މައުމޫނާ ދެކޮޅަށް ޖާބިރު ކުރި ދައުވާ ސާބިތެއް ނުވި

ޖާބިރު އަދި ރައީސް މައުމޫން--- ސަން ފައިލް ފޮޓޯ

ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރުގެ އަތުން ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް 29 މިލިއަން ރުފިޔާގެ ލޯނެއް ނަންގަވައި، އެ ލޯނު އަނބުރާ ދައްކާފައި ނުވާކަމަށް ބުނެ ހުށަހެޅި މައްސަލަ ސާބިތު ނުވާކަމަށް ސިވިލް ކޯޓުން މިއަދު ހުކުމް ކޮށްފި އެވެ.

މިދިޔަ ރިޔާސީ އިންތިހާބުގެ ކުރިން ރައީސް މައުމޫން ބޭނުންފުޅުވެގެން، ސިޔާސީ މަސައްކަތްތަކަށް 29 މިލިއަން ރުފިޔާގެ ލޯނެއް ދެއްވި ކަމަށް ޖާބިރު ވިދާޅުވެ އެވެ. އެކަމަކު އެ ފައިސާ އަނބުރާ ނުދައްކައިގެން ކަމަށް ވިދާޅުވެ ޖާބިރު އެތައް ފަހަަރެއްގެ މަތިން ވަނީ މައުމޫނަށް ފާޑުވިދާޅުވެފަ އެވެ. އަދި އޭނާ ވަނީ މައްސަލަ ސިވިލް ކޯޓަށް ހުށަހަޅުއްވާފަ އެވެ.

ޖާބިރު ވިދާޅުވެފައި ވަނީ ރައީސް މައުމޫނަށް ލޯނު ދެއްވުމުގެ މުއާމަލާތުގައި ރައީސް މައުމޫންގެ ދަރިކަލުން ފާރިސް މައުމޫން ހިމެނިވަޑައިގަންނަވާ ކަމަށެވެ. އަދި އެ މުއާމަލާތުގެ މަޝްވަރާތަކުގައި ޖާބިރުގެ އަނބިކަނބަލުން ދިޔާނާ ސައީދުވެސް ބައިވެރިވެވަޑައިގެންނެވި ކަމަށް ވެސް ވިދާޅުވި އެވެ.

ރައީސް މައުމޫންގެ ފަރާތުން ވިދާޅުވެފައި ވަނީ ރާއްޖޭގައިވެސް އެހެން ގައުމެއްގައިވެސް ޖާބިރު ބުނާ މުއާމަލާތެއް، ހިނގާފައި ނުވާ ކަމަށެވެ.

ޖާބިރު ކުރި ދައުވާ ސާބިތު ނުވާކަމަށް ސިވިލް ކޯޓުން މިއަދު ހުކުމް ކުރީ ވެސް އެ މުއާމަލާތް ހިނގި ކަމުގެ ހެކި ނެތުމުންނެވެ. އެހެންކަމުން އެ ފައިސާ ދައްކަން ރައީސް މައުމޫން އަށް އަންގާނެ ތަނެއް ނެތް ކަމަށް ސިވިލް ކޯޓުން ވަނީ ހުކުމް ކޮށްފަ އެވެ.

ޖާބިރު އަތުން މައުމޫން ނެންގެވި ކަމަށް ބުނާ ފައިސާ އަނބުރާ ދެއްވާފައި ނުވާ ކަމަށް ބުނެ ޖާބިރު އެ މައްސަލަ ފުލުހަށްވެސް ހުށަހެޅުއްވި އެވެ. އެ މައްސަލަ ފުލުހަށް ހުށަހެޅުމުން ހެކި ނެތް ކަމަށް ބުނެ ފުލުހުން މައްސަލަ ނުބެލި އެވެ. އެހެން ނަމަވެސް ހެއްކާ އެކު ކަމަށް ވިދާޅުވެ ދެވަނަ ފަހަރަކުވެސް ޖާބިރު އެ މައްސަލަ ހުށަހެޅުއްވި އެވެ.

އެފަހުން އޭނާގެ މަންމާފުޅުގެ އެދުމުުމުގެ މަތިން އެ މައްސަލައިގައި ރައީސް މައުމޫނަށް މައާފް ކުރައްވާފައިވާ ކަމަށްވެސް ޖާބިރު ވިދާޅުވެފައިވެ އެވެ.

އެ ފައިސާއަށް ހިޔާނާތްތެރިވިކަމުގެ ތުހުމަތު ރައީސް މައުމޫންގެ ދަރިކަލުން ފާރިސް މައުމޫނަށް ކުރައްވައި، އޭނާގެ މައްސަލަ ބަލަން އެދި ދިޔާނާ ވަނީ ފުލުހަށް މައްސަލަ ހުށަހަޅުއްވައިފަ އެވެ.

comment ކޮމެންޓް