ދިރާގު ޓީވީގެ ހިދުމަތް އަލިފުއްޓަށް

ދިރާގުން ފޯރުކޮށްދޭ ޑިޖިޓަލް ހިދުމަތްތައް ފުޅާކޮށް ތަރައްގީކުރުމުގެ ގޮތުން ދިރާގު ޓީވީގެ ހިދުމަތް ރ. އަލިފުށީގައި އިފްތިތާހްކޮށްފި އެވެ.

އަލިފުށީގައި ދިރާގު ޓީވީ ތައާރަފުކޮށްފައިވަނީ ދާދިފަހުން ސިނަމާޗީގެ މުޅިން އާ ފިލްމް ޗެނަލްތަކަކާއެކު ގޯލްޑް ޕެކެއް ތައާރަފުކޮށްވާ ދަނޑިވަޅެއްގަ އެވެ.

ދިރާގުގެ އެސިސްޓެންޓް މެނޭޖަރު، ޕަބްލިކް ރިލޭޝަންސް، ޖައިޝާން ހަމީދު ވިދާޅުވީ ދިރާގުން މަސައްކަތް ކުރަމުން ދަނީ ވީހާވެސް ގިނަ ބަޔަކަށް ދިރާގު ޓީވީ މެދުވެރިކޮށް ހައި ކޮލިޓީ ޗެނަލްތައް ބަލާލުމުގެ ފުރުސަތު ހޯދައިދިނުމަށް ކަމަށެވެ.

"އަޅުގަނޑުމެން އުންމީދު މިކުރަނީ އަލިފުށީގައި ދިރިއުޅޭގެ ރައްޔިތުންގެ ދިރިއުޅުމަށް އިތުރު ފާގަތިކަމެއް ގެނެސްދީ ދިރާގުޓީވީ މެދުވެރިކޮށް މުނިފޫހިފިލުވުމަށް އިތުރު ލުއިފަސޭހަތަކެއް ލިބޭގެންދާނެކަމަށް،" އޭނާ ވިދާޅުވި އެވެ.

ދިރާގުން ބުނީ ދިރާގުޓީވީގެ ގޯލްޑް ޕެކް މެދުވެރިކޮށް 450 ރުފިޔާއަށް 100 އަށްވުރެ ގިނަ ކޮލިޓީ ޗެނަލްތައް ބެލޭނެ ކަމަށެވެ. އެ ޕެކުގައި ހިމެނޭ ސިނެމާޗީ ޗެނަލްތަކުގެ ތެރޭގައި ސިނެމާޗީ އެކްޝަން، ސިނެމާޗީ ރޮމޭންސް، ސިނެމާޗީ ކޮމެޑީ، ސިނެމާޗީ ޑްރާމާ އަދި ސިނެމާޗީ ކްރައިމް ހިމެނެ އެވެ. އަދި އެ ޗެނަލްތައް ދިރާގުޕްލޭ އެޕްގެ ޕްލޭމޯ ޕެކޭޖު މެދުވެރިކޮށްވެސް ފެންނާނެ ކަމަށް ދިރާގުން ބުންޏެވެ.

އޭގެ އިތުރުން، މޭ މަހުގެ 31 ވަނަ ދުވަހުގެ ނިޔަލަށް ދިރާގު ފިކްސްޑް ބްރޯޑްބޭންޑް ގެންގުޅޭ ކަސްޓަމަރުންނަށް ދިރާގު ޓީވީގެ ހިދުމަތް މުޅިން ހިލޭ ގުޅައިދިނުމުގެ އިތުރުން ޖޯއިބޮކްސް (ޑީކޯޑަރު) މުޅިން ހިލޭ ލިބޭނެ އެވެ.

އެ ޕްރޮމޯޝަންގެ މުއްދަތުގެ ތެރޭ ދިރާގު ޓީވީއަށް ސަބްސްކްރައިބް ކުރާ ހުރިހާ ކަސްޓަމަރުންނަށް ހާއްސަ ލަކީ ޑްރޯއެއްގައި ބައިވެރިވެވޭނެ ފުރުސަރުވެސް ވަނީ ހުޅުވާލާފަ އެވެ. އެ މުއްދަތުގެ ތެރޭގައި ދިރާގު ޓީވީ ކަނެކްޝަން އަކަށް އެޕްލައި ކޮށްގެން 20 ނަސީބުވެރި ކަސްޓަމަރުންނަށް ހަ މަސް ދުވަހަށް ދިރާގު ޓީވީ މުޅިން ހިލޭ ބެލޭނެ އެވެ.

ދިރާގު ޓީވީގައި ހިމެނޭ ޗެނަލްތަކުގެ ތެރޭގައި މަޝްހޫރު ޑިޒްނީ ޗެނަލްތައް، ސޮނީގެ ސްޕޯޓްސް ޗެނަލްތައް، ލައިފްސްޓައިލް ޗެނަލްތަކުގެ ތެރޭގައި ފުޑް ނެޓްވޯކް، ރާއްޖެއާއި ބޭރު ދުނިޔޭގެ ހަބަރު ޗެނަލްތައް އަދި އަލް ޤުރުއާން އަލް ކަރީމް ފަދަ ދީނީ ޗެނަލްތައް ހިމެނެ އެވެ.

ދިރާގުން ބުނީ ކޮލިޓީ އަދި އަގުގައި އެއްވެސް ތަފާތު ކުރުމެއްނެތި ރާއްޖޭގެ 77 ޕަސެންޓު ގޭބިސީއަށް މިހާރު ދިރާގުޓީވީ ހިދުމަތް ފޯރުކޮށްދީފައިވާނެ ކަމަށެވެ.

ދިރާގުން އަބަދުވެސް ބަލަނީ އިނޮވޭޝަނާއި އެންމެ ފަހުގެ ޓެކްނޮލޮޖީ ބޭނުންކޮށްގެން ކަސްޓަމަރުންގެ މުނިފޫހިފިލުވުމުގެ ބޭނުންތަކަށް ބަލައިގެން އެންމެ ފަހުގެ އަދި އެންމެ ކޮލިޓީ މުނިފޫހި ފިލުވުމުގެ ކޮންޓެންޓް ދިރާގު ޓީވީ މެދުވެރިކޮށް ގެނެސްދިނުމަށް ކަމަށް އެ ކުންފުނިން ބުންޏެވެ.

comment ކޮމެންޓް