އެމްޑީޕީ ނޫން ކެންޑިޓޭޓަކަށް ވޯޓު ދޭން ޖެހޭ ސަބަބެއް ނެތް: ރައީސް

ރައީސް ސޯލިހް އޭމްޑީޕީ ކެމްޕެއިން އޮޑީގައި އިންޓަވިއު ދެއްވަނީ ---

އަންނަ ހޮނިހިރު ދުވަހު ބާއްވާ ލޯކަލް ކައުންސިލް އިންތިހާބުގައި އެމްޑީޕީ ނޫން ކެންޑިޑޭޓުންނަށް ރައްޔިތުން ވޯޓު ދޭން ޖެހޭ ސަބަބެއް ނެތް ކަމަށް އެޕާޓީގެ އެންމެ މަތީ ވެރިޔާ އަދި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

އެމްޑީޕީގެ ރަށްވެހި ފަތިސް ކެމްޕެއިންގެ އޮޑިއާ މިއަދު ހަވީރު ގުޅިވަޑައިގެން ރައީސް ދެއްވި އިންޓަވިއުގައި ވިދާޅުވީ، ކުރިއަށް އޮތީ މުހިންމު އިންތިހާބެއް ކަމަށާއި އެމްޑީޕީ ކެންޑިޑޭޓުންނަށް ވޯޓު ދޭން ޖެހޭ ކަމަށެވެ. އަދި އެ ނޫން ގޮތަކަށް ވޯޓު ދޭން ޖެހޭ ސަބަބެއް ވިސްނިވަޑައިނުގަންނަވާ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

"އަޅުގަނޑަކަށް ނުފެނޭ އެމްޑީޕީ ނޫން ކެންޑިޑޭޓަކަށް ވޯޓު ދޭން ޖެހޭ އެއްވެސް ސަބަބެއް. ކުރެވިފައިވާ ހުރި ކަންތައް އެހުރީ ފެންނަން. ކުރަން ރާވާފައި ހުރި ކަންތައް އެހުރީ ފެންނަން،" ރައީސް ވިދާޅުވި އެވެ.

ރައީސް އެމްޑީޕީ ކެމްޕެއިން އޮޑިއާ ގުޅިވަޑައިގަތީ މިރޭ އއ. ރަސްދޫ ފަޅުގައި ކެމްޕެއިން ނިންމާލުމަށް ބާއްވާ ޖަލްސާގައި ބައިވަރިވަޑައިގަތުމަށެވެ. އެކި އުޅަނދުތަކުގައި އެމްޑީޕީގެ ލީޑާޝިޕް ބޭފުޅުން ދަތުރުގައި ބައިވެރިވަޑައިގަންނަވައެވެ. އެ ދަތުރުގައި މާލެއިން ދަތުރު ކުރި ބޭފުޅުން ރަސްދޫއަށް ނުފައިބާނެ އެވެ.

އެމްޑީޕީ ކެމްޕެއިން ނިންމާލުމަށް ބާއްވާ ހަރަކާތުގެ ތެރެއިން ރައީސް ސޯލިހާއި ރައީސް މުހައްމަދު ނަޝިދު އަދި ޕާޓީގެ ލީޑާޝިޕް ބޭފުޅުން ބައިވެރި ވަޑައިގަންނަވަނީ ---

ރައީސް ވިދާޅުވީ، އެމްޑީޕީއަކީ އެއިރެއްގެ އޮންނަ ހާލަތާ އެއްގޮތަށް ކެމްޕެއިން ކުރަން ދަންނަ ޕާޓީ އެއް ކަމަށެވެ.

"މިއަދުވެސް ފެނިގެން މިދަނީ އެ މަންޒަރު. އަޅުގަނޑުމެންނަށް އިރާދަކުރެއްވިއްޔާ އޭރެއްގައި އޮންނަ ކަނޑެއްގައި ދުއްވަން އެނގޭނެ. އެގޮތުން ރަށްވެހި ފަތިސް ކެމްޕެއިން ނިމުމުގެ މަސައްކަތް ފެށިގެން މިދަނީ އާދަޔާ ހިލާދު ތަފާތު މަންޒަރެއް ފެނިގެން މިދަނީ،" ކެމްޕެއިން ނިންމާލުމުގެ ހަރަކާތަށް ނިސްބަތަކޮށް ރައިސް ވިދާޅުވި އެވެ.

ރައީސް މީގެ ކުރިންވެސް ވިދާޅުވެފައިވަނީ ލާމަރުކަޒީ ނިޒާމަކީ އެޕާޓީގެ ފިކުރެއް ކަމަށާއި އެއީ އެޕާޓީ "ވިހެއި ދަރިއެއް" ކަމަށެވެ. އަދި އެހެން ބަޔަކަށް އެ ނިޒާމް ނޭނގޭނެ ކަމަށް ރައީސް ވިދާޅުވެފައިވެ އެވެ.

އެމްޑީޕީ ނޫން ކެންޑިޑޭޓުންނަށް ވޯޓު ދޭން ޖެހޭ ސަބަބެއް ނެތް ކަމަށް ރައީސް ވިދާޅުވި އިރު، ސަރުކާރު ހިންގާ ކޯލިޝަންގެ ބައިވެރިން ކަމުގައިވާ ޖޭޕީ އާއި އެމްއާރުއެމް އަދި އަދާލަތު ޕާޓީންވެސް ބައެއް ކައުންސިލްތަކަށް ވާދަ ކުރެ އެވެ.

comment ކޮމެންޓް