އަލީ ވަހީދުގެ ޕާސްޕޯޓުގެ މައްސަލަ ޕީޖީއިން ސުޕްރީމް ކޯޓަށް ގެންދަނީ

ޖުލައި 14، 2020: ޕީޖީ ހުސައިން ޝަމީމް ނޫސްވެރިންނަށް މައުލޫމާތު ދިނުން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ޖިންސީ ގޯނާގެ ދައުވާތައް ކޮށްފައިވާ ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދުގެ ޕާސްޕޯޓު ދޫކޮށްލަން ކްރިމިނަލް ކޯޓުން ކުރި ހުކުމް ހައިކޯޓުން ބާތިލު ކުރުމުން އެކަން ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރަން ޕީޖީ އޮފީހުން ނިންމައިފި އެވެ.

ޖިންސީ ގޯނާގެ ތުހުމަތާ ގުޅިގެން ކުރި ހަތް ދައުވާއާ ހެދި އަލީ ވަހީދުގެ ކްރިމިނަލް ކޯޓުން އޭނާގެ ޕާސްޕޯޓު ހިފަހައްޓާފައި އޮއްވާ އެ ކޯޓުން އޭނާގެ ޕާސްޕޯޓު ދޫކޮށްލުމުން އޭނާ ވަނީ ރާއްޖެއިން ބޭރަށް ފުރާވަޑައިގެންފަ އެވެ.

އަލީގެ ޕާސްޕޯޓު ދޫކޮށްލަން ނިންމި ނިންމުން ޕީޖީ އޮފީހުން ހައިކޯޓުގައި އިސްތިއުނާފު ކުރުމުން އެ ކޯޓުން އެންގީ އޭނާ އުޅޭ ތަނެއް ޕީޖީއިން ހޯދުމަށެެވެ. އެއީ ޗިޓު ރައްދު ނުކުރެވިގެންނެވެ. ނަމަވެސް، އޭނާ އުޅޭ ތަނެއް ޕީޖީއަށް ނުހޯދުމުން އެ ކޯޓުން ވަނީ އެ މައްސަލައިގެ ދައުވާ ފޯމު ބާތިލުކޮށްފަ އެވެ.

ޕީޖީ އޮފީހުގެ ޕަބްލިކް ޕްރޮސެކިއުޓަރު އަހުމަދު ޝަފީއު މިއަދު "ސަން"އަށް ވިދާޅުވީ، ހައިކޯޓުގެ ނިންމުން ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރަން ނިންމާފައިވާ ކަމަށެވެ.

އޭނާ މީގެ ކުރިން ވިދާޅުވި ގޮތުގައި ދައުވާ ލިބޭ ފަރާތްތަކަށް ޗިޓު ފޮނުވުމަކީ ކޯޓުން ކުރަން ޖެހޭ ކަމެކެވެ. އެއީ ޕީޖީ އޮފީހުން ކުރަން ޖެހޭ ކަމެއް ކަމަށް އެ އޮފީހުން ގަބޫލެއް ނުކުރެ އެވެ.

ހައިކޯޓުން މައްސަލަ ބޭރުކޮށްފައި ވަނީ، އަލީ އުޅޭ ތަނެއް އެނގިއްޖެ ނަމަ އަލުން މައްސަލަ ހުށަހެޅޭނެ ގޮތަށެވެ.

އަލީގެ ޕާސްޕޯޓު ދޫކޮށްލަން ކުރިމިނަލް ކޯޓުން އަމުރު ކުރީ އޭނާގެ މައިބަދައިގެ އޮޕަރޭޝަނެއް ކުރަން ޖެހޭ ކަމަށް ކަށީގެ ހާއްސަ ޑޮކްޓަރު، ޑރ. ޔޫސުފް ޝާން ކޯޓުގައި ހެކިބަސް ދިނުމުންނެވެ. އަދި ޔޫތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަސްހަދު އަލީ (އަޑުބަރޭ) ވަނީ އަލީ ވަހީދަށް ޖާމިނުވެފަ އެވެ.

އޭނާ ޖިންސީ ގޯނާ ކުރީ ޓޫރިޒަމް މިނިސްޓްރީގައި ހުންނެވި އިރު އެތަނުގެ އަންހެން މުވައްޒަފުންތަކަކަށް ކަމަށް ތުހުމަތު ކުރެ އެވެ. އޭނާގެ މައްޗަށް ކޮށްފައިވަނީ، ޖިންސީ އަނިޔާ ކުރުމުގެ ދައުވާ އާއި ޖިންސީ ގޯނާ ކުރުމުގެ ދައުވާ އާއި ޖިންސީ ގޯނާކުރަން އުޅުމުގެ ދައުވާ އާއި ރޭޕް ކުރަން އުޅުމުގެ ދައުވާ އާއި ބޭއަދަބީ ގޮތުގައި ޖިންސީ ގުނަވަން ހާމަކުރުމުގެ ދައުވާ އާއި ހުއްދަނޫން ޖިންސީ މުއާމަލާތެއް ހިންގުމަށް އެދުމުގެ ކުށުގެ ދެ ދައުވާ އެވެ.

comment ކޮމެންޓް