ވެލާވަރު ރިސޯޓުގެ މައްސަލަ ހައްލުވެއްޖެ: އީސީ

ޑިސެމްބަރ 10، 2020: އިލެކްޝަން ކޮމިޝަންގެ ރައީސް އަހްމަދު ޝަރީފް ސަންއަށް ދެއްވި ހާއްސަ އިންޓަވިއުގެ ތެރެއިން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

އަންގްސާނާ ވެލާވަރު ރިސޯޓަށް އިލެކްޝަންސް ކޮމިޝަނުގެ އޮފިޝަލުން އަރަން ހުއްދަ ނުދިން މައްސަލަ މިހާރު ހައްލުވެފައިވާ ކަމަށް އެ ކޮމިޝަނުގެ ރައީސް، އަހްމަދު ޝަރީފް ވިދާޅުވެއްޖެ އެވެ.

އީސީގެ އޮފިޝަލުން ވޯޓު ފޮށި ހިފައިގެން އެ ރިސޯޓަށް ދިއުމުން، ރިސޯޓަށް އެރުމުގެ ހުއްދަ ނުދިނުމުން، ރިސޯޓާ ކައިރި ރަށަކަށް މިއަދު ވަނީ ފޮނުވާލައިފަ އެވެ.

ޝަރީފް މީގެކުރިން ވިދާޅުވީ އޮފިޝަލުން ދިޔައީ ޕީސީއާރް ނެގެޓިވް ނަތީޖާއާ ވެސް އެކުގައި ކަމަށެވެ. ރިސޯޓަށް އަރަން ހުއްދަ ނުދިނީ ހެލްތު ޕްރޮޓެކްޝަން އެޖެންސީގެ ހުއްދަ ނުލާ އީސީގެ އޮފިޝަލުން ދިއުމުންނެވެ.

އޭނާ ވިދާޅުވީ އެ ރިސޯޓުގައި ވޯޓުލާން 61 މީހަކު ރަޖިސްޓްރީކޮށްފައިވެ އެވެ. އީސީގެ އޮފިޝަލުން ރިސޯޓަށް އަރަން ހުއްދަ ނުދިނުމުން، އެ ފަރާތްތަކަށް ވޯޓު ލެވޭނެ ގޮތެއް ހޯދުމަށް އީސީން ވަނީ މަސައްކަތް ފަށައިފަ އެވެ. އެގޮތުން ދ. މީދޫގައި އެ ރިސޯޓުގެ ވޯޓު ފޮށި ބެހެއްޓޭތޯ ވެސް ބެލި އެވެ.

ނަމަވެސް ޝަރީފް މިރޭ ވިދާޅުވީ، މިހާރު އެ ރިސޯޓުގައި ޖެހުނު މައްސަލަ މުޅިން ހައްލުވެފައިވާ ކަމަށެވެ.

ހޮނިހިރު ދުވަހު އޮންނަ އިންތިހާބަށް ވާންޖެހޭ ފަހުގެ ތައްޔާރީތައް ފަށާފައި ވާއިރު، ރަށްރަށަށް ވޯޓު ފޮށިތައް ގެންދިއުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ.

އިންތިހާބުގައި ވާދަކުރާނީ 3934 ކެންޑިޑޭޓުންނެވެ. އެއީ ލޯކަލް ކައުންސިލް އިންތިހާބުގައި ވާދަކުރާ 2264 ކެންޑިޑޭޓުންނާއި، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކަށް ވާދަކުރާ 1670 ކެންޑިޑޭޓުންނެވެ.

މިފަހަރުގެ އިންތިހާބަށް 735 ވޯޓުލާ މަރުކަޒު ބިނާކުރަންޖެހޭނެ ކަމަށް އީސީން ވަނީ ލަފާކޮށްފަ އެވެ. އެއީ ރިސޯޓުތަކަށާއި، އެޗްޕީއޭގެ ގައިޑްލައިންއާ ގުޅިގެން މާލެއަށް އިތުރުވާ ފޮށިތަކާ އެކު އެވެ. މިފަހަރުގެ އިންތިހާބުގައި ވޯޓުފޮށި ބަހައްޓަން އެދޭ ހުރިހާ ރިސޯޓެއްގައި ވެސް ވޯޓުލުން ކުރިއަށް ގެންދަން އީސީން ނިންމި އެވެ.

comment ކޮމެންޓް