ފަތުރުވެރިކަން ތަރައްގީ ކުރުމަށް 16 ރަށެއް ބީލަމަށް ހުޅުވާލައިފި

މ. ސީދީ ހުރާ ---

ރާއްޖޭގައި ޓޫރިސްޓު ރިސޯޓު ތަރައްގީ ކުރުމަށް އިތުރު 16 ރަށެއް ބީލަމަށް ލައިފި އެވެ.

ޓޫރިޒަމް މިނިސްޓްރީ އިން ކުރި އިއުލާނެއްގައި ބުނީ އެ 16 ރަށަށް ބީލަން ހުށަހެޅުމަށް ޝަރުތު ހަމަވާ ދިވެހި އަދި ބިދޭސީ ޕާޓީތަކަށް ވެސް ބީލަން ހުށަހެޅުމުގެ ފުރުސަތު އޮންނާނެ ކަމަށެވެ.

ޝައުގުވެރިވާ ފަރާތްތަކަށް ހާއްސަކޮށްގެން މި މަހު 29 ވަނަ ދުވަހު މައުލޫމާތު ދިނުމުގެ ސެޝަނެއް ޒޫމް މެދުވެރިކޮށް ބާއްވަން ނިންމާފައިވާ އިރު، ސެޝަންގައި ބައިވެރިވުމަށް މި މަހު 28 ވަނަ ދުވަހުގެ ކުރިން ރެޖިސްޓްރީ ވާން އެދިފައިވެ އެވެ.

ބިޑް ޑޮކިޔުމެންޓް މިނިސްޓްރީގެ ވެބްސައިޓުން ލިބޭނެ ކަމަށާއި މި މަހު 14 އިން ފެށިގެން ޖޫން 6 ވަނަ ދުވަހުގެ ނިޔަލަށް މިނިސްޓްރީގެ ރިސެޕްޝަނުން ވެސް ބިޑް ޑޮކިޔުމެންޓު ދޫކުރާނެ ކަމަށް ބުންޏެވެ.

ފަތުރުވެރިކަމަށް ހުޅުވާލި 16 ރަށުގެ ތެރޭގައި މީގެ ކުރިން އުތުރުގެ ސަރަހައްދުން ހުޅުވާލި، ނަމަވެސް އިންވެސްޓަރުންގެ ޝައުގުވެރިކަން ނުލިބުނު އަލިދުއްފަރު ފިނޮޅުވެސް ހިމެނެ އެވެ.

ފަތުރުވެރިކަމަށް ހުޅުވާލި ރަށްރަށަކީ:

  1. ހއ. ވެލިފިނޮޅު
  2. ހއ. އަލިދުއްފަރު ފިނޮޅު
  3. ހދ. ކުޑަފަރު ފަސްގަނޑު
  4. މ. ސީދީ ހުރާ / މ. ސީދީ ހުރާ ވެލިގަނޑު، ސީދީހުރާ އާއެކު
  5. މ. މާއުފުށި
  6. ތ. ކާއްޑޫ
  7. ތ. ކަނިމީދޫ (އުތުރުން 10 ހެކްޓަރު)
  8. ތ. އޮޅުފުށި / އޮޅުފުށި ފިނޮޅު (އޮޅުފުއްޓާއެކު)
  9. ލ. ކަށިދޫ
  10. ލ. ބޮޑުމުންޏަފުށި
  11. ލ. ދޮންބެރެހާ / ހޮޅުރަހާ (ދޮންބެރެހާ އާއެކު)
  12. ގއ. މާރެހާ
  13. ގއ. ފުނަދޫވިލިގިއްލާ
  14. ގދ.ކަނޑަހަލަގަލާ
  15. ގދ. ކަޑެވާރެހާ (ދިގުރެހާ އާއެކު) / ދިގުރެހާ
  16. ގދ. ފެރޭތަވިލިގެއްލާ (ގިނަ ރަށްތަކެއް ހިމެނޭހެން) / ދެކާންބާ (ފެރޭތަވިލިގެއްލާ އާއެކު) / ކޮޑެރެޓާ (ފެރޭތަވިލިގެއްލާ އާއެކު) / ފެރޭތަ ވިލިގެއްލާ ކައިރީ އޮންނަ 2.9 ހެކްޓަރުގެ ކުޑަ ރަށެއް ފެރޭތަ ވިލިގެެއްލާ އާއެކު

މީގެ ތެރެއިން ބައެއް ރަށްރަށަކީ މީގެ ކުރިންވެސް ފަތުރުވެރިކަން ތަރައްގީ ކުރުމަށް ހުޅުވާލި ރަށްރަށެވެ.

އުތުރާއި ދެކުނުން އަދި މެދު ރާއްޖެ ތެރެ ވެސް ހިމެނޭ ގޮތަށް ރަށްތަކެއް ޓޫރިޒަމަށް ހުޅުވާލިއިރު ޓޫރިޒަމް ގާނޫނަށް އިސްލާހު ގެނެސް އުތުރާއި ދެކުނުގެ ޓޫރިޒަމް ބިމު ކުލި ވަނީ ކުޑަކޮށްފަ އެވެ.

ޓޫރިޒަމް މިނިސްޓްރީ އިންް ބުނެފައި ވަނީ މި އަހަރު ވެގެންދާނީ ފަތުރުވެރިކަމުގައި އިންވެސްޓްމެންޓުގެ އަހަރަކަށް ކަމަށެވެ.

comment ކޮމެންޓް