ގާޒީއަކު ޣައިރު ހާޒިރުގައި ހުކުމް ކުރި ކަމަށް ބުނާ މައްސަލައެއް ޖޭއެސްސީއިން ބަލަނީ

ފެބްރުއަރީ 15، 2021: ޖަސްޓިސް ބިލްޑިންގ -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ޣައިރު ހާޒިރުގައި ހުކުމް ކުރި ކަމަށް ބުނެ ގާޒީއަކާ ދެކޮޅަށް ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އަށް ހުށަހެޅި މައްސަލައެއް ބަލަން އެ ކޮމިޝަނުން ނިންމައިފި އެވެ.

ޖޭއެސްސީއިން މިއަދު ނެރުނު ބަޔާނެއްގައި ބުނި ގޮތުގައި، ސިވިލް ކޯޓުގައި ކުރިއަށްދިޔަ ހުކުުމް ތަންފީޒު ކުރުމުުގެ މައްސަލައެއް، އެ ކޯޓުގެ ގާޒީ ޒުބައިރު މުހައްމަދު ނިންމެވީ މައްސަލައިގައި ހިމެނޭ އެއްވެސް ހަސްމަކު ހާޒިރު ނުކޮށް ކަމަށް ބުނެ އެ ކޮމިޝަނަށް ހުށަހަޅާފައިވެ އެވެ.

ޖޭއެސްސީއިން ބުނީ، އެ ކޮމިޝަނުގެ މައްސަލަ ބެލުމާ މެދު ގޮތެއް ނިންމުމުގެ ކޮމިޓީއިން އެ މައްސަލަ ތަހުގީގު ކުރަން ނިންމާފައިވާ ކަމަށެވެ. އަދި އެ މައްސަލަ ބެލުމަށް އިއްޔެ ތަހުގީގު ކޮމިޓީއެއް އެކުލަވާލާފައިވާ ކަމަށް ޖޭއެސްސީއިން ބުންޏެވެ.

ގާޒީ ޒުބައިރު މުހައްމަދުގެ އިތުރުން ސިވިލް ކޯޓުގެ ގާޒީ ރިޒްމީނާ އިދުރީސްވެސް މައްސަލައެއްގައި ވަކީލަކު ހާޒިރުވެ ހުއްޓައި އޭނާއާ ނުލައި މައްސަލަ ކުރިއަށްގެންދިޔަ ކަމަށް ބުނާ މައްސަލައެއް ބަލަން މިދިޔަ މަހު އެ ކޮމިޝަނުން ނިންމާފައިވެ އެވެ.

comment ކޮމެންޓް