އަންދަލުސްގެ ޕްރިންސް 26

އަންދުލުސް ޕްރިންސް

އެހާވަރަށް އަންދަލުސްގެ ރީތިކަމާއި ޒީނަތްތެރިކަމުގެ ވާހަކަ ބަޔާންކޮށްދީ މޫސާ ބިން ނުސައިރުގެ ހިތްޕުޅު ތެރޭ ދަހިވެތިކަން އުފެދި ޝައުގުވެރިވާ ފަދަ ގޮތަކަށެވެ. މޫސާ ބިން ނުސައިރުއަކީ ދުރުވިސްނިވަޑައިގަންނަވާ ތަޖުރިބާކާރު މުޖާހިދެކެވެ. މުސްލިމުންގެ ފުތޫހާތުގެ ލިސްޓަށް ގިނަ ގައުމުތައް އިތުރުކުރެއްވުމަކީ އޭނަގެ ހުވަފެންފުޅެކެވެ. ހުރިހާ އެންމެންގޮސް މޫސައާއި ޖޫލިއަން އަދި ތަރުޖަމާނު އެކަނިވިއެވެ.

"ތިހުރިހާ ކަމަކާއިމެދު ވިސްނާފައި މިއައީ. އަދި އަޅުގަނޑަކީ ކޮއްކޮ ކަމުގައި ދެކެވަޑައިގެންނެވިކަމީ............" މޫސައާއި ޖޫލިއަން ދެމީހުންގެ އަތްތިލަ ގުޅުވައިލިއެވެ." އެއްވެސް މީހަކު އެމީހެއްގެ ކަނޑި ދުޝްމިނާއި ހަވާލެއް ނުކުރާނެ. އެކަމަކު ތިއީ މިހާރު އަހަރެންގެ ދުޝްމިނެއްނޫން. އެކުވެރިއެއް. އަޚެއް.........."

ޖޫލިއަން އޭނަގެ ކަނޑި މޫސާ ބިން ނުސައިރުގެ ފައިންޕުޅު ކައިރީގައި ބޭއްވިއެވެ. އޭނަގެ ވާހަކައިގަ ޖޯޝާއި އެކު ޖަޒުބާތުގެ އަސަރު ވެސް ވިއެވެ.

"އަޅުގަނޑު މި ކަނޑިއަށްވެސް ގަދަރުކުރަން.." މޫސާ ގުދުވެވަޑައިގެން ކަނޑި ނެންގެވިއެވެ."އެކަމަކު އަދިވެސް މިތަނަށް ވަޑައިގަތް މަގުސަދު ހާމައެއް ނުކުރައްވާ..."

"ޢަޅުގަނޑުގެ ބޭނުން ނުބުނެ މިތަނަކުން ނުދާނަން..އަޅުގަނޑުގެ ސުވާލެއް އެބައޮތް. މަނިކުފާނުގެ ދަރިކަނބަލެއްގެ އަބުރަށް މީހަކު އަރައިގަނެފިއްޔާ ކިހިނެއްތޯ ހައްދަވާނީ؟"ޖޫލިއަން އެއްސެވިއެވެ.

"މުޖްރިމްގެ ކުށް ސާބިތުކުރުމަށްފަހު އެކަށީގެންވާ ސަޒާއެއް ދޭނަން..."

"އެ މުޖްރިމަކީ ވަރުގަދަ ރަސްކަމެއްގެ ވެރިއަކަށް ވެއްޖެއްޔާ؟ "

"އޭރުން އެ ރަސްކަން ނިގުޅައިގެންފާ އެމީހަކު ގަތުލުކޮށް ޚާންދާނުގެ މީހުން އަޅުންގެ ގޮތުގައި ގެންނާނީ..."

"އަނިޔާލިބިގެންވާ ބައްޕައެއްގެ ފަރިޔާދު އަޑުއަހާފައި މަނިކުފާނު ކޮން ފިޔަވަޅެއް އަޅުއްވާނީ؟ "

"އެފަދަ ފަރާތަކަށް އެހީވާނަން އެކަމަކު އަޅުގަނޑުމެންގެ ޚަލީފާކަން ނުރައްކަލުގެ ތެރެއަށް ވައްޓާނުލާނަން.............."

"މަނިކުފާނުގެ ގައުމަކަށް އަދި ވެރިކަމަކަށް އެއްވެސް ކަހަލަ ނުރައްކަލެއް ކުރިމަތިނުވާނެކަމުގެ ޔަގީންކަން އަޅުގަނޑު ދީފާނަން. އެ އަނިޔާލިބިގެންވާ ބައްޕައަކީ އަޅުގަނޑު އަދި އަބުރު ކަތިލެވުނު ކުއްޖަކީ އަޅުގަނޑުގެ ދަރިފުޅު. ފްލޮރިންޑާއާއި ދޭތެރޭ ވަރަށް އިހާނެތިކޮށް ކަންތައްކޮށްފި. އެދަރިފުޅު އަމިއްލައަށް މަރުނުވީ ހަމަކިރިޔާ. އެއީ އިންސާނެއް ނޫން. ހައިވާނެއް......." ކައުންޓް ޖޫލިއަންގެ ލޮލުގައި ގިނަވި ކަރުނަތައް ނުހިފެހެއްޓިގެން ތިރިއަށް އޮހިގަތެވެ. މޫސާ ބިން ނުސައިރުގެ ހިތްޕުޅަށް އަސަރުކުރިއެވެ.

ކައުންޓް ޖޫލިއަން ގެ ގާތުން މޫސާ ބިން ނުސައިރު އެ ދަރިފުޅު ތުލައިތާއަށް ފޮނުވި ސަަބަބު އެއްސެވިއެވެ. ޖޫލިއަން ކިޔާދިނެވެ. އެމީހުންގެ ސަގާފަތުގައި އޮންނަގޮތުން ޝާހީ ބޭފުޅުންނާއި ޖެނެރަލުން އަދިސަރުކާރުގެ އިއްޒަތްތެރިންނާއި ކޮމަންޑަރުންގެ ދަރިންތައް ތުލައިތާގެ ޝާހީ ކޯޓުގައި ތަރުބިއްތަކުރުމަށް ފޮނުވައެވެ. ރަގަޅު ތައުލީމެއް ދީ ތަރުބިއްޔަތު ކުރުމަށެވެ. ހުރިހާ ޚަރަދެއް ބަލަހައްޓަނީ ސަރުކާރުންނެވެ. އެގޮތުން ރަސްގެފާނުގެ ރުހުން ލިބި އެ ކުދިން ބޮޑެތިވުމުން މީހުންނާއި ކައިވެނިކޮށްދިނުމުގެ ކަންތައް ހަމަޖައްސާ ޚަރަދުކުރެއެވެ. އޭރު ޔޫރަޕްގައިވެސް އޮންނަނީ އެފަދަ ސަގާފަތެކެވެ. ކައުންޓް ޖޫލިއަންވެސް އޭނަގެ ފުރާނަފަދަ ލޯބިވާ ދަރިފުޅު ފްލޮރިންޑާ ތުލައިތާއަށް ފޮނުވީ އެކުއްޖާއަށް ރަގަޅު ތައުލީމެއް ދީ އެކަށީގެންވާ ރަގަޅު ފިރިޔަކު ލިބޭނެކަމުގެ ޔަގީންކަމުގައެވެ.

އިރުގަނޑެއްފަހުން ޖޫލިއަންގެ ސިފައިންގެ ބަޔަކުވެސް ވަދެ އިށީދެއްޖެއެވެ.

"އަޅުގަނޑުވެސް އެ ރަސްގެފާނުގެ އަނިޔާވެރިކަމާއި ރަހުމްކުޑަކަމުގެ ވާހަކަ އަހައިފިން. ސިފައިން ރައްޔިތުން ބިރުގަންނަވާ ފޭރޭ ވާހަކަ އިވިއްޖެ. އެވާހަކަތައް އަދި ތިޔަފަރާތުން އިވުމުން ބޮޑަށް ޔަގީންކުރެވިއްޖެ" މޫސާ ވިދާޅުވިއެވެ.

"އެއީ އަނިޔާވެރިކަން ހައްދުން ނައްޓާފައިވާ ޝައިތާނެއް. އަޅުގަނޑުމެން އެކަންޏެއްނޫން. ދަރިންގެ ފުރާނައާއި ކަރާމާތަށްވެސް ނުރައްކާވެއްޖެ. އޭނަގެ ވެރިކަމުގައި އެންމެ މިނިޓަކަށް ތިބެންވެސް ހިތާއި ހަށިވެސް ނުރުހޭ....." ކައުންޓު ޖޫލިއަން ދެންނެވިއެވެ.

"އެހެންވިއްޔާ ޖޫލިއަންއާއި އެކުގައި އައި ޖަމާއަތަށް މިތަނުގައި މަޑުކުރެވިދާނެ. ތިޔަ ބޭކަލުންނަށް ހިމާޔަތްދީފާނަން....."

"ވަރަށް ބޮޑަށް ޝުކުރުވެރިވަން އެކަމަކު...."ކައުންޓު ޖޫލިއަން ފަސްޖެހުނެވެ.

"ކޮންކަމެއްތޯ؟ ވިދާޅުވޭ. އަޅުގަނޑު މިހިރީ އަޑުއަހަން..." ޖޫލިއަންގެ ފަސްޖެހުން ފެނިވަޑައިގެން މޫސަ ވިދާޅުވިއެވެ.

"އަޅުގަނޑުމެން މިއައީ ވަރަށް ބޮޑު އުއްމީދަކާއެކީ. މަނިކުފާނުގެ މަދަދު އެދިގެން....."

"މަނިކުފާނު އިސްލާމްދީނަށް ވަދެވަޑައިގަންނަވަން ބޭނުންފުޅީތޯ؟ އެއީ ހަގީގަތެއްކަމަށް ވަންޏާ ﷲ އަކްބަރު..........." މޫސަ ވިދާޅުވިއެވެ.

"މަނިކުފާނު އަޅުގަނޑުމެންނާއި މެދު ބެހެއްޓެވި އޯގާތެރިކަމާއި ހެޔޮފުޅުކަމާއެކު އަޅުގަނޑު ދޮގު ހަދާކަށް ނެތިން. އަޅުގަނޑުގެ ހިތުގައި އިސްލާމްދީން އުގެނުމާއިމެދު ޝައުގުވެރިކަން އެބަހުރި އެކަމަކު އަޅުގަނޑަށް ވަގުތު ދެއްވަފާނަންތޯ؟" ޖޫލިއަން ދެންނެވިއެވެ.

" އިސްލާމްދީންގައި ގަދަކަމުން ދީނަށް ވެއްދުމެއް މަޖުބޫރުކުރުމެއްނެތް. އިސްލާމްދީނަށް ވެދެވަޑައިގަންނަވަންޏާ ހިތުން ރުހުމުން...."

"ކުރިންވެސް ދެންނެވިފަދައިން އަޅުގަނޑު މިއައީ އެއަށްވުރެ ބޮޑު ހުށަހެޅުމަކާއެކީ. މަނިކުފާނު ގަބޫލުފުޅު ކުރެއްވުމަކީ އަޅުގަނޑުމެންގެ ވަރަށް ބޮޑު އުއްމީދެއް. އަޅުގަނޑުމެންގެ އެންމެ ފަހުގެ އުއްމީދަކީ ތިއީ" ޖޫލިއަންގެ އަޑުގައި އާދޭހުގެ ރާގުވިއެވެ.

"މަނިކުފާނުގެ ވާހަކަތަކަކީ ތެދަކަށްވާނެކަމަށް އަޅުގަނޑު ދުޢާކުރަން. އިސްލާމްދީނާއި ދެކޮޅުނޫން ކޮންމެކަމެއްގައި އެހީވާން މިހިރީ..."

"އަނިޔާވެރި ޒާލިމް ރަސްގެފާނު ލުދްރީކްގެ ފަރާތުން އަޅުގަނޑުމެން މިނިވަންކޮށްދެއްވާ.އޭނަގެ ވެރިކަމުގެ ދަށުގައި އަނިޔާ ލިބެން ހިނދުކޮޅަކު ތިބެންވެސް ދެނެއް ހިތެއް ނޭދޭ. އަޅުގަނޑުމެންނަށް އެހީތެރިވެދެއްވާ. އަންދަލުސްގެ އަހުލުވެރިން އެ އަނިޔާވެރިޔާގެ ކިބައިން ސަލާމަތްކޮށްދެއްވާ........." ކައުންޓު ޖޫލިއަން ކަކޫމައްޗަށް ތިރިވިއެވެ." މާތް ސާހިބާ. އަޅުގަނޑުމެންނަށް އެހީތެރިވެދެއްވާ.އަޅުގަނޑުމެން މަނިކުފާނުގެ ފައިތިލަ ޖެހުނު ތަނެއްގައި ބޮސްދޭން ތައްޔާރަށް މިތިބީ. ސަޖިދަވެސް ޖަހާފާނަން....."

"ކޮމާންޑަރު ޖޫލިއަނގެ ވާހަކަތަކުން މޫސަ ބިން ނުސައިރު ނުރުހެވެނީ އެފަދަ ބަސްތައް ބޭނުންކުރާތީއެވެ.

"ނޫން. އަޅުގަނޑު ބުނިފަދައިން ސަޖިދަޖެހޭނީ ހަމަ އެކަނި ހެއްދެވި ފަރާތަށް. އަޅުކަން ކުރެވޭނީ ހަމައެކަނި ﷲ ސުބުހާނަހޫ ވަތައާލާއަށް. އެހެން މަޚުލޫގުންނަށް ސަޖިދަޖެހުމަކީ ހަރާމްކަމެއް. އެއްވެސް އިންސާނަކަށް އެހެން މަޚުލޫގަކަށް ސަޖިދަ ނުޖެހޭނެ. ޚާލިގުވަންތަ އެންމެންގެ ވެރި އިލާހު ފިޔަވާ އެހެން ފަރާތަކަށް އަޅުކަމެއް ނުވެވޭނެ....."

"މާތް ސާހިބާ. މާފުކޮށްދެއްވާ. އަޅުގަނޑު އެހީތެރިކަމަށް ބޭނުންވެފައި ހުރި ވަރުން ދެންނެވުނީ...." ޖޫލިއަން ދެއްނެވިއެވެ.

މޫސާބިން ނުސައިރު އިރުކޮޅެއްވާންދެން ފުން ޚިޔާލަކަށް ގެއްލިވަޑައިގެންފާ އިންނެވިއެވެ. މާ އަވަސްއަރުވާލާފައި ކުރާ ކަންތައްތަކުގެ ނަތީޖާ ރަގަޅުނުވެ ހިގައިދާނެއެވެ. އޭނަގެ ވިސްނުންފުޅު ދެފަރާތަށް ކިރެމުން ދިޔައެވެ.

" ޔަގީން. އިސްލާމް ދީންގައި އަންގަވާފައިވޭ އަދުލް އިންސާފު ގާއިމުކުރަން. އެކަމަކު.............."

"އެކަމަކު ކީކޭތޯ؟ " ޖޫލިއަން ކަންބޮޑުވިއެވެ.

"އަޅުގަނޑުމެން އަންދަލޫސިއާއަށް ދަތުރުކުރަންޏާ ކަނޑުމަގުން ދާން ޖެހޭނީ. އަޅުގަނޑުމެންނަށް ނާ ފަހަރު ބޭނުންވާނެ....." މޫސަ ވިދާޅުވިއެވެ. ކޮމާންޑަރު ޖޫލިއަންގެ ލޯ ދިއްލުނީ އުފަލުންނެވެ.

"އަޅުގަޑު އެހީތެރިވެދީފާނަން. އިއްތިފާގުން އަޅުގަނޑުގެ އަތުގައި ނާފަހަރު އެބަހުރި. މަނިކުފާނުގެ ސިފައިން ކަނޑު ހުރަސްކޮށް އަންދަލުސްއަށް ގެންގޮސްދެވިދާނެ.. އަދި މަގުދައްކާމީހުންގެ ގޮތުގައި ޚިދުމަތްކުރަން ތައްޔާރަށް މިތިބީ...."

"ހަމަ ތެދެއްތަ؟ " މޫސަގެ މޫނުފުޅުމަތިން އުފާވެރިކަމުގެ ކުލަ ފެނިލިއެވެ.

"އަޅުގަނޑު ހުވާކޮށްފައި ދަންނަވަން. މީގައި އެއްވެސް ދޮގެއް ނުވާނެ."

"މަނިކުފާނު ބިރުފުޅުނުގަންނަނީތޯ؟ ބަޣާވާތްކުރިކަމުގެ ތުހުމަތުގައި ރަސްގެފާނު މަނިކުފާނު ގަތުލުކުރައްވަފާނެއްނޫންތޯ؟ " މޫސަ ޖޫލިއަން އިމްތިހާންކޮށް ލެއްވުމުގެ ގޮތުން ވިދާޅުވިއެވެ.

"އަޅުގަނޑުމެންނަށް މިކަމުގައި ކުރިމަތިވެދާނެ މައްސަލަތަކާ ގޮންޖެހުންތައް އަދި އަޅުގަނޑުމެން ބޭޒާރުވެއްޖެއްޔާ ލިބޭނެ އުގޫބާތް އެނގި ތިބެ މިކަމަށް ކުރިމަތިލީ. ރަސްގެފާނު ލުދްރީކްއަކީ ގޫތެއް. ރައްޔިތުން އަތުން ފޭރިގެންފައިވާ މުދަލުން ފެންވަރައިގެން ވިޔާނުދާ ފާހިޝް އަމަލުގައި ގެނބިފައި އޭނަވަނީ. އަޅުގަނޑުމެން ރައްޔިތުންނާއިމެދު ޖަނަވާރުންނަށްވުރެ ނުބައިކޮށް އަމަލުކުރަނީ. އަޅުގަނޑުން ވަރަށް ހާލުގައި މިއުޅެނީ..................."ކޮމާންޑަރު ޖޫލިއަނގެ ސިފައިންގެ މީހަކު ރައްޔިތުންގެ ހާލު އޮޅުން ފިލުވާދިނެވެ." އަންދަލުސްއަށް އިސްލާމްދީންގެ އަލިކަން އައުމުން ރައްޔިތުންނަށް އުފާވެރިކަން ލިބިގެންދާނެކަމަށް އުއްމީދުކުރަން. އެފްރިކާގައި އެހާ އިންސާފުވެރިކަމާއެކު ވެރިކަން އެކުރަނީ. ރަސްފެނާު ލްުދްރީކްގެ ވެރިކަން ނެތިގެން ދިޔުމުން ހަމައެފަދަ އިންސާފުވެރި ވެރިކަމަކަށް އަޅުގަނޑުމެން އުއްމީދުކޮށްގެން މިތިބީ....."

" އަންދަލުސްއަށް އިސްލާމްދީނުގެ ނޫރު އަވަހަށް ފޯރުކޮށްދެއްވާނެ އިންޝާﷲ..." މޫސަ ހިނިފުޅު ވަޑުވައިލެއްވިއެވެ.

"ތީގެ މާނައަކީ މަނިކުފާނު އަޅުގަނޑުމެންނަށް އެހީތެރިވެ ވަޑައިގަންނަވާނަމޭ؟ "ޖޫލިއަން ސުވާލުކުރިއެވެ.

"ފުރަތަމަ އަޅުގަނޑުގެ މުޝީރުންނާއި ވާހަކަ ދައްކާނަން....."

"ތިވެސް އުފާވެރި ޚަބަރެއް. އެހެންވީމަ މިވަގުތު އަޅުގަނޑުމެން ގޮސްލާނަން.. ތިޔަބޭފުޅުން ނިންމެވުގޮތެއް އަޑުއެހުމުގެ އިންތިޒާރުގައި ތިބޭނަން. ރަގަޅުގޮތެއް ނިންމަވާނެކަމަށް އުއްމީދުކުރަން...."ކޮމާންޑަރު ޖޫލިއަން ހިނިތުންވެލާފައި ސަލާމްކުރުމަށްފަހު އެތަނުން ނުކުމެގެން ދިޔައީ އުއްމީދާއެކުގައެވެ.

***

މޫސާ ބިން ނުސައިރު އޭނަގެ ކޮމާންޑަރުންނާއި މުޝީރުންނާއިއެކު މަޖުލިސްކުރެއްވިއެވެ. މޫސާ ބިން ނުސައިރުގެ ވާހަކަފުޅު ނިމެންދެން އެންމެން ކަނުލާ އަހަން ތިބީ އަދަބުވެރިކަމާއެކުގައެވެ.

"ކޮމާންޑަރު ޖޫލިއަންގެ ހުށަހެޅުމަށް އެއްބަސްވުން ނޫނީ ދެކޮޅުހެދުމުގެ ކުރިން ތިޔަ ބޭކަލުންގެ ލަފާ އަޑުއަހަން ބޭނުން.............." މޫސަ ވިދާޅުވިއެވެ.

"އަޅުގަނޑުގެ ޚިޔާލަކީ ގަވަރުނަރު ޖޫލިއަންއަށް އެހީތެރިވެދިނުން. އަނިޔާވެރިކަމާއި ނާއިންސާފާއި ދެކޮޅަށް ހަގުރާމަކުރުމަކީ އަޅުގަނޑުމެންގެ ޒިންމާއެއް. އެހެންނޫނަސް އެމީހުންވެސް އެތިބީ އެހީތެރިވެދޭން...." އެ ކައުންސިލްގެ އެންމެ ދުވަސްވީ އުމައިރު ދެންނެވިއެވެ.

"އަޅުގަނޑުވެސް އުމައިރުގެ ބަސްފުޅަށް ތާއީދު. ރަސްގެފާނު ލުދްރީކަކީ އަނިޔާވެރި ރަސްކަލެއް. އަންދަލޫސިއާގެ އަހުލުވެރިން ދިރިއުޅެނީ ބިރުވެރިކަމުގައި އަނިޔާލިބިގެންވާ ބަޔެއްގެ ގޮތުގައި. އަންދަލުސްއަށް އެޅިފައިވާ އަނިދިރިކަން އިސްލާމްދީނުގެ ދައްމަރުން އަލިކޮށްލަން އެބަޖެހޭ..........." އެތަނުގައި ވިތި އިލްމުވެރިޔެއްކަމަށްވާ ހަސަން ވިދާޅުވިއެވެ.

"އަޅުގަނޑުމެން ވަރަށް ފަރުވާތެރިވާން ޖެހޭ." ތާރިގު ބިން ޒިޔާދު ވިދާޅުވިއެވެ.

"ތި ވިދާޅުވި އެއްޗެއްގެ މާނައަކީ ކޮބާ؟ " މޫސަ އެއްސެވިއެވެ.

"ތިއީ އުކުޅަކަށް ވެދާނެ. ރަސޫލު ސައްލަﷲ އަލައިހި ވަސައްލަމްގެ ހަޔާތްޕުޅުގައި މިފަދަ ހާދިސާއެއް ހިނގި. މާތްﷲ އެކަލޭގެފާނަށް ސަލަވާތާއި ސަލާމް ލައްވާށި. ޔަމަނުން އައި މީހަކު އެކަލޭގެފާނާއި ބައްދަލުކުރެއްވި. އަދި ދީން އުގަންނާދޭނެ އިލްމުވެރިން ފޮނުއްވަން އެދުނު. ދަތުރުމަތީގައި އެ ސާޅީސް އިލްމުވެރިންނަށް ހަމަލާދީ ގަތުލުކޮށްލީ..." ތާރިގު ބިން ޒިޔާދު ހަދާންކޮށްލަދެއްވިއެވެ.

"ތި ހާދިސާ ހަދާންކޮށްދެއްވިކަން ވަރަށް ރަގަޅު. ވީއިރު ތާރިގުގެ ޚިޔާލަކީ ކޮބާ؟ " މޫސަ ސުވާލުކުރެއްވިއެވެ.

" މިފުރުސަތު އަޅުގަނޑުމެންގެ އަތްދަށުން ބީވިޔަދީގެން ނުވާނެ. މިއީ އަންދަލޫސިއާއަށް އަޅުގަނޑުމެން ފޯރުކޮށްދިނުމަށް ކޮށައިލެވުނު މަގެއް އެކަމަކު........" ތާރިގު ވިދާޅުވިއެވެ.

"އެކަމަކު ކީކޭ؟ "

"އަޅުގަނޑުމެން ދާން ޖެހޭނީ ބޮޑު ލަޝްކަރަކާއެކީ. އޭރުން ހަގުރާމައިގެ އުކުޅަކަށްވިޔަސް އަޅުގަނޑުމެންނަށް ކާމިޔާބު ލިބޭނެ އިރާދަކުރެއްވިއްޔާ..........." ތާރިގުގެ ޖަވާބުން މޫސަގެ ހިތްޕުޅަށް ހަމަޖެހުމެއް ލިބިވަޑައިގަތެވެ.

"އަޅުގަނޑު އެންމެ ފުރަތަމަ ބޭނުމީ އެތަނުގެ ލަޝްކަރާއި ބެހޭ މައުލޫމާތި ހޯދާނެ ފައުޖެއް ފޮނުވަން. ދުވަސްގަނޑެއްކޮށްފައި ލަޝްކަރެއް އެތަނަށް ފޮނުވާނީ. ފުަރަތަމަ ޓީމާއި ލަޝްކަރު ގުޅުނީމަ ދެން އަޅުގަނޑުމެން ހަގުރާމައާއި ހަމަޔަށް ދާނީ." މޫސަ ވިދާޅުވިއެވެ.

"އަޅުގަނޑު އެއްބަސްވަން..އެކަމަކު އަޅުގަނޑުގެ އެދޭ ކަމެއް އެބައޮތް. ފުރަތަމަ ފައުޖުގައި ދިހަ ހާސް މީހުން ފޮނުއްވާ. އެމީހުން އެތާ ހައްޔަރުވެއްޖެއްޔާ ނޫނީ ލުދްރީކަށް އަޅުގަނޑުމެންގެ ރޭވުން ފަޅާ އަރައިފިއްޔާ އެހީތެރިވާނެ ލަޝްކަރެއް އަންނަންދެން އެމީހުންނަށް ހިފަހައްޓާލެވޭނެ." ތާރިގު ބިން ޒިޔާދު ވިދާޅުވިއެވެ.

"އެހެން މީހުންނޯ؟ " މޫސާ ސުވާލުކުރެއްވިއެވެ.

" އަޅުގަނޑު ޚިޔާލެއް ދެންތޯ؟ "ކޮމާންޑަރު މާލިކު އެއްސެވިއެވެ.

"ވިދާޅުވޭ...." މޫސަ ހުއްދަ ދެއްވިއެވެ.

" އަންދަލުސް ފަހަތަކުރަން ބޮޑު ލަޝްކަރެއް އެއްފަހަރާ ފޮނުވައިލެއްވުން އެންމެ ރަގަޅުވާނީ. ދެފަހަރު މަތިން ލަޝްކަރު ފޮނުއްވުމުން ވަގުތު ބޭކާރުވާނީ........." އޭނަ ވިދާޅުވިއެވެ.

އުމައިރު ވަގުތުން އެ ޚިޔާލާއި ދެކޮޅު ހައްދަވާ ވާހަކަފުޅު ދެއްކެވިއެވެ.

" އެއްވެސް މުހިއްމު ސަބަބެއްނެތި ގައުމަކަށް އަރައިގަތުމުން އެދެވެނީ ކޮންކަހަލަ މެސެޖެއްތޯ؟ އޭރުން އަޅުގަނޑުމެން ކަނޑީގެ ބާރުގައި މަޖުބޫރުން އިސްލާމްދީން ފަތުރާކަމުގެ ތުހުމަތު ކުރެވޭނީ.އަޅުގަނޑުމެން ބޭނުންވާ ގޮތަކީ އެއީއެއް ނޫން. ރަސޫލު ސައްލަﷲ އަލައިހި ވަސައްލަމްއާއި އެކަލޭގެފާނުގެ ސަހާބީން އަމަލުކުރެއްވި ގޮތަށް ތަބާވާން ޖެހޭނީ. އެބޭކަލުން ހަމަލާދެއްވީ ދުޝްމިނުން އިސްވެ ހަމަލާ ދިނީމަ ނޫނީ ދުޝްމިނުންގެ ފަރާތުން ނުރައްކަލެއް އަތުވެދާނެކަމަށް ފެނިވަޑައިގަތީމަ."

"ރަސްގެފާނު ލުދްރީކަކީ އަނިޔާވެރިއެއް. އޭނަ ރައްޔިތުންނަށް އަނިޔާވެރިވެ އެމީހުން އުޅެނީ ބިރުވެރިކަމެއްގައި. އަނިޔާވެރިކަމާއި ދެކޮޅަށް ޖިހާދުކުރުމަކީ އަޅުގަނޑުމެންގެ ބޮލުގައި އެޅިފައިވާ ޒިންމާއެއް.." ކޮމާންޑަރު މާލިކު ދެކޮޅު ހެއްދެވިއެވެ.

"ކައުންޓް ޖޫލިއަންގެ ވާހަކަތަކުގައި ތެދު އެކުލެވެނީ ކިހާ ވަރަކަށް ކަމެއް ނޭގޭ. އޭނަ އެ ދެއްކީ އަސްލެއްނެތް ވާހަކައަކަށް ވެއްޖެއްޔާ؟ އެހެންވީމަ ފުރަތަމަ މައުލޫމާތު ހޯދާނެ ހަގުރާމަވެރިން ފޮނުއްވަން އަޅުގަނޑުމެންގެ ވެރިޔާ ދެއްކެވި ވާހަކަފުޅަށް ތާއީދު. އަދި ތާރިގު ވިދާޅުވިފަދައިން ބޮޑު ލަޝްކަރެއް ފޮނުވަން ޖެހޭނެކަމަށްވެސް ތާއީދު.." އުމައިރު ވިދާޅުވިއެވެ.

އެ ނުކުތާތަކަށް ދިގުކޮށް މަޝްވަރާކުރެވުނެވެ.

"މަޝްވަރާއަށް ފަހު އަޅުގަނޑު ގޮތެއް ނިންމައިފިން. ކައުންޓް ޖޫލިއަންގެ ވާހަކައިގެ ހަގީގަތް ބެލުމަށާއި އަންދަލުސްގެ ލަޝްކަރަށް ޖާސޫސްކޮށް ހުރިހާ މައުލޫމާތެއް އެއްކުރަން ޓީމެއް ފޮނުވާނީ." މޫސާ ބިން ނުސައިރުގެ ވާހަކަފުޅަށް ތާއީދުކުރުމުގެ ގޮތުން އެތާ ތިއްބެވި ހުރިހާ މެމްބަރުން ބޯ ޖަހައިލިއެވެ. " މިކަމާ ދެކޮޅު ހައްދަވާ އެއްވެސް ބޭކަލަކު އިންނެވިއްޔާ މިވަގުތު ވިދާޅުވޭ........"

"ހުރިހާ ބޭކަލުން ތި ޚިޔާލަށް ތާއީދުކުރައްވާކަމަށް ފެނޭ. އެހެންވީމަ މިހާރު އޮތީ ލީޑަރަކު ހޮވުމާއި ތާރީޚު ހަމަޖެއްސުން...." އުމައިރު ވިދާޅުވިއެވެ.

"ތާރިގު ބިން ޒިޔާދު ބާރަހާސް ހަގުރާމަވެރިންގެ ލަޝްކަރުގެ ވެރިއެއްގެ ގޮތުގައި އަންދަލުސްއަށް ފޮނުވަން އަޅުގަނޑު ނިންމައިފިން..................." މޫސަ ތާރިގުއާއި ދިމާލަށް ބައްލަވާލެއްވިއެވެ.

"ކޮމާންޑަރު އެއްބަސްވެވަޑައިގަންނަވަންތޯ؟ "އުމައިރުގެ ނަޒަރުވެސް އޭނަގެ މޫނަށް ދަތުރުކުރިއެވެ.

"އިންޝާﷲ. ޔަގީން......" ތާރިގުގެ އަޑުފުޅުގައި ކޮމާންޑަރެއްގެ ހުންނަންޖެހޭފަދަ ގޮޮތެއް ހުއްޓެވެ. އެތާ އެވަގުތު ތިއްބެވި ހުރިހާ މެމްބަރުންގެ މޫނުމަތިން ހިތްހަމަޖެހުން ފެނުނެވެ. ތާރިގުއަކީ އަންދަލުސްފަދަ ގައުމަކަށް ހަމަލާދޭނެވަރުގެ ގާބިލުކަން ހުރި ޒުވާނެކެވެ.

"އެއްވެސް ބޭކަލަކު މިކަމާ ދެކޮޅަށް އެއްޗެއް ބުނުއްވަން އޮތިއްޔާ........"މޫސަ ވިދާޅުވިއެވެ.

"ކޮންމެހެން ދެކޮޅުހެދުމުގެ ނިޔަތުގައެއް ނޫން. އެކަމަކު އަޅުގަނޑު ބުނަން ޖެހޭ ވާހަކައެއް އެބައޮތް................"

ނުނިމޭ

comment ކޮމެންޓް