ވޭމަންޑޫ މޮނިޓަރިންއަށް ލައިފި

ވޭމަންޑޫ:--- ފޮޓޯ: އަރުޝަދު

ތ. ވޭމަންޑޫ އިން މާލެ ގެނައި ބަލިި މީހަކު ކޮވިޑް19 އަށް ޕޮޒިޓިވްވުމާ ގުޅިގެން އެރަށް މޮނީޓަރިން އަށް ލައިފި އެވެ.

އެރަށު ކައުންސިލްގެ ނައިބު ރައީސް އަހުމަދު ފަތުހީ "ސަން" އަށް ވިދާޅުވީ އިއްޔެ މާލެ ގެނައި ޒުވަން އުމުރުގެ ފިރިހެން ކުއްޖެއް ކަމަށާއި އެ ކުއްޖާ ބަލިވެ އުޅޭތާ ދޮޅުމަހެއްވަރު ވެއްޖެ ކަމަށެވެ. ނަމަވެސް ބަލި ރަނގަޅުނުވެ ގިނަ ދުވަސްތަކެއް ވެފައިވަނިކޮށް މާލެ އައީ އިއްޔެ ކަމަށާއި އައިޖީއެމްއެޗުގައި އެޑްމިޓު ކޮށް ނެގި ފުރަތަމަ ސާމްޕަލް ޕޮޒިޓިވް ވުމުން އަލުން ސާމްޕަލެއް ނަގައި ދެވަނަ ޓެސްޓެއް ހަދަން އެދުނު ކަމަށް އޭނާ ވިދާޅުވިއެވެ.

"އަޅުގަނޑުމެން އެދިގެން އަލުން ރިވިއުކޮށްގެން ހެދި ދެވަނަ ޓެސްޓުވެސް ޕޮޒިޓިވް،" ފަތުހީ ވިދާޅުވި އެވެ.

"އެކުއްޖާ މާލެ ފުރުވާލީ ބޭބެއަކާ އެކު،. ބޭބެގެ ނަތީޖާ އަދި ނުލިބޭ. ދެ މީހުން މިހާރު ތިބީ ހުޅުމާލޭ ފެސިލިޓީގައި،" ފަތުހީ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެރަށުން ރޭ މާލެ ފުރުވާލި އުމުރުން ދުވަސްވީ އަންހެނަކުވެސް ކޮވިޑަށް ޕޮޒިޓިވްވެފައިވާ ކަމަށެެވެ.

ފަތުހީ ވިދާޅުވީ ވޭމަންޑުއަށް ކޮވިޑު ދިޔައީ ކިހިނެއްކަން އަދި ނޭނގޭ ކަމަށާއި އެރަށަކީ ތ. އަތޮޅުގެ ވެރިކަން ކުރާ ރަށްކަމުން ގިނަ ބަޔަކު ކޮންމެ ދުވަހަކު ގޮސް ހަދާ ރަށަކަށް ވުމާއެކު މޮނީޓަރިން އަށް ރަށް ލުމުން އަތޮޅުގެ ރަށްރަށަށް ދަތިވާނެ ކަމަށެވެ.

ވޭމަންޑޫގެ އާންމު ހާލަތު ރަނގަޅު ކަމަށާއި ޕޮޒިޓިވްވި މީހުންނާ ގުޅިގެން ކޮންޓެކްޓު ޓްރޭސިންގެ މަސައްކަތް ކުރަމުންދާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

"ރައްޔިތުންނަށް އަޅުގަނޑުމެން އިލްތިމާސް ކޮށްފައިވަނެ ގެއިން ނިކުމެ އުޅުން މަދުކޮށް، ގައިދުރުކަން ބަހައްޓައި އަތްދޮވެ ކަންތައް ކުރަން. ރައްޔިތުންގެ ފަރާތުން އެއްބާރުލުން ލިބޭ،" އޭނާ ވިދާޅުވިއެވެ.

ވޭމަންޑޫ އިން މާލެ ގެނައި ދެ މީހަކު ކޮވިޑަށް ޕޮޒިޓިވްވެފައިވާއިރު، އެ ދެ މީހުންގެ ކޮންޓެކްޓުންގެ ގޮތުގައި 51 މީހަކު މިހާތަނަށް ފާހަގަވެފައިވާ ކަމަށް ވޭމަންޑޫގައި ހުންނަ ތ. އަތޮޅު ހޮސްޕިޓަލުގެ މެނޭޖަރު މިދުހަދު ނާސިރު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ޑައިރެކްޓު ކޮންޓެކްޓުންގެ ސާމްޕަލް ނެގުމުގެ މަސައްކަތް މިހާރު ކުރިއަށްދާ ކަމަށެވެ.

comment ކޮމެންޓް