އިދިކޮޅުން ބުނަނީ އިންތިހާބު އިންސާފުވެރި ނުވާނެ ކަމަށް

އޭޕްރީލް 5، 2021: ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބު މިމަހުގެ 10 ވަނަ ދުވަހު އޮންނަ އިރު، ކޮވިޑް 19ގެ ބަލިމަޑުކަމާ ގުޅިގެން ކެމްޕެއިން ފޯރި ވެރިރަށް މާލޭގައި ފަޅު -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ހޮނިހިރު ދުވަހު އޮންނަ ލޯކަލް ކައުންސިލްތަކުގެ އިންތިހާބު އިންސާފުވެރި ވާނެ ކަމަށް ގަބޫލުނުކުރާ ކަމަށް އިދިކޮޅު ކޯލިޝަނުން ބުނެފި އެވެ.

އިދިކޮޅު ކޯލިޝަނުގެ ކައުންސިލް އިންތިހާބު ކޮމިޓީން މިއަދު ޕީޕީއެމް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ކޯލިޝަންގެ ކެމްޕެއިން މެނޭޖަރު މުއާޒު މުހައްމަދު ރަޝީދު ވިދާޅުވީ، އިންތިހާބަށް ސަރުކާރުން ބޮޑެތި ނުފޫޒުތަކެއް ފޯރުވާ ކަމަށެވެ.

ސަރުކާރުން ފޯރުވާ ނުފޫޒުގެ ސަބަބުން، ހޮނިހިރު ދުވަހުގެ އިންތިހާބަކީ އެތައް ގޮތަކުން އުނދަގޫ އިންތިހާބަކަށް ވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

އުނދަގޫތަކެއް ހުރި ނަމަވެސް، ސަރުކާރު ބަލިކޮށް، އިންތިހާބު ބޮޑު ތަނުން ކާމިޔާބު ކުރާނެކަމަށް އޭނާ ވިދާޅުވި އެވެ. ނަމަވެސް އިންތިހާބު އިންސާފުވެރި ވާނެ ކަމާމެދު ސުވާލުއުފެއްދެވި އެވެ.

"އިންތިހާބަށް ނުފޫޒު ފޯރުވުމަށްޓަކައި ސަރުކާރުން ވަރަށް ގިނަ ކަންކަން ދަނީ ކުރަމުން. މި އިންތިހާބު އިންސާފުވެރި މިނިވަން އިންތިހާބަކަށް ވުމާމެދު އަޅުގަނޑުމެން ޝައްކު އެބަ ކުރަން. އެއީ އިންސާފުވެރި އިންތިހާބަކަށް ނުވާނެ އެތައް ހެއްކެއް އެބަ ފެނޭ،" މަޑަވެލި ދާއިރާގެ ކުރީގެ މެމްބަރު ވިދާޅުވި އެވެ.

އެގޮތުން ވޯޓަށް އެހާ ކައިރިވެފައި ވަނިކޮށް ރަށްރަށަށް ގޮސް ސަރުކާރުން މުޅިން އާ ޕްރޮޖެކްޓުތަކެއް ފަށަމުން އަންނަނީ ވެސް އިންތިހާބަށް ނުފޫޒު ފޯރުވަން ކަމަށް އިދިކޮޅުން ތުހުމަތު ކުރި އެވެ.

"މީގެން އެއްވެސް ކަމަކީ ވާނެ ކަމެއް ނޫން. ހަމަ ހުރިހާ ކަމަކީ އިންތިހާބަށް ނުފޫޒު ފޯރުވަން ސަރުކާރުން ކުރަމުން އަންނަ ކަންކަން. އެތައް ރަށެއްގައި އަލަށް އެތައް ވަޒީފާއެއް އުފަން ކުރުވައިފި. ނަމެއްގަ. އަޅުގަނޑުމެންނަކަށް ނޭނގެ މި އިންތިހާބު ނިމުނީމަ އެމީހުންނަށް ވާނެ ގޮތެއް ވެސް. އަދި އިންތިހާބު ނިމުނީމަ އެތައް ބަޔަކަށް ވަޒީފާ ދޭން އެބަ ސަރުކާރުގެ ފަރާތުން އޮފާތައް އެބަހުރި އެތައް ކެންޑިޑޭޓުންނަކަށް. އެހެންވީމަ މިހެން އޮތް އިންތިހާބަކަށް ނުފޫޒު ފޯރުވޭނީ މިހާކަށް ވަރަށް ސަރުކާރަކަށް. އަޅުގަނޑުމެން މި ހުރިހާ ކަމެއް ކުށްވެރިކުރަން،" މުއާޒް ވިދާޅުވި އެވެ.

މުއާޒް ވިދާޅުވީ ނުފޫޒުގެ ތެރެއިން ވެސް އިންތިހާބު ކާމިޔާބު ކުރެވޭނެ ކަމަށެވެ. ގިނަ ބަޔަކު މިހާރު ތިބީ ސަރުކާރު ދެކެ ފޫހިވެފައި ކަމަށާއި، ސަރުކާރުގެ "ޖައްބާރުވެރިކަން" ނިންމަން ވޯޓު ފޮށްޓެއްގެ އިންތިޒާރުގައި ތިބި ކަމަށެވެ.

"އިރާދަކުރެއްވިޔާ ހޮނިހިރު ދުވަހު ވޯޓުފޮށި އަތުޖެހުމުން ސަރުކާރުގެ ޖައްބާރުވެރިކަން ހުރިހާ ރައްޔިތުން ނިންމާނެ،" މުއާޒް ވިދާޅުވި އެވެ.

އިންތިހާބު އޮޅުވާލަން ސަރުކާރުން އެތައް ކަމެއް ކުރާކަމށް ތުހުމަތު ކުރައްވައި މުއާޒް ވަނީ މޮނިޓަރުންނާއި އޮފިޝަލުން ވޯޓު ފޮށިތަކަށް ވަރަށް ބޮޑަށް ސަމާލުވާން ޖެހޭނެ ކަމަށް ވިދާޅުވެފަ އެވެ. މާސްކް އަޅައިގެން ވޯޓު ލާން މީހުން ދާއިރު، ވޯޓު ލަނީ ކާކުކަން ކަށަވަރު ކުރަންޖެހޭނެ ކަމަށާއި، ވޯޓު ލަނީ ލިސްޓުގައި ނަން އޮތް މީހާ ތޯ ކަށަވަރު ކުރުމަށް ވެސް އެދުނެވެ.

އިދިކޮޅުން ވަނީ ސަރުކާރާއި އިލެކްޝަންސް ކޮމިޝަނުން ވެސް އިންތިހާބު އޮޅުވާލަން އުޅޭ ކަމަށް ތުހުމަތުކޮށްފަ އެވެ. އެގޮތުން ރީރަޖިސްޓްރޭޝަން ކުރުމުގެ ތެރެއިން ވެސް އޮޅުވާލާފައިވާ ކަމަށާއި، ރީރަޖިސްޓްރީވި ތަން ނޫން އެހެން ތަނަކަށް ބައެއް މީހުންގެ ނަން ބަދަލުކޮށްފައިވާ ކަމުގެ ޝަކުވާ ލިބެމުންދާ ކަމަށް އިިކޮޅުން ބުންޏެވެ.

އިދިކޮޅު ކޯލިޝަނުން ވަނީ ހޮނިހިރު ދުވަހުގެ 12:00ގެ ކުރިން ޕީޕީއެމް/ޕީއެންސީގެ ހުރިހާ ސަޕޯޓަރުން ވޯޓުލުމަށް އެދިފަ އެވެ.

comment ކޮމެންޓް