އެމެރިކާ، އިންސާނީ ހައްގުތަކަަށް އަރައިގަންނަ މައްސަލަ އެމްނެސްޓީން ކުށްވެރިކޮށްފި

އެމެރިކާގެ ފުލުހުން އާންމުންނާ ދެކޮޅަށް ބާރުގެ ބޭނުންކުރަނީ

ލަންޑަން (މާޗް 9) : އެމެރިކާގައި އިންސާނީ ހައްގުތަކަށް އަރައިގަތުމުގެ މައްސަލަތައްދަނީ ގޯހުން ގޯހަށް ކަމަށް ބުނެ އެމްނެސްޓީ އިންޓަނޭޝަނަލް އިން އެމެރިކާއަށް ވަރަށް ބޮޑަށް ފާޑުކިޔައިފި އެވެ.

އެމެރިކާގެ އިންސާނީ ހައްގުތަކުގެ ހާލަތާ ބެހޭ ގޮތުން އެމްނެސްޓީން ނެރުނު ރިޕޯޓެއްގައި އެމެރިކާގެ ފުލުހުންގެ އަނިޔާވެރިކަން ވަރަށް ބޮޑަށްއިތުރުވާކަން ފާހަގަކޮށްފައިވެ އެވެ. އެމެރިކާ ފުލުހުން ގަސްދުގައި ކުށެއްނެތް މީހުން މަރައި އަނިޔާކޮށް އަދި ނަސްލީ އިމްތިޔާޒުގެ އަމަލުތައް ހިންގާއިރު އެޖަރީމާތައް ހުއްޓުވުމަށް ފިޔަވަޅު އެޅުމުގައި އެމެރިކާ ސަރުކާރު އިހުމާލުވެފައިވާ ކަމަށް އެމްނެސްޓީން ވަނީ ތުހުމަތުކޮށްފަ އެވެ.

އެމްނެސްޓީގެ ރިޕޯޓްގައިވާ ގޮތުން އެމެރިކާގައި އިންސާނީ ހައްގުތަކުގެ ހާލަތު ކުރިޔަށްވުރެ ވެސް ގޯސްވެގެން ދިޔައީ ރައީސް ޑޮނާލްޑް ޓްރަމްޕްގެ ވެރިކަމުގެވެ. އަދި 2020 ވަނައަހަރަކީ ގާނޫނީ އިމުން ބޭރުން އެމެރިކާގައި އާންމުން މެރުން އިތުރުވެގެންދިޔަ އަހަރެކެވެ. މީގެ އިތުރުން 2020 ވަނަ އަހަރަކީ އެމެރިކާގެ ދަސްތޫރުގައި ލިބިދީފައިވާ ސުލްހަވެރި ކަމާއެކު އެއްވެ އުޅުމާއި މުޒާހަރާކުރުމާއި އިހްތިޖާޖް ކުރުމުގެ ހައްގަށް އެމެރިކާގެ މުއައްސަސާތަކުން އަރައިގަތުމުގެ އަމަލުތައްވެސް ވަރަށް ބޮޑަށް ހިންގި އަހަރެކެވެ.

އެމެރިކާ ގެ ފުލަހަކު ކަޅު ނަސްލުގެ މީހެއްގެ ކަރަށް ފައިން އަރައި އެމީހާ މަރާލަނީ

މީގެ އިތުރުން ރެފިއުޖީންގެ ހައްގުތަކަށް ވެސް އެމެރިކާ އިން ފާޅުގައި އަރައިގަނެ އެމެރިކާއަށް ވަންނަ ރެފިއުޖީންގެ ޅަދަރިން އެމީހުންގެ މައިން ބަފައިންނާ ވަކިން ކޭމްޕްތަކުގައި އެތަށް ދުވަހެއްވަންދެން ބަންދުކުރުމުގެ ޖަރީމާތައް ފުޅާދާއިރާއެއްގައި އެމެރިކާ ސަރުކާރުން ހިންގާފައިވާކަމަށް އެމްނެސްޓީގެ ރިޕޯޓްގައި ތުހުމަތު ކޮށްފައިވެ އެވެ. އެމްނެސްޓީގެ ރިޕޯޓްގައި އެމެރިކާގައި ނިކަމެތިންނަށް އިންސާފު ނުލިބުމާއި މީހުން ތަފާތުކުރުމުގެ މައްސަލައާއި ކޮވިޑް-19 ޖެހޭ ރައްޔިތުންނަށް ފަރުވާދިނުމުގައި ވެސް އެމެރިކާ ސަރުކާރުން އިހުމާލުވުމުގެ ސަބަބުން އެތަށް ހާސްބައެއްގެ ފުރާނަ ގެއްލުނުކަމަށް ތުހުމަތުކޮށްފައިވެއެވެ.

އަދި ކޮވިޑް އާ ގުޅިގެން އެމެރިކާ ރައްތިތުންނަށް ދޭންޖެހޭ ފަރުވާއާއި ރައްކާތެރިކަމުގެ ޚިދުމަތްތައް އިންސާފުވެރި ގޮތެއްގައި ދީފައިނުވާކަމާއި މިކަމުގައިވެސް އެމެރިކާގެ މުއައްސަސާތަކުން ދޮންމީހުންނާއި ކަޅު މީހުން ތަފާތުކުރި ކަމަށް ތުހުމަތުކޮށްފައިވެ އެވެ. ޖަލުތަކުގައި ހައްޔަރުކޮށްފައިވާ މީހުންނަށް ކޮވިޑް އާ ގުޅިގެން އިތުރު ނުރައްކާތައް ކުރިމަތިވި ކަމަށާ، ކުށްކުރާމީހުންނާއި ޖަލަށް ލެވޭމީހުންގެ ތެރޭގައި ގިނައީ ކަޅު ނަސްލުގެ މީހުން ކަމަށްވުމަކީވެސް ކަޅުމީހުންނަށް އިހުމާލުވުމުގެ ނަތީޖާއެއްގެ ގޮތުން ކުރިމަތިވެފައިވާ މައްސަލައެއްކަމަށް އެމްނެސްޓީން ތުހުމަތުކޮށްފައިވެއެވެ.

އެމެރިކާ ފުލުހުންގެ އަނިޔާވެރިކަމާއި ލާއިންސާނިއްޔަތާ ދެކޮޅަށް އެމެރިކާގެ ކަޅު ނަސްލުގެ މީހުން ތެދުވި ތެދުވުމަކީ އެމްނެސްޓީގެ ރިޕޯޓްގައިވާ ކަންތައްތަކުގެ ހަގީގަތް ހާމަކޮށްދޭ ކަމެއްކަމަށްވެސް ބުނެފައިވެއެވެ. އިންސާނީ ހައްގުތަކަށް އަރައިގަންނަ ކަމަށް ބުނެ އެހެން ގައުމުތަކަށް ފާޑުކިޔައި އެމެރިކާއިން ރިޕޯޓް ނެރޭއިރު އެމެރިކާގެ އެތެރޭގައި ހިނގާ އިންސާނީ ހައްގުތަކަށް އަރައިގަތުމުގެ ޖަރީމާތަކަށް އެގައުމުންވަނީ ލޯމަރާލާފައެވެ.

އަދި އިސްރާއީލުފަދަ އެމެރިކާގެ ހިމާޔަތްކުރާ ގައުމުތަކުގެ އިންސާނީ ހައްގުތަކުގެ މައްސަލަތަކަށްވެސް އަޅާނުލުމާއި އިންސާނީ ހައްގުތަކުގެ މައްސަލަ ސިޔާސީ ހަތިޔާރަކަށް ހަދައިގެން އެމެރިކާއަށް ފާޑުކިޔާ ގައުމުތަކާ ދެކޮޅަށް އެމައްސަލަ ނަގާކަމުގެ ތުހުމަތުވެސް އެމެރިކާގެ މައްޗަށްވަނީ ކުރެވިފައެވެ. (ނޫސްއެޖެންސީތައް)

ގުޅޭ ޓެގު
comment ކޮމެންޓް