ވެލާވަރު ރިސޯޓަށް އީސީގެ އޮފިޝަލުން ނޭރުވި

އިލެކްޝަންސް ކޮމިޝަނުގެ ރައީސް އަހުމަދު ޝަރީފު -- ފޮޓީޯ/ މަޖިލިސް

އަންގްސާނާ ވެލާވަރު ރިސޯޓަށް އިލެކްޝަންސް ކޮމިޝަނުގެ އޮފިޝަލުން އަރަން ހުއްދަ ނުދިން ކަމަށް އެ ކޮމިޝަނުގެ ރައީސް، އަހްމަދު ޝަރީފް ވިދާޅުވެއްޖެ އެވެ.

ޝަރީފް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، އެ ރިސޯޓަށް އެރުމުގެ ހުއްދަ ނުދިނުމުން، ރިސޯޓާ ކައިރި ރަށަކަށް މިހާރު އޮފިޝަލުން ފޮނުވާފައިވާ ކަމަށެވެ.

ޝަރީފް ވިދާޅުވީ އޮފިޝަލުން ދިޔައީ ޕީސީއާރް ނެގެޓިވް ނަތީޖާއާ ވެސް އެކުގައި ކަމަށެވެ.

"ރިސޯޓުގެ ފޯކަލް ޕޮއިންޓް ބުނީ ޕީސީއާރް ޓެސްޓު ރިޒަލްޓް އޮތަސް އެޗްޕީއޭގެ ހުއްދަ ލިބިގެންނޭ ރަށަށް އެރޭނީ،" ޝަރީފް ވިދާޅުވި އެވެ.

ޝަރީފް ވިދާޅުވީ ރިސޯޓުގައި ފޮށި ބަހައްޓަން ވަރަށް މަސައްކަތް ކުރެވުނު ކަމަށާއި، އިތުރު ރިސޯޓަކުން އެވަރަށް ދެކޮޅު ހަދާފައި ނުވާ ކަމަށެވެ.

އޭނާ ވިދާޅުވީ އެ ރިސޯޓުގައި ވޯޓުލާން 61 މީހަކު ރަޖިސްޓްރީކޮށްފައިވާ ކަމަށެވެ. އަދި އެ ފަރާތްތަކަށް ވޯޓު ލެވޭނެ ގޮތެއް ހޯދުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

އެގޮތުން ދ. މީދޫގައި އެ ރިސޯޓުގެ ވޯޓު ފޮށި ބެހެއްޓޭތޯ ބަލަމުން އަންނަ ކަމަށާއި، ރިސޯޓަށް ރެޖިސްޓާކޮށްފައިވާ މީހުންނަށް މީދޫގައި ވޯޓުލެވޭނެ ކަމަށެވެ.

ހޮނިހިރު ދުވަހު އޮންނަ އިންތިހާބަށް ވާންޖެހޭ ފަހުގެ ތައްޔާރީތައް ފަށާފައި ވާއިރު، ރަށްރަށަށް ވޯޓު ފޮށިތައް ގެންދިއުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ.

އިންތިހާބުގައި ވާދަކުރާނީ 3934 ކެންޑިޑޭޓުންނެވެ. އެއީ ލޯކަލް ކައުންސިލް އިންތިހާބުގައި ވާދަކުރާ 2264 ކެންޑިޑޭޓުންނާއި، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކަށް ވާދަކުރާ 1670 ކެންޑިޑޭޓުންނެވެ.

މިފަހަރުގެ އިންތިހާބަށް 735 ވޯޓުލާ މަރުކަޒު ބިނާކުރަންޖެހޭނެ ކަމަށް އީސީން ވަނީ ލަފާކޮށްފަ އެވެ. އެއީ ރިސޯޓުތަކަށާއި، އެޗްޕީއޭގެ ގައިޑްލައިންއާ ގުޅިގެން މާލެއަށް އިތުރުވާ ފޮށިތަކާ އެކު އެވެ. މިފަހަރުގެ އިންތިހާބުގައި ވޯޓުފޮށި ބަހައްޓަން އެދޭ ހުރިހާ ރިސޯޓެއްގައި ވެސް ވޯޓުލުން ކުރިއަށް ގެންދަން އީސީން ނިންމި އެވެ.

comment ކޮމެންޓް