އާރްޑީސީ އިން ދިވެހިންނަށް ހާއްސަ 250 ވަޒީފާ

އާރުޑީސީ އިން ރަށެއްގެ މަގުހެދުމުގެ މަސައްކަތް ކުރަނީީ

ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އާރުޑީސީ) އިން ކުރިއަށް ގެންދަން ނިންމާފައިވާ ފަސް ޕްރޮޖެކްޓެއްގައި ދިވެހިންނަށް 250 ވަޒީފާ ހާއްސަ ކޮށްފައިވާ ކަމަށް އެ ކުންފުނިން ބުނެފި އެވެ.

ރާއްޖޭގެ އެކި ސަރަހައްދު ތަކުގައި އާރުޑީސީ އިން މަގުހެދުމުގެ ޕްރޮޖެކްޓުތައް ކުރިއަށް ގެންދާއިރު މި ހަފްތާ އެ ކުންފުންޏާ ހަވާލުކުރި ފަސް މަޝްރޫއުގައި ދިވެހިންނަށް ވަޒީފާ ހާއްސަ ކޮށްފަައިވާ ކަމަށެވެ. އެ މަޝްރޫއުތަކުގައި އަންހެނުންނަށް ވެސް ފުރުސަތު އޮތް ކަމަށް އާރުޑީސީ އިން ބުންޏެވެ.

މި ހަފްތާ އާރުޑީސީ އާ ހަވާލުކޮށްފައިވާ މަޝްރޫއުތައް

  • މާލޭގެ ތިން ސަރަހައްދެއްގެ މަގު ހެދުން
  • ގދ ތިނަދޫ މަގުތަކުގައި ތާރު އެޅުން
  • ޅ. ހިންނަވަރު މަގުތަކުގައި ތާރު އެޅުން
  • ރ. ހުޅުދުއްފާރު މައި މަގުތަކުގައި ތާރު އެޅުން
  • މ. މުލަކު މައި މަގުތަކުގައި ތާރު އެޅުން

މާލޭގެ ތިން ސަރަަހައްދެއްގެ މަގު ހަދަން އާރުޑީސީ އާ ހަވާލުކޮށްފައިވާއިރު، ހެންވޭރު އުތުރު ސަރަހައްދުގެ ބައެއް މަގުތަކާއި، މައްޗަންގޮޅި ދެކުނާއި މައްޗަންގޮޅި މެދު ސަރަހައްދުގެ ބައެއް މަގުތައް ރަނގަޅު ފެންވަރަކަށް ހަދާނެ އެވެ.

ހެންވޭރު އުތުރުގެ 13 މަގު ހަދަން ހަމަޖެހިފައިވާއިރު އެއީ ވައިލެޓް ހިނގުން، ވައިލެޓް މަގު، ގުލިސްތާން ގޯޅި، ހިރުނދު މަގު، ދުނބުރި މަގު، ރޯޝަނީމަގު، ކުރަނގި ގޯޅި، ކަސްތޫރި މަގު، ސީސަން މަގު، ސަނދުބަރަކާ ގޯޅި، ދީފުރަމް ގޯޅި، ގަލަދުން ގޯޅި އަދި ފިލިގަސް މަގެވެ. މި މަގުތަކުން ޖުމްލަ 1.97 ކިލޯމީޓަރު ހަދާނެ އެވެ.

މައްޗަން ގޮޅި މެދު ސަރަހައްދުން ހަދަން ހަމަޖެހިފައިވަނީ ހަ މަގެކެވެ. އެއީ ނިކަގަސްމަގު، ކުރިކީލަ މަގު، ޗާންދަނީ މަގު، ކުދިރަތްމާ ގޯޅި، ދިލްބަހާރު ގޯޅި އަދި ޖަވާހިރު ގޯޅި އެވެ. އެއީ 0.48 ކިލޯމީޓަރުގެ ސަރަހައްދެކެވެ.

މައްޗަންގޮޅި ދެކުނުން ފަސް މަގެއް ހަދާނެ އެވެ. އެއީ ބަޑިފަސްގަނޑު މަގު، އައިމިނަ ރަނި ހިނގުން، ބުރުޒު މަގު، ކުރިކީލަ މަގު، އަދި ޗާންދަނީ މަގެވެ. މި ސަރަހައްދުން އެއް ކިލޯމީޓަރުގެ މަގު ހަދާނެ އެވެ.

comment ކޮމެންޓް