އިނގުރައިދޫ ގެއެއްގައި ގޭސްފުޅިއެއް ގޮވައި ދެ މީހަކަށް އަނިޔާވެ ފަރުވާދެނީ

ރ. އިނގުރައިދޫ ގެއެއްގައި ގޭސްފުޅިއެއް ގޮވައި، ދެ މީހަކަށް އަނިޔާވެއްޖެ އެވެ.

އެމްއެންޑީއެފްގެ އިންފޮމޭޝަން އޮފިސަރު، މޭޖާ އިބްރާހިމް އާޒިމް ވިދާޅުވީ ހާދިސާ ހިނގާފައި ވަނީ އެ ރަށު ގުލްހަޒާރު ގޭގަ އެވެ. އާޒިމް ވިދާޅުވީ ހާދިސާގެ ރިޕޯޓު ލިބިފައި ވަނީ މިއަދު މެންދުރު 14:45 ހާއިރު ކަމަށެވެ.

ގޭސް ފުޅި ގޮވައި ހިނގި ހާދިސާގައި ދެމީހަކަށް އަނިޔާވެފައިވާ ކަމަށާއި ދެ މީހުންނަށް ވެސް ހޮސްޕިޓަލުގައި ފަރުވާ ދެމުން އަންނަ ކަމަށް އާޒިމް ވިދާޅުވި އެވެ.

އެކަކަށް ފަރުވާ ދެނީ އުނގޫފާރު ރީޖަނަލް ހޮސްޕިޓަލުގަ އެވެ. ދެވަނަ މީހައަށް ފަރުވާދެނީ އިނގުރައިދޫ ހޮސްޕިޓަލުގަ އެވެ.

އިނގުރައިދޫ ކައުންސިލްގެ ރައީސް، އިސްމާއީލް އަންދުއްރަޝީދު "ސަން" އަށް ވިދާޅުވީ ހާދިސާއާ ގުޅިގެން ހޮސްޕިޓަލަށް ގެންދިޔައީ ދެ އަންހެނުން ކަމަށެވެ.

އޭގެ ތެރެއިން އެކަކަކީ ޒުވާނެއް ކަމަށާއި، އޭނާއަށް ސީރިއަސް ގެއްލުމެއް ނުވާ ކަމަށެވެ. ހާދިސާ ހިނގި އިރު އެ ޒުވާނާ ހުރީ ކޮޓަރިތެރޭގައި ކަމަށާއި، ނަމަވެސް އަޑާއެކު ވަރަށް ބޮޑަށް ޝޮކް ޖެހުނު ކަމަށެވެ. އެހެން ނަމަވެސް މިހާރު އޭނާގެ ހާލު ސްޓޭބަލް ކަމަށެވެ.

ހާދިސާގައި ދެން އަނިޔާވީ އުމުރުން ދުވަސްވީ މީހަކަށެވެ. އޭނާއަށް ޒަހަމުތަކެއް ލިބިފައިވާ ކަމަށް އިސްމާއީލް ވިދާޅުވި އެވެ. އެގޮތުން ފައިގެ ކަކުލުން ތިރި އެއްކޮށް ފިހިފައިވާ ކަމަށާއި، އަތާއި މޫނު ވެސް ކޮންމެސް ވަރަކަށް ފިހިފައިވާ ކަމަށް އިސްމާއީލް ވިދާޅުވި އެވެ.

އިސްމާއީލް ވިދާޅުވީ އޭނާގެ ހަށިގަނޑުން ގާތްގަނޑަކަށް 50 ޕަސެންޓް ފިހިފައިވާ ކަމަށް ބެލެވޭ ކަމަށެވެ. އަދި އޭނާ މާލެ ގެނައުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް ކައުންސިލް ރައީސް ވިދާޅުވި އެވެ.

އިސްމާއީލް ވިދާޅުވީ އެ ހާދިސާ ހިނގި ގޮތް އަދި ސާފުނުވާ ކަމަށެވެ. ގޭސްފުޅި ގޮވީ ކަމެއް ނުވަތަ ގޭސް ލީކް ވެފައި ހުއްޓާ އުނދުން ރޯކުރެވުނީ ކަމެއް އަދި ނޭނގޭ ކަމަށް އޭނާ ވިދާޅުވި އެވެ. ނަމަވެސް ބޮޑު އަލިފާނެއް ހިފާފައި ނުވާކަމަށް އޭނާ ވިދާޅުވި އެވެ.

އެ ހާދިސާގައި ގޭގެ ސީލިންގ ވެއްޓި، ގެއަށް ބޮޑެތި ގެލުންތަކެއް ވަނީ ވެފަ އެވެ.

comment ކޮމެންޓް