ޔާމީންގެ ސިޓީފުޅު: "މިއީ އަނިޔާ، ބޭއިންސާފަށް ކުޑަކަކޫ ނުޖަހާނަން"

ހައިކޯޓުގައި ބޭއްވި ހުކުމް ކުރުމުގެ މަޖިލީހުގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް --

އެމަނިކުފާނަށް މިހާރު ދެމުން އެދަނީ "ހަގީގީ އަނިޔާ" ކަމަށާއި ބޭއިންސާފުގެ ކުރިމަތީ ކުޑަކަކޫ ނުޖަހާނެ ކަމަށް ޖަލު ހުކުމެއް ތަންފީޒު ކުރަމުންދާ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްޔައްޔޫމް ވިދާޅުވެއްޖެ އެވެ.

އެމަނިކުފާނު މިފަދައިން ވިދާޅުވީ، ކުރިއަށް އޮތް ކައުންސިލް އިންތިހާބާ ދިމާކޮށް، ދަރިކަލުން ޒޭން އަބްދުﷲ ޔާމީން މެދުވެރިކޮށް ފޮނުއްވި ހާއްސަ ސިޓީފުޅެއްގަ އެވެ.

ރައީސް ޔާމީން ވިދާޅުވީ، މާފުށީ ކުޑަގޮޅިން ރައްޔިތުންނާ ބައްދަލު މި ކުރައްވަނީ ގައުމުގެ މިއަދުގެ ހާލަތާމެދު ނުހަނު ކަންބޮޑުވާ ހާލުގައި ކަމަށެވެ. އަދި ކުޑަ ގޮޅީގައި އެމަނިކުފާނު ފޮރުވައިގެން ގެންގުޅޭނީ އެމަނިކުފާނުގެ ގެންގުޅުއްވާ ފިކުރު ދެކެ ވާދަވެރި ފަރާތްތަކުން ބިރު ގަންނާތީ ކަމަށެވެ.

"ތިޔަ ލޮބުވެތި ރައްޔިތުންނާ ދުރުގައި މާ އެކަހެރި ތަނެއްގައި އަޅުގަނޑު ފޮރުވައިގެން މި ގެންގުޅެނީ އެބޭފުޅުން މިފިކުރު ދެކެ ބިރުންނެވެ. އަދި އަޅުގަނޑުމެންގެ ހިތްވަރު ބަލިކޮށްލެވިދާނެ ކަމަށެވެ. އަދި އަޅުގަނޑުމެން އަމާންދެއްވަފާނެ ކަމުގެ ފިނޑި ހިޔާލުގައި އެވެ." ރައީސް ޔާމީންގެ ސިޓީގައި ވިދާޅުވި އެވެ.

"ތިޔަ ލޮބުވެތި ރައްޔިތުންގެ ހައްގުގައި އަޅުގަނޑު ވަކާލާތުކުރާނެކަން އެބޭފުޅުންނަށް އެނގިވަޑައިގަންނަވާތީއެވެ. ހަގީގީ އަނިޔާއަކީ މިއީ އެވެ."

ރައީސް ޔާމީން ވިދާޅުވީ، 2013 ވަނަ އަހަރު ވެރިކަމާ ހަވާލުުވެވަޑައިގަތުމަށްފަހު ގައުމުގެ އިގްތިސާދު ކޮޅަށް ޖަހައިދިން ކަމަށެވެ. އަދި އެތަށް ކަމަކަށް ހައްލު ހޯއްދަވައިދެއްވި ކަމަށެވެ. އެގޮތުން ގައުމީ މަސްލަހަތާ ގުޅުންހުރި މައްސަލަތައް ހައްލުކޮށް، ފުރިހަމަ ސިޔާދަތާއި މިނިވަންކަން ލިބިފައިވާ ފަހުރުވެރި ގައުމަކަށް ރާއްޖެ ހަދައިދެއްވި ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

"މިކަންކަމުގެ ނަތީޖާއަކަށްވީ ވާދަވެރި ސިޔާސީ ފަރާތްތަކާއި އެ ބޭފުޅުންނަށް ވާގިވެރިވާ ބޭރުގެ ފަރާތްތައް ގުޅިގެން އަޅުގަނޑު ޖަލަށްލުމެވެ." ރައީސް ޔާމީން ވިދާޅުވި އެވެ.

ރާއްޖެފަދަ ކުޑަ ޖަޒީރާ ގައުމަަކަށް ބަވަނަވެފައިވާ މި ދުނިޔޭގައި ހަމައިސްކޮޅަށް ތެދުވެވޭނީ ވަރަށް ސާބިތުކަމާއެކު ނުކުމެގެންކަން އެންމެ ފުރަތަމަ ދުވަހުވެސް ގަބޫލު ކުރެއްވި ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ. އަދި އެ އެ ދަތުރަކީ ފަސޭހަ ދަތުރަކަށްނުވާނެ ކަން ހިތާއި ނަފުސުން ގަބޫލުކުރި ކަމަށް ރައީސް ޔާމީން ވިދާޅުވި އެވެ.

"ދިވެހިންގެ ކަންކަން ނިންމާނީ ދިވެހިން ކަމަށް ދެކިގެންނެވެ. ބޮޑެތި ބާރުތަކާއި ނުފޫޒުތަކުގެ އަޅުވެތިކުރުމުގެ ފަލްސަފާއާ ދެކޮޅުވެވަޑައިގެންނެވެ. ޕީޕީއެމް ޕީއެންސީގެ ފިކުރަކީ އެއީއެވެ. މިއީ ގައުމީ ފިކުރެވެ. މި ފިކުރުގެ ރައްޔިތުންގެ ލޭ ހިނގާހާ ދުވަހަކު މި ޤައުމަށް ވާނެ ގޮތެއްވާން ދޫކޮށްނުލާނެކަން އަޅުގަނޑަށް ޔަގީނެވެ." ރައީސް ޔާމީން ވިދާޅުވި އެވެ.

ރައީސް ޔާމީން ވިދާޅުވި ގޮތުގައި އެމަނިކުފާނާ ވާދެވެރި ފަރާތްތަކުން ބިރު ގަންނަނީވެސް އެހެން ވެއެވެ. ކިތަންމެ އަނިޔާއެއް ކުރި ނަމެވެސްއަމިއްލަ އުފަލާއި ހިތްހަމަޖެހުމަށްވުރެ އިސްކުރަނީ ދިވެހި ރައްޔިތުންގެ މަސްލަަހަތު ކަމަށް ރައީސް ޔާމީން ވިދާޅުވި އެވެ.

"މުހިއްމީ ދިވެހި ރައްޔިތުންގެ މިނިވަންކަމާއި މި ގައުމުގެ އިސްތިގުލާލެވެ. ބޭރު މީހުން މި ގައުމުގެ ދާހިލީ ކަންކަމުގެ ތެރެއަށް ވަދެ ގޮތް ކިޔައިގެން ނުވާނެއެވެ. އެކަމަށް އަޅުގަނޑުމެން ފާރަވެރިވާން ވާންޖެހޭނެއެވެ،" މި ސަރުކާރުގެ ހާރިޖީ ސިޔާސަތަށް ފާޑުވިދާޅުވަމުން ރައީސް ޔާމީން ވިދާޅުވި އެވެ.

އެމަނިކުފާނުގެ މައްޗަށް އިއްވާފައިވާ މަނީލޯންޑަރިންގެ ހުކުމާ ގުޅޭ ގޮތުން ރައީސް ޔާމީން ކުށެށް ނުކުރާ ކަމަށް ވިދާޅުވާ ވިދާޅުވުން އެމަނިކުފާނު އެ ސިޓީގައިވެސް ތަކުރާރު ކުރެއްވި އެވެ.

"އަޅުގަނޑަށް އަނިޔާކޮށް ކުޑަ ގޮޅިއަށް ލައިގެން މިއުޅެނީ ކުށެށްކޮށްގެންް ނޫނެވެެ. މާތްﷲގެ ވާގިފުޅާއެކު ޖަލުން މިނިވަންވެ، ރައްޔިތުންނާ ބައްދަލުކުރައްވާނީ މައުސޫމު މީހެއްގެ ގޮތުގައި އެވެ." ރައީސް ޔާމީން ވިދާޅުވި އެވެ.

ރައީސް ޔާމީން އެމަނކުފާނުގެ ސަޕޯޓަރުންގެ އަރިހުން އެދިވަޑައިގެންނެވީ، ގައުމީ އަދި ވަތަނީ ރުކުންތަކުގައި ސާބިތުކަމާއެކު ތިއްބަވައި، ޕީޕިއެމް/ޕިއެންސީ "ބަދަހި ލަޝްކަރު" ކުރިއަށް ދިޔުމަށެވެ.

ރައީސް ޔާމީންގެ ސިޓީގައި އެމަނިކުފާނު ވިދާޅުވި ގޮތުގައި ޖަލުގައި ހުންނަވަން ޖެހިވަޑައިގަތުމަކީ ގައުމަށް ތަރައްގީ ހޯދައިދެއްވުމަށް ފެއްޓެވި މަސައްކަތުގެ ނިމުމެއް ނޫނެވެ. އަދި އެމަނިކުފާނު އެ ދަތުރު އަދިވެސް ކުރިއަށް ދާނެ ކަމުގެ ޔަގީންކަން ރައީސް ޔާމީން ދެއްވި އެވެ.

"މާތްﷲގެ ވާގިފުޅާއެކު އެ ދަތުރު އަލުން ފަށައި އުފާވެރި ހަޔާތެއްގެ ދަންމަރު އަލުން ރޯކޮށް، ނަފާވެރިކަން މި ޖީލަށް އަލުން ގެނެސްދޭނީ މި ފިކުރުންނެވެ. ހުރިހާ ބޭފުޅުންނެވެސް ހިތްވަރުކުރައްވާ ގަދައަޅައި މަސައްކަތްކުރައްވާށެވެ. އަޅުގަނޑުމެން އެނބުރި އަންނާނީ ބަދަހިކޮށެވެ." ސަޕޯޓަރުންނަށް އުންމީދު ދެއްވައި ރައީސް ޔާމީން ވިދާޅުވި އެވެ.

އަންނަ ހޮނިހިރު ދުވަހު ބާއްވާ ކައުންސިލް އިންތިޚާބު ކާމިޔާބުކުރުމަށް ޕީޕީއެމް/ޕީއެންސީގެ މެމްބަރުން ކުރައްވާ ބުރަ މަސައްކަތް ފާހަގަކޮށް އެކަމަށް ރައީސް ޔާމީން ޝުކުރު އަދާކުރެއްވިއެވެ. އަދި އެ އިންތިހާބުގައި ކާމިޔާބު މެދުވެރިކޮށްދެއްވުން އެދި މާތްﷲގެ ޙަޟްރަތުގައި ދުޢާ ދަންނަވާ ކަމަށް ރައީސް ޔާމީން ވިދާޅުވި އެވެ.

އެމަނިކުފާނުގެ ސިޓީ ނިންމަވައިލެއްވީ، ކުރިއަށް އޮތް ބަރަކާތްތެރި ރަމަޟާން މަހުގެ ހެޔޮ ދަރުމައާއި ސަވާބު ހުރިހާ ރައްޔިތުންނަށް މިންވަރުކޮށްދެއްވުން އެދި މާތްﷲގެ ހަޒްރަތަށް ދުއާ ދަންނަވަމުންނެވެ.

comment ކޮމެންޓް