މިދިޔަ މަހު މީރާއިން 1.3 ބިލިއަން ރުފިޔާ ބަލައިގެންފި

މީރާ ހިންގަމުންދާ އިމާރާތް -- ސަން ފޮޓޯ/ ފަޔާޒް މޫސާ

ދައުލަތުގެ ޓެކްސް އިދާރާ، މިރާއަށް މިދިޔަ މަހު 1.33 ބިލިއަން ރުފިޔާ ބަލައިގަނެފައިވާކަމަށް އެ އިދާރާއިން ބުނެފި އެވެ.

އެ އަދަދަކީ ވޭތުވެދިޔަ އަހަރުގެ މި މުއްދަތުގައި ލިބުނު އާމްދަނީއަށްވުރެ 19.2 ޕަސަންޓު އިތުރު އަދަދެކެވެ. އަދި، މާރިޗު 2021 ގައި ލިބޭނެ ކަމަށް އަންދާޒާކޮށްފައިވާ އަދަދަށްވުރެ 28.4 ޕަސަންޓު އިތުރު އަދަދެކެވެ.

މީރާއިން ބުނިގޮތުގައި މިދިޔަ އަހަރުގެ މާޗު މަހު ލިބުނު އާމްދަނީ އާ އަޅާބަލާއިރު މިއަހަރުގެ މާޗު މަހު ލިބިފައިވާ އާމްދަނީ އިތުރުވުމުގެ މައިގަނޑު ސަބަބަކީ ޓޫރިޒަމް ލޭންޑް ރެންޓް އަދި ޓީޖީއެސް.ޓީގެ ގޮތުގައި ލިބިފައިވާ އާމްދަނީ އިތުރުވެފައިވުމެވެ.

މާރިޗު 2020 ގައި ކޮވިޑް-19 ގެ ސަބަބުން ރާއްޖޭގައި ލޮކްޑައުންކޮށްފައިވާތީ، ޓޫރިޒަމް މިނިސްޓްރީން ވަނީ މިދިޔަ އަހަރުގެ ދެ ކުއާޓަރެއްގެ ޓުރިޒަމް ލޭންޑް ރެންޓް ދެއްކުމުގެ ސުންގަޑި ފަސްކޮށްދީފައިއެވެ. އެހެންކަމުން، މާރިޗު 2020 ގައި މި ފައިސާ ލިބިފައެއް ނުވެއެވެ.

އޭގެ އިތުރުން، މިދިޔަ މަހު ޓޫރިޒަމް ދާއިރާގެ ވިޔަފާރި އިތުރުވެފައިވާތީ، މި ދާއިރާއިން ލިބިފައިވާ ޓީޖީއެސްޓީ އިތުރުވެފައިވާކަމަށް މީރާއިން ބުންޏެވެ.

މިދިޔަ މަހުގައި މީރާއަށް ބަލައިގަތް އާމްދަނީގެ އެންމެ ބޮޑު ބައެއް ހިއްސާކުރަނީ ޖީއެސްޓީއެވެ. އެއީ 51.0 ޕަސަންޓު ނުވަތަ 676.90 މިލިއަން ރުފިޔާއެވެ.

ދެން އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވަނީ ޓޫރިޒަމް ލޭންޑް ރެންޓުންނެވެ. އެއީ 25.3 ޕަސަންޓު ނުވަތަ 335.39 މިލިއަން ރުފިޔާއެވެ.

އޭގެ އިތުރުން، ގްރީން ޓެކްސްގެ ގޮތުގައި 69.96 މިލިއަން ރުފިޔާ (5.3 ޕަސަންޓު)، އާމްދަނީން ނަގާ ޓެކުހުގެ ގޮތުގައި 69.91 މިލިއަން ރުފިޔާ (5.3 ޕަސަންޓު)، އެއަރޕޯޓް ޑިވެލޮޕްމަންޓް ފީ ގެ ގޮތުގައި 32.41 މިލިއަން ރުފިޔާ (2.4 ޕަސަންޓު) އަދި އެހެނިހެން ޓެކުހާއި ފީގެ ގޮތުގައި ލިބިފައިވާ 142.99 މިލިއަން ރުފިޔާ (10.8 ޕަސަންޓު) ހިމެނެއެވެ.

މިދިޔަ މަހުގައި ބަލައިގަނެފައިވާ އާމްދަނީގެ ތެރޭގައި 63.73 މިލިއަން އެމެރިކާ ޑޮލަރު ހިމެނެއެވެ.

comment ކޮމެންޓް