ރާއްޖެއަށް މުދާ އެތެރެކުރާ ފަރާތްތަކާ އެމްޕީއެލް އިން ބައްދަލުކޮށްފި

ވިޔަފާރި ބަނދަރު --- ފޮޓޯ: ކަސްޓަމްސް

ރާއްޖެއަށް މުދާ އެތެރެކުރާ ފަރާތްތަކާ އެމްޕީއެލް އިން ބައްދަލުކޮށް، އެ ފަރާތްތަކަށް ދިމާވާ ދަތިތަކާ ގުޅޭގޮތުން މަޝްވަރާ ކޮށްފި އެވެ.

އެމްޕީއެލްއިން އިސްނަގައިގެން މޭޖާ އިމްޕޯޓަރުންނާއި އެކު ބައްދަލުވުމެއް ބޭއްވީ އެ ފަރާތްތަކަށް ދިމާވާ ދަތިތަކަށް ހައްލު ހޯދައިދީ ހިދުމަތް ހޯދުމުގައި ދިމާވާ މައްސަލަތައް ދެނެގަތުމަށް ކަމަށް އެ ކުންފުނިން ބުންޏެވެ.

އިއްޔެ ބޭއްވި ބައްދަލުވުމުގައި 20 އަށްވުރެ ގިނަ މޭޖާ އިމްޕޯޓަރުން ބައިވެރިވި ކަމަށް އެމްޕީއެލް އިން ބުންޏެވެ.

އެމްޕީއެލްގެ ތަރުޖަމާނު ދާނިޝް ނިޒާމު ވިދާޅުވީ ރޯދަ މަހަކީ ވިޔަފާރި ބަނދަރަށް ބާރު ބޮޑު މަހެއް ނަމަވެސް ވީހާވެސް އަވަހަށް މުދާ ކްލިއާ ކުރުމުގެ އިންތިޒާމު ހަމަޖައްސާފައިވާނެ ކަމަށެވެ.

"މިއަހަރުގެ ކުރީ ކޮޅުގައި އަޅުގަނޑުމެން ވަނީ ރާއްޖޭގެ ޝިޕިންގް އެޖެންޓުންނާއި ވެސް ބައްދަލުކޮށްފައި. މިފަދަ ބައްދަލުވުންތަކުގައި އަޅުގަނޑުމެންގެ ޕޯޓުގެ ހިދުމަތް ހޯއްދަވާ ހުރިހާ ފަރާތްތަކުން ފާހަގަކުރާ ކަންކަން ބަލައިގަނެ އެ ކަންކަން ހައްލުކުރުމަށް އަޅުގަނޑުމެން ވަރަށް ބޮޑު އިސްކަމެއް ދެން،" ދާނިޝް ވިދާޅުވި އެވެ.

އެމްޕީއެލް އިން ބުނީ ކުރިއަށް އޮތްތަނުގައި ގަވައިދުން މިފަދަ ބައްދަލުވުންތައް ބާއްވާނެ ކަމަށެވެ.

ޕޯޓުގެ ހިދުމަތް ހޯދާ ހުރިހާ ފަރާތްތަކެއްގެ ކަންބޮޑުވުންތައް ބަލައިގަނެ އެކަންކަން ވީހާވެސް އަވަހަށް ހައްލުކުރުމަކީ ކުންފުނީގެ އަމާޒު ކަމަށް އެ ކުންފުނިން ބުންޏެވެ.

comment ކޮމެންޓް