މުހިންމީ ޕާޓީގެ ސިޔާސަތު، ކެންޑިޑޭޓެއް ނޫން: އެމްޑީޕީ

އޭޕްރީލް 5، 2021: ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބު މިމަހުގެ 10 ވަނަ ދުވަހު އޮންނަ އިރު، ކޮވިޑް 19ގެ ބަލިމަޑުކަމާ ގުޅިގެން ކެމްޕެއިން ފޯރި ވެރިރަށް މާލޭގައި ފަޅު -- ސަން ފޮޓޯ/ ފަޔާޒު މޫސާ

މާދަމާ އޮންނަ ލޯކަލް ކައުންސިލްތަކުގެ އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިހާބުގައި ވޯޓު ދޭއިރު، ވާދަކުރާ ކެންޑިޑޭޓަށް ބެލުން މުހިންމު ނޫން ކަމަށާއި، މުހިންމީ ޕާޓީގެ ސިޔާސަތު ކަމަށް ސަރުކާރު ހިންގާ މައި ޕާޓީ، އެމްޑީޕީން ބުނެފި އެވެ.

މިދިޔަ ބުދަ ދުވަހު އޮތް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި އެމްޑީޕީގެ މެމްބަރުން ވަނީ ކައުންސިލް އިންތިހާބުގެ ހޫނުގައި ވަރުގަދަ ބަހުސެއް ތަޅުމުގައި ކޮށްފަ އެވެ. މަޖިލީހުގައި ވާހަކަ ދައްކަވަމުން އެމްޑީޕީގެ ޕީޖީ ލީޑަރު، މެދުހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް ވިދާޅުވީ ސިޔާސަތަކާއި ވިސްނުމެއް ގެންގުޅޭ ހަމައެކަނި ޕާޓީއަކީ އެމްޑީޕީ ކަމަށެވެ. އަދި ރައްޔިތުން ބޭނުންވާ ކަންކަން ކޮށްފައި ހުރީ ވެސް، ކުރާނީ ވެސް އެމްޑީޕީން ކަމަށް އާޒިމް ވިދާޅުވި އެވެ.

އާޒިމް ވިދާޅުވީ އިންތިހާބަށް އިދިކޮޅުން ގެންގުޅޭ ސިޔާސަތަކީ މި ސަރުކާރަށް ކަންކަން ނުކުރެވޭ ކަމަށް ބުނުން އެކަނި ކަމަށެވެ. އެހެންކަމުން އެކަމަށް ވިސްނައިގެން ވޯޓު ދިނުމަށް އާޒިމް ގޮވާލެއްވި އެވެ.

އާޒިމް ސިފަކުރެއްވި ގޮތުގައި، މާލެ ސިޓީ މޭޔަރުކަމަށް އިދިކޮޅުން ވާދަކުރައްވާ ކެންޑިޑޭޓު. ޑރ. މުހައްމަދު މުއިއްޒު އެންޑޯސްކުރާ ކޮންމެ މީހަކީ ވައްކަން "އޯކޭ" ކަމެއް ކަމަށް ގަބޫލުކުރާ މީހެކެވެ.

އެމްޑީޕީ ތާއީދުކުރީ އެމްޑީޕީގެ ފިކުރަކީ، ވައްކަމާ ދެކޮޅު ފިކުރު ކަމަށާއި އެމްޑީޕީގެ ވިސްނުމަކީ، ރަށްރަށް ތަރައްގީކޮށް، ރައްޔިތުން ތަރައްގީކުރުން ކަމަށެވެ.

"އެހެންވެގެން ކުރިއަށް މި އޮތް އިންތިހާބުގައި ހަގީގަތުގައި މީހަކު ވެސް؛ އަޅުގަނޑު ދެކޭގޮތުގައި މީހެއް ނޫން މީގައި މުހިންމީކީ. މީގައި މުހިންމީ ޕާޓީގެ ސިޔާސަތު. އަޅުގަނޑުމެން ދާ ދިމާ. އަޅުގަނޑުމެން ދާ މިސްރާބު. އަޅުގަނޑުމެން މި ދަނީކީ މި ގައުމު ހަލާކުކޮށްލާކަށް ނޫން. މި ގައުމުގެ އަންނަން އޮތް ޖީލު ވައްކަމުގެ ތެރެއަށް ވައްދާކަށް ނޫން،" އާޒިމް ވިދާޅުވި އެވެ.

އާޒިމް ވިދާޅުވީ ރާއްޖ ރަނގަޅު މިސްރާބަކަށް ގެންދެވޭނީ ހަމައެކަނި "ތިލަފަތަށް" ވޯޓު ދީގެން ކަމަށެވެ.

ދިއްގަރު ދާއިރާގެ މެމްބަރު އިކްރާމް ހަސަން ވިދާޅުވީ ޕީޕީއެމްގެ ސިޔާސަތަކީ ވެސް އޮޅުވާލައިގެން ވޯޓު ހޯދުން ކަމަށާއި، ރައްޔިތުން އެކަން ދަންނަން ޖެހޭނެ ކަމަށެވެ.

"އެމްޑީޕީގެ އިހްލާސްތެރި ނިޔަތަށް، އިހްލާސްތެރިކަމާ އެކު ރައްޔިތުންނަށް ހިދުމަތްކޮށްދިނުމަށް މި ކުރާ މަސައްކަތް ބަލައިގަނެ، އެމްޑީޕީގެ ކެންޑިޑޭޓުންނަށް ވޯޓު ދިނުމަކީ މިއަދު ހަމަ ކޮންމެ ދިވެހި ރައްޔިތެއްގެ ވެސް ޒިންމާއެއް ކަމުގައި އަޅުގަނޑު ދެކެން،" މެމްބަރު ވިދާޅުވި އެވެ.

ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފް ވިދާޅުވީ ކައުންސިލްތަކަށް ބޮޑެތި ބާރުތަކެއް ދީފައި ވާއިރު، އެމްޑީޕީ ގެންނަން ބޭނުންވާ ތަރައްގީ ގެނެސްދެވޭނީ އެމްޑީޕީއާ އެއް ފިކުރުގެ ކައުންސިލަރުންނަށް ކަމަށެވެ. އެމްޑީޕީ ނޫން ކައުންސިލަރުން ހޮވައިފި ނަމަ "އަނެއްކާ ވެސް ޖެހޭނީ ކިޔޫގައި ޖެެހެން" ކަމަށް ވިދާޅުވި އެވެ.

މެމްބަރު ވިދާޅުވީ މާލޭގެ މޭޔަރުކަމަށް އެމްޑީޕީން ވާދަކުރާ އަނަސް އަބްދުއްސައްތާރުގެ ވަކި ވިސްނުމެއް ނޯންނާނެ ކަމަށެވެ. އަނަސްގެ ފިކުރަކީ އެމްޑީޕީގެ ފިކުރު ކަމަށާއި، ކައުންސިލްގައި އަނަސް ހިންގަވާނީ އެމްޑީޕީގެ ސިޔާސަތުތައް ކަމަށެވެ.

"އެ ސިޔާސަތުތައް ހިންގުމަށްޓަކައި އަޅުގަނޑުމެން ޖެހެނީ ތިލަފަތަށް ވޯޓު ދޭން. އެއީކީ އަނަސް އަބްދުއްސައްތާރުގެ ނަމަކަށް ދޭ ވޯޓެއް ނޫން އިއްޒަތްތެރި ރައީސް. އެއީ ތިލަފަތަށް ޖަހާ ވޯޓެއް. އެއީ އެމްޑީޕީއަށް ދޭ ވޯޓެއް. އަޅުގަނޑުމެންގެ ކެންޑިޑޭޓުންގެ ފޮޓޯ ހުންނާނެ ޖަހާފަ. ވޯޓު ކަރުދާސްކޮޅުގައި ފޮޓޯ ހުންނާނެ ޖަހާފަ. ހުރިހާ ފޮޓޯއެއް ހުންނާނީ އެއްގޮތަކަށް. އެއީ ތިލަފަތް އިއްޒަތްތެރި ރައީސް. އަނަސް އަބްދުއްސައްތާރު އިންނާނީ ތިލަފަތެއްގެ ސިފައިގައި. ދެން ތިއްބެވި ކެންޑިޑޭޓުން ވެސް ތިބޭނީ ތިލަފަތެއްގެ ސިފައިގައި،" މެމްބަރު ވިދާޅުވި އެވެ.

comment ކޮމެންޓް