ޓޫރިޒަމަށް ދިރުން، މުވައްޒަފުން އަދިވެސް މާޔޫސްވެފައި

މާޗް 29، 2021: ފަތުރުވެރިން ރާއްޖެ އައުން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ކޮވިޑު19ގެ ރާޅާ އެކު ރާއްޖޭގެ އިގްތިސޯދަށް އައި ލޮޅުމާ އެކު ފަހުގެ ތާރީހުގައި އިގްތިސޯދަށް އައިސްފައި ނުވާވަރުގެ ބޮޑު ހީނަރުކަމެެއް ކުރިމަތިވި އެވެ.

އިގްތިސޯދުގެ މައި ތަނބު، ޓޫރިޒަމަށް އައި ލޮޅުމާ އެކު އެ ދާއިރާގައި ސީދާ ގޮތުންނާއި ނުސީދާ ގޮތުން މަސައްކަތްކުރާ އެތައް ހާސް ބަޔެއްގެ އާމްދަނީ އާއި ވަޒީފާ އަށް އަސަރު ކުރި އެވެ. އެތައް ބަޔެއްގެ ވަޒީފާ ގެއްލި އާމްދަނީ ހުއްޓުމަކަށް އަ އެވެ. ވަގުތީ ގޮތުން ވަޒީފާ ގެއްލުނު މީހުންނާއި ދެން ވާނެގޮތެއް ނޭނގި، ދާއިމީކޮށް ވަޒީފާ އިން ވަކިކުރި އަދި ވަކިވާން މަޖުބޫރުވި އެތައް ބަޔަކު ވެސް ތިއްބެވެ. އާމްދަނީ އަށް އަސަރު ކުރި މީހުންނަށް މިދިޔަ އަހަރާ ހަމައަށް ސަރުކާރުން އިންކަމް ސަޕޯޓު އެލަވެންސް ވެސް ދިނެވެ. އެ އެހީއަކީ ދަތި ދަނޑިވަޅުގައި ގިނަ ބަޔަކަށް ލިބުނު ކުޑަ ނަމަވެސް ތަސައްލީ އެކެވެ.

ބޯޑަރު ބަންދުކޮށް އިގްތިސޯދު ތަޅުލައިގެން ރާއްޖެ އޮތީ ގާތްގަނޑަކަށް ހަތަރު ވަރަކަށް މަހު އެވެ. ބޯޑަރު ހުޅުވާލައި ބޭރުން އަންނަ ފަތުރުވެރިންނަށް ރާއްޖެ ހުޅުވާލުމާ އެކު މަޑުމަޑުން ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދު އިތުރުވާން ފެށިއެވެ. ކޮވިޑުގެ ކުރިން އައި އަދަދަށް ޓޫރިސްޓުން ނައި ނަމަވެސް އެ ހާލަތާ އަޅާބަލާ އިރު ރާއްޖެ އަންނަމުން ދިޔަ މީހުންގެ އަދަދު ރަނގަޅޭ ބުނެވިދާނެ އެވެ. އޭގެ ތެރޭ ބޮޑެތި ބްރޭންޑުތަކުގެ، ހައިއެންޑް ރިސޯޓުތަކަށް އަންނަ މީހުންނާއި ޕްރައިވެޓް ޖެޓުތަކުގައި އައި މީހުންގެ އަދަދު ވެސް އިތުރެވެ.

ވީއައިއޭ -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ސަރުކާރުން ވެސް ބުނެފައި ވަނީ ރާއްޖޭގެ އިގްތިސޯދު ކުރިއަރާނެ ކަމަށް ލަފާކޮށްފައިވާ ވަރަށް ވުރެ އަވަހަށް ކުރިއަރަމުންދާ ކަމަށެވެ. އިގްތިސޯދު ކުރިއަރަމުން ދާކަން މީރާ އިން އާންމުކުރާ ހިސާބުތަކުން ފެނެ އެވެ. ޓެކްސްގެ ގޮތުގައި ވަންނަ ފައިސާ އިތުރުވާން ފަށާފައިވާ އިރު، އިގްތިސޯދަށް އަންނަ އެދެވޭ އަސަރުތައް އާންމު ރައްޔިތުމީހާ އަށް ނުކުރުމަކީ މިހާރު އޮތް ބޮޑު ޝަކުވާއެވެ.

ކޮވިޑުގެ ހާލަތުގައި ޓޫރިޒަމް ސިނާއަތުގައި މަސައްކަތްކުރާ އެތައް ދިވެހިންނެއްގެ ވަޒީފާ ގެއްލުނެވެ. ލިބެމުންދިޔަ އާމްދަނީ 50 ޕަސެންޓުން، 75 ޕަސެންޓުން މަދުވި އެވެ. ކޮވިޑާ އެކު ބަންދު ކުރި ރިސޯޓުތައް އަލުން ހުޅުވައި، ޓޫރިސްޓުންނަށް ހިދުމަތްދޭ އިރު، ކޮވިޑުގެ ކުރިއާ އެއްވަރަށްް އެތަންތަނުގެ ސޭލްސް އާއި އޮކިޔުޕެންސީ ރަނގަޅުވި ނަމަވެސް މުވައްޒަފުންގެ އަތުން އުނިކުރި ބައި ލިބޭނެ ދުވަހެއް އަދި ނޭނގުމަކީ މުވައްޒަފުންގެ ޝަކުވާ އެވެ.

މާޗް 5، 2021: ޓާކިޝް އެއާލައިން ވެލާނާ އެއަރ ޕޯޓްގައި -- ސަން ފޮޓޯ/ ފަޔާޒު މޫސާ

މާލެ އަތޮޅުގައ ހިންގާ ބޮޑު ބްރޭންޑެއްގެ ރިސޯޓެއްގައި މަސައްކަތްކުރާ މުވައްޒަފަކު ކިޔައިދިން ގޮތުގައި، އޭނާ މަސައްކަތްކުރާ ޑިޕާޓުމެންޓުގައި ކުރިން މަސައްކަތްކުރި ދެބައިކުޅަ އެއްބަޔަށް ވުރެ ގިނަ މީހުން ވަނީ ވަޒީފާ އިން ވަކިކޮށްފަ އެވެ. އޭގެ ފަހުން އެ ޑިޕާޓުމެންޓުގައި މަސައްކަތް ކުރި އެކަކުގެ ޑިޕާޓުމެންޓު ބަދަލު ކުރަންް ޖެހުނެވެ. މީގެ ކުރިން ޝިފްޓެއްހައި އަށެއްކަ ގަޑިއިރު ފުލް މުސާރަ ލިބޭ ގޮތަށް ކުރި މަސައްކަތުގެ ދެ ގުނަ އަށްވުރެ ބުރަކޮށް މިހާރު މަސައްކަތް ކުރަންޖެހޭ ކަމަށް އޭނާ ބުންޏެވެ.

މިދިޔަ އޮކްޓޯބަރުން ފެށިގެން އެ ރިސޯޓުގެ އޮކިޔުޕެންސީ އޮތީ 85 ޕަސެންޓުން މަތީގަ އެވެ. ސީޒަނުގައި އޮޕަރޭޓުކުރީ ފުލް އޮކިޔުޕެންސީގަ އެވެ. ނަމަވެސް މުވައްޒަފުންގެ މަސައްކަތް ބުރަވެ، ކުޑަކުރި މުސާރަ އިއާދަ ނުވެ އޮތުމަކީ ޝަކުވާ އެވެ.

"މިދިޔަ ޖުލައި މަހު އައި ގޮތަށް ރިސޯތުގައި މި ތިބެނީ. ޗުއްޓީއަށް އޮފް އަށް ދާން ނުލިބޭ. އާއިލާ އާ ދުރުގައި މަސައްކަތުގައި 15، ނޫނީ 18 ގަޑިއިރު ދުވާލަކު އެބަ ހޭދަވޭ. އާއިލާ އަށް މައިންބަފައިންނަށް ގުޅާލާނެ ވަގުތު ވެސް ގިނަ ދުވަހު ނުވޭ. އަހަރެމެން ވަރުބަލިވެއްޖެ. އެކަމަކު މި ހާލަތުގައި ވަޒީފާ ދޫކޮށްލާފައި ދާނީ ކިހިނެއް؟ އުއްމީދަކީ ވީހާ ވެސް އަވަހަކަށް މިކަންތައް ހަމައަކަށް އެޅުން،" އޭނާ ބުންޏެވެ.

މާޗް 29، 2021: ފަތުރުވެރިންތަކެއް ވީއައިއޭގައި -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ރާއްޖެެ އަންނަ ޓޫރިސްޓުންގެ ބޮޑު ޕަސެންޓެއްގެ ރިސޯޓުތަކަށް އުފުލަނީ ސީޕްލޭނުގަ އެވެ. ބައެއް އެއާލައިންތަކުން ކޮވިޑާ ގުޅިގެން މުވަައްޒަފުންގެ މުސާރައިން 75 ޕަސެންޓާ ހަމައަށް އުނިކުރި އިރު، މުސާރައަށް އެދެވޭ ބަދަލެއް އަދި ވެސް ނުގެންނާތީ މުވައްޒަފުންގެ މާޔޫސްކަން އެބައޮތެވެ.

"ކޮމްޕެނީ އިން ބުނަނީ ޓޫރިސްޓުން މަދުުވީމާ ރެވެނިއު ރަނގަޅު ނުވެޔޭ. އެކަމަކު މިހާރު އެވްރެޖުކޮށް ދުވާލެއްގެ މައްޗަށް އެބަ އާދޭ ޕްރީ ކޮވިޑާ އެއްވަރަށް މީހުން. އެކަމަކު އަދި ވެސް އަހަރެމެންގެ މުސާރަ ކުޑަކުރި ވަރަށް އޮތީ،" ސީޕްލޭން ކްރޫ އަކު ބުންޏެވެ.

ފަތުުރުވެރިކަމަށް ކުރި އަސަރާ އެކު އެ ދާއިރާ އާ ސީދާ ގޮތުން އަދި ނުސީދާ ގޮތުން މަސައްކަތްކުރި މީހުންގެ އާމްދަނީ އަށް އަދި ވެސް އެދެވޭ ބަދަލެއް ނާދެ އެވެ. ކޮވިޑާ އެކު ކުޑަވި މުސާރަތައް އަލުން އިއާދަކޮށްދޭނެ އިރެއްގެ އިންތިޒާރުގައި ތިބުން ނޫންގޮތެެއް ނެތްކަމަށް އެމީހުން ބުނެއެވެ.

ޓޫރިޒަމް މިނިސްޓްރީގެ ހިސާބުތައް ދަައްކާ ގޮތުުން މިދިޔަ ހަފުތާގެ ނިޔަލަށް މި އަހަރުގެ ތެރޭގައި 327،129 ޓޫރިސްޓުން ރާއްޖެ އައިސްފައިވެ އެވެ. މި އަހަރުގެ މިހާތަނަށް އެވްރެޖުކޮށް 3،500 މީހުން ރާއްޖެ އަންނަ ކަމަށް ރެކޯޑުތައް ދައްކަ އެވެ.

މާޗް 29، 2021: ފަތުރުވެރިންތަކެއް ވީއައިއޭގައި -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ކޮވިޑުގެ ކުރިން ރާއްޖޭގެ ޓޫރިޒަމް އެންމެ ރަނގަޅުވީ 2019 ވަނަ އަހަރު އެވެ. އެ އަހަރުގެ މާޗު މަހު 162،843 ޓޫރިސްޓުން ރާއްޖެ އައިސްފައިވެ އެވެ. މިދިޔަ އަހަރުގެ މާޗު 27ގައި ބޯޑަރު ބަންދު ކުރުމާ ހަމައަށް 59.630 ފަތުރުވެރިން އައި އިރު، މި އަހަރުގެ މާޗު މަހު އައީ 109،585 ފަތުރުވެރިންނެވެ.

މި އޭޕްރީލް މަހުގެ 8 ވަނަ ދުވަހުގެ ނިޔަލަށް 28،559 ޓޫރިސްޓުން ވަނީ ރާއްޖެ އައިސްފަ އެވެ.

ކޮވިޑާ ގުޅިގެން ބޯޑަރު ބަންދުކުރުމަށް ފަހު ބޯޑަރު އަލުން ހުޅުވާލި ފަހުން މަހެއްގެ މައްޗަށް ލައްކަ އަކަށް ވުރެ ގިނަ ޓޫރިސްޓުން ފުރަތަމަ އައީ މިދިޔަ މަހު އެވެ. ޓޫރިޒަމް މިނިސްޓްރީ އިން ވަނީ އެކަން ފާހަގަކުރުމަށް ކުޑަހަފްލާއެއް ވެސް ބާއްވައިފަ އެވެ.

ރާއްޖެއަށް މީގެ ކުރިން ޓޫރިސްޓުން އައި މައިގަނޑު މާކެޓުތައް އަދި ވެސް ބަންދުކޮށްފައި އޮތުމާއި ދަތުރުފަތުރު ކުރުމުގައި ހުރި ދަތިތަކާ އެކު އެ މާކެޓުތަކުން އަންނަ މީހުންގެ އަދަދު މަދެވެ. ޗައިނާ މާކެޓު އަދި ހުޅުވާލާފައި ނުވާ އިރު ޗައިނާ މާކެޓު ހުޅުވާލައި، ޔޫރަޕުގެ މައި މާކެޓުތައް ކަމަށްވާ ޔޫކޭ، އިޓަލީ އަދި ފްރާންސް މާކެޓުން ދަތުރުކުރުމުގައި ލުއި ލިބިއްޖެ ނަމަ، ޓޫރިސްޓުންގެެ އަދަދު މިހާރަށް ވުރެ ބޮޑުތަނުން އިތުރުވާނެ ކަމަށް ޓޫރިޒަމް މިނިސްޓްރީ އިންވެސް ވަނީ ބުނެފަ އެވެ. މިނިސްޓްރީ އިން އަންދާޒާކޮށް، އަމާޒު ހިފާފައި ވަނަީ މި އަހަރު ތެރޭ 1.5 މިލިއަން ޓޫރިސްޓުން ގެނައުމަށެވެ.

ދައުލަތުގެ ޓެކްސް އިދާރާ، މީރާ އިން އާންމު ކުރި ހިސާބުތަކަށް ބަލާ އިރު، މިދިޔަ މާޗު މަހު ޓެކްސްގެ ގޮތުގައި ލިބުނު އާމްދަނީ، އެ މުއްްދަތުގައި ލިބޭނެ ކަމަށް އަންދާޒާ ކުރި އާމްދަނީ އަށް ވުރެ ބޮޑުތަނުން ވަނީ އިތުރުވެފަ އެވެ. މައިގަނޑު ސަބަބަކީ ޓޫރިސްޓުން އަންނަ އަދަދު އިތުރުވެ، ޓޫރިޒަމް ސިނާއަތުން ފޯރުކޮށްދޭ މުދަލާޢި ހިދުމަތުގެ އަގުން ނަގާ ޓީޖީއެސްޓީގެ ގޮތުގައި ލިބުނު މިންވަރު އިތުރުވުން ކަމަށް މީރާ އިން ބުނެ އެވެ.

މިދިޔަ މަހު ޓީޖީއެސްޓީގެ ގޮތުގައި މީރާ އަށް 31 މިލިއަން ޑޮލަރު ލިބުނެވެ. ގްރީން ޓެކުހުން 4.5 މިލިއަން ޑޮލަރާއި އެއާޕޯޓު ސާވިސް ޗާޖުގެ ގޮތުގައި ދެ މިލިއަން ޑޮލަރު އަދި އެއާޕޯޓް ޑިވެލޮޕްމެންޓު ފީގެ ގޮތުގައި ލިބުނު 2.1 މިލިއަން ޑޮލަރު މިދިޔަ މަހު ލިބުނެވެ. މިދިޔަ މަހު ދައުލަތަށް ޖުމްލަ އާމްދަނީ އަށް ލިބުނީ 1.33 ބިލިއަން ރުފިޔާ އެވެ. އެއީ އަންދާޒާ އަށް ވުރެ 28 ޕަސެންޓު އިތުރު އަދަދެކެވެ.

މާޗް 29، 2021: ފަތުރުވެރިންތަކެއް ވީއައިއޭގައި -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ޓޫރިޒަމް އެސްޓެބްލިޝްމެންޓުތަކުގެ އާމްދަނީއިތުރުވެ، ޓެކްސްގެ ގޮތުގައި ދައުލަތަށް ލިބޭ އާމްދަނީ ވެސް ރަނގަޅުވާން ފަށާފައިވާ އިރު، ހިދުމަތުގައި ތިބި މުވައްޒަފުންނަށް ދޭ މުސާރަ އިން، އިގްތިސޯދަށް އެ އަންނަ ހެޔޮ ބަދަލު ނުފެންނަނީ ކީއްވެތޯ އެ މުވައްޒަފުން ސުވާލު އުފައްދަ އެވެ.

އެތައް ދިވެހިންނެއްގެ ވަޒީފާ ގެއްލިފައިވާ އިރު ވަޒީފާ އިން ވަކިކުރި ދިވެހިންގެ ބަދަލުގައި ބޭރު މުވައްޒަފުން ނެގުުން ފަދަ ޝަކުވާތަކަށް ކަމާ ބެހޭ ފަރާތްތަކުން ވެސް އެޑްރެސްކޮށް އެކަންތަކަށް ހައްލު ގެނެސްދިނުމަކީ އެ މުވައްޒަފުންގެ އާދޭހެވެ. މުވައްޒަފުން ތިބީ އެކަން ކަމަށް އަވަސް ހައްލެއް އަންނާނެ ކަމުގެ އުންމީދުގަ އެވެ.

https://sun.mv/150689

comment ކޮމެންޓް