮގް އެޑިންބާގް ޕްރިިންސް ފިލިޕް އަވަހާރަވެއްޖެކަން އިއުލާނު ކުރާ ކަމަށެވެ. ޕްރިންސް ފިލިޕް އަވަހާރަވީ މިއަދު ހެނދުނު ކަމަށްވެސް ބުނެފައި ވެއެވެ.

އުމުރުން 99 އަހަރުފުޅުގައި ޕްރިންސް ފިލިޕް އަވަހާރަވިއިރު، ޝާހީ އާއިލާގެ ހަރަކާތްތަކުގައި މި ފަހަކާ ޖެހެންދެންވެސް އުޅުއްވި އެވެ. ސިއްހީ ހާލު ތަންނުދޭތީ 2017 ވަނަ އަހަރުގެ މެއި މަހު ޕްރިންސް ފިލިޕް ވަނީ ޝާހީ ޒިންމާތަކުން ރިޓަޔާ ކުރައްވައިފައެވެ. އޭގެ ފަހުން ރާނީ އަރިހުގައި ބޮޑެތި ހަފްލާތަކާ އިވެންތުތަކުން ފެނިގެން ދިޔަ އެވެ.

މިފަހުން އިންފެކްޝަނެއްގެ ސަބަބުން ޕްރިންސް ފިލިޕްގެ ހާލުކޮޅު ދެރަވެ ވަނީ ހޮސްޕިޓަލުގައި އެޑްމިޓުކޮށްގެން ފަރުވާ ވެސް ދީފައެވެ.

ރާނީ އެލިޒަބަތު އާއި ޕްރިންސް ފިލިޕް ކައިވެނި ބައްލަވައިގަތީ 1947 ވަނަ އަހަރު އެވެ.އެއީ އިނގިރޭސި ތަހުތަށް ރާނީ އެލިޒަބަތު އިސްކުރުމުގެ ފަސް އަހަރު ކުރިންނެވެ. އެދެކަނބަލުންގެ ކައިވެންޏަށް 73 އަހަރު ވަނީ ވެފައެވެ.

ޕްރިންސް ފިލިޕް އަށާއި ރާނީ އެލިޒަބަތަށް ހަތަރު ބޭފުޅުން ލިބިލެއްވި އެވެ. އެއީ އެޑްވާޑް، ޗާލްސް، އޭން އަދި އެންޑްރޫ އެވެ.

އެބޭފުޅުންގެ ފަރާތުން އަށް މާމަ/ކާފަ ބޭފުޅުން އަދި 10 މުނި މާމަ/ކާފަ ބޭފުޅުން ލިބިވަޑައިގެންފައި ވެއެވެ.

ޕްރިންސް ފިލިޕްސް އަކީ ގްރީސް/ޑެންމާކް އަށް ނިިސްބަތްވެެ ވަޑައިގަންނަވާ ބޭފުޅެކެވެ. އުފަންވެ ވަޑައިގެންފައިވަނީ ގްރީސްގެ ރަށެއް ކަމަށްވާ ކޯފޫ އަށެެވެ.

އުމުރުން 18 އަހަރުފުޅުގައި ކެޑޭޓޭއްގެ ގޮތުގައި ރޯޔަލް ނޭވީ އާއި ގުޅިވަޑައިގެންނެވި އެވެ. ދެވަނަ ބޮޑުހަނގުރާމައިގެ ދުވަސްވަރު އަސްކަރިއްޔާގައި ހިދުމަތް ކުރެއްވީ އިނޑިއަން އޯޝަން އަދި މެޑިޓޭރިއަން ސަރަހައްދުގައެވެ.

ރާނީ އެލިޒަބަތާ ކައިވެނި ބައްލަވައިގަތުމުގެ ކުރިން 1947ގައި ޕްރިންސް ފިލިޕް ވަނީ ގްރީކް އަދި ޑެނިޝް ޝާހީ ލަގަބުފުޅާއި އިނާޔަތްތައް ދޫކޮށްލައްވައިފައެވެ. އަދި އިނގިރޭސި ރަށްވެހިކަން ހޯއްދެވި އެވެ.ރާނީ އެލިޒަބަތާއި ޕްރިންސް ފިލިޕްގެ ކައިވެނިފުޅަކީ ދެވަނަ ބޮޑުހަނގުރާމަ އަށްފަހު އިނގިރޭސިވިލާތުގައި ބޭއްވި އެންމެ ކުލަގަދަ ޝާހީ ރަސްމިއްޔާތެވެ.

comment ކޮމެންޓް