އެޕޮއިންޓްމަންޓް އުސޫލުން އާދީއްތަ ދުވަހު ފައިޒާ ވެކްސިން ދޭން ފަށަނީ

މާޗް 1، 2021: އެއާޕޯޓް ޕާސް ހޯލްޑަރުންނަށް އަމާޒުކޮށްގެން ކޮވިޑް19 އިން ރައްކާތެރިވުމަށް ވެކްސިން ޖެހުމުގެ ޕްރޮގްރާމެއް އެމްއޭސީއެލް އިން ފަށުން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

އޭޕްރީލ 11 ވާ އާދީއްތަ ދުވަހު ރާއްޖޭގައި ފައިޒާ ވެކްސިން ދޭން ފަށާނެ ކަމަށް ހެލްތު އެމަޖެންސީ އޮޕަރޭޝަން ސެންޓަރުން ބުނެފި އެވެ.

އެޗްއީއޯސީން ބުނީ ފައިޒާ ވެކްސިން ދޭނީ ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށް އެޕޮއިންޓްމެންޓް ދީގެން ކަމަށެވެ. ފައިޒާ ވެކްްސިން، މާލޭ ސިޓީގައި ޖަހަން ބޭނުންވާ ފަރާތްތަކުން ރަޖިސްޓްރީވުމަށް ހުޅުވާލީ އޭޕްރީލް ފުރަތަމަ ދުވަހު އެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީން ބުނެފައި ވަނީ ފައިޒާ ވެކްސިން ދިނުމަށް ހަމަޖެހިފައިވަނީ ހާއްސަ ހާލަތްތަކުގައިވާ ފަރާތްތަކަށް އެކަނި ކަމަށެވެ. ވެކްސިން ދިނުމަށް ކަނޑައަޅާފައިވަނީ ހަށިގަޑުގެ ދިފާއީ ނިޒާމް ދަށްވެފައިވާ މީހުންގެ ތެރެއިން ތިރީގައި ލިސްޓް ކޮށްފައިވާ މީހުންނާއި އުމުރުން 16 އަހަރާއި 17 އަހަރުގެ ކުދިންގެ ތެރެއިން ތިރީގައިވާ ބަލި ހާލަތްތައް ހުންނަ ކުދިންނަށް ކަމަށް އެޗްޕީއޭއިން ބުންޏެވެ.

 • ހަށިގަނޑުގެ ގުނަވަނެއް ބަދަލުކޮށްފައިވާ (އޯގަން ޓްރާންސް ޕްލާންޓް ހަދާފައިވާ) މީހުން/ކުދިން
 • ޑަޔަލިސިސް ގަވައިދުން ހަދަމުންދާ މީހުން/ކުދިން
 • ކެންސަރު ބަލީގެ މީހުންގެ ތެރެއިން ކީމޯތެރަޕީ ނުވަތަ ރޭޑިއޯތެރަޕީގެ ފަރުވާލިބެމުންދާ މީހުން/ކުދިން
 • އިމިއުނޯސަޕްރެންޓް ނުވަތަ ހަށިގަނޑުގެ ދިފާއީ ބާރު ދެރަކުރާފަދަ ބޭސްތައް ބޭނުންކުރާ މީހުން/ކުދިން
 • ދިގުމުއްދަތަށް ސްޓެރޮއިޑްގެ ބާވަތްތައް ބޭނުންކުރާ މީހުން/ކުދިން
  ހަކުރުބަލީގެ ކުދިން
 • ތެލަސީމިއާ މޭޖާ އަދި ސިކްލްސެލް އެނީމިއާ ބަލީގެ ކުދިން
  ޑައުންސިންޑްރޯމް ހުންނަ ކުދިން
 • ސިސްޓިކް ފައިބްރޯސިސް، ބްރޮންކިއެކްޓޭސިސް ފަދަ ފުއްޕާމޭގެ ބަލިތައް ހުންނަ ކުދިން
 • އުފެދުމުގައި ހުންނަ ހިތުގެ ބޮޑެތި ބަލި (ކޮންޖެނިޓަލް ހާޓް ޑިޒީޒް) ހުންނަކުދިން (މައްސަލަ ރަގަޅުކުރުމަށް ސަރޖަރީއެއް ހަދާފައިނުވާކުދިން)

މިއަދު ވަނީ އާ ދެ ކެޓަގަރީއެއް ވެސް އިތުރުކޮށްފަ އެވެ. އެއީ:

 • 16 އަދި 17 އަހަރުގެ ކުދިންނާއި 60 އަހަރުން މަތީގެ މީހުން ތެރެއިން ދިގުމުއްދަތަކަށް ދާއިމީ ބައްޔަށް ބޭސްކުރާ ފަރާތްތައް
 • 18 - 60 އަހަރާއި ދެމެދުގެ ދިފާއީ ނިޒާމް ބަލިކަށިވެފައިވާ ހާއްސަ ހާލަތްތަކުގައިވާ ފަރާތައް

އެޗްއީއޯސީން ބުނީ އެޗްޕީއޭގެ ވައިބާ/ޓްވިޓާ އެކައުންޓްގައިވާ ގޫގަލް ލިންކް މެދުވެރިކޮށް ރަޖިސްޓްރީ ކުރެވޭނެ ކަމަށެވެ.

ފައިޒާ ވެކްސިނަކީ ފިނިހޫނުމިން 70 -ޑިގްރީގައި ބަހައްޓަންޖެހޭ ވެކްސިނެއްކަމުގައިވާތީ އެ ވެކްސިން މައިގަޑުގޮތެއްގައި ޖަހާނީ މާލޭގައި ކަމަށް އެޗްޕީއޭއިން ބުނެއެވެ. އަދި ވެކްސިން މިވަގުތު ދޭން ފަށާނީ މާލެ ސަރަހައްދުގައި ކަމަށްވެސް އެޗްޕީއޭއިން ބުންޏެވެ.

ވެކްސިން ދެވޭނީ ރާއްޖެއަށް ލިބިފައިވާ ފައިޒާ ވެކްސިންގެ މުޅި އަދަދުން ދެ ޑޯޒް ފޯރުކޮށްދެވޭނެ އަދަދަށް ބަލައިގެން އަދި ވެކްސިން ދިނުމުގައި އުމުރުން ދޮށީ ފަރާތްތަކަށް އިސްކަންދެވޭނެ ކަމަށްވެސް އެޗްޕީއޭގެ އިއުލާނުގައި ބުންނެވެ.

ކޮވިޑް19 އިން ދިފާއުވުމަށް ކުރާ މަސައްކަތަށް އެހީތެރިވުމަށް ކޮވެކްސް ފެސިލިޓީ އިން ފައިޒާ ވެކްސިންގެ 5850 ޑޯޒް ރާއްޖެއަށް ފޮނުވީ، މިދިޔަ މަހުގެ 25 ވަނަ ދުވަހު އެވެ.

comment ކޮމެންޓް