ކޮވިޑް-19: އައްޑޫއިން ކަރަންޓީނާ ހިލާފުވި ޕޮޒިޓިވް ކޭސްއެއް، ކޮންޓެކްޓުން ގިނަ

އައްޑޫ ސިޓީ. (ފޮޓޯ/ފޭސްބުކް)

އައްޑޫ ސިޓީއިން ކޮވިޑް-19 އަށް ޕޮޒިޓިވް ފަރާތެއް ކަރަންޓީނާއި ޙިލާފްވެ ގިނަ އަދަދެއްގެ ބަޔަކާއި ޑައިރެކްޓް ކޮންޓެކްޓްވެފައިވާކަމަށް އައްޑޫ އީކުއެޓޯރިއަލް ހޮސްޕިޓަލް (އޭއީއެޗް) އިން ހާމަކޮށްފި އެވެ.

އައްޑޫ ސިޓީއިން ޖުމްލަ 14 މީހުން މިފަހުން ބައްޔަށް ޕޮޒިޓިވްވެފައިވާއިރު އެ އެންމެންނަކީވެސް ހޯމް ކަރަންޓީނުގައި ތިބި ފަރާތްތައްކަމަށް އޭއީއެޗްއިން ބުންޏެވެ. އޭގެ ތެރެއިން އެއް ފަރާތް ހޯމް ކަރަންޓީނުގެ ގަވާއިދުތަކާއި ޙިލާފްވެފައިވާއިރު ގިނަ އަދަދެއްގެ ބަޔަކާއި ޑައިރެކްޓް ކޮންޓެކްޓް ވެފައިވާކަމަށް އޭއީއެޗްއިން ހާމަކުރި އެވެ. އޭއީއެޗްއިން ބުނިގޮތުގައި ޕޮޒިޓިވްވި މީހާ ދަނީ ކޮންޓެކްޓް ޓްރޭސިންގްއަށްވެސް އެއްބާރުލުން ދިނުމަށް ދެކޮޅު ހަދަމުންނެވެ. އަދި މިހާރު ކޮންޓެކްޓް ޓްރޭސިންގް ގެ ދަށުން ކުރެވުނު މަސައްކަތުގެ ތެރެއިން ޖުމްލަ 17 ފަރާތަކާއި އެމީހާ ޑައިރެކްޓް ކޮންޓެކްޓްވެފައިވާކަން ދަނެގަނެވިފައިވާކަމަށް އޭއީއެޗްއިން ބުންޏެވެ. އެމީހާ ކޮވިޑަށް ޕޮޒިޓިވްވެފައިވަނީ މިމަހުގެ 6 ވަނަ ދުވަހު އެވެ.

އައްޑޫ ސިޓީއިން ކަރަންޓީނާއި ޙިލާފްވި ކޭސް ފެނިފައިވަނީ އެ ސިޓީގެ ހިތަދޫއިންނެވެ. އަދި މިވަގުތު އެ ސިޓީއިން ރެންޑަމް ސާމްޕަލް ނެގުމަށް އެޗްޕީއޭއިން ނިންމާފައި ނުވާކަމަށާއި ސިޓީ މޮނިޓަރިންގް ހާލަތަށް ގެނައުމަށްވެސް ނިންމާފައިނުވާކަމަށް އޭއީއެޗްއިން ބުންޏެވެ. އައްޑޫ ސިޓީއިން މިފަހަރު ޕޮޒިޓިވްވި 14 ކޭސްގެ ތެރެއިން އަށް މީހުންނަކީ ބިދޭސީންކަމަށް އޭއީއެޗްއިން ހާމަ ކުރި އެވެ.

މި ކޭސްއާއެކު އައްޑުއަށް އަނެއްކާވެސް ކޮވިޑުގެ ނުރައްކާ ބޮޑުވެފައިވާއިރު އެ ސިޓީ އެންމެ ފަހުން މޮނިޓަރިންގް ހާލަތުން ނެގިތާ އަދި މަސްދުވަސް ވެސް ނުވެ އެވެ. އެ ސިޓީއިން 92 މީހަކު މީގެ ކުރިން ޕޮޒިޓިވްވިއިރު އެކޭސްތަކާއި ގުޅިގެން އިއުލާންކުރި މޮނިޓަރިންގް ހާލަތު އުވާލީ އިއުލާންކުރިތާ އެއް މަސް ދުވަސް ފަހުން މިދިޔަ މާޗު މަހުގެ 13 ވަނަ ދުވަހު އެވެ. އެފަހަރު އައްޑޫ ސިޓީގެ ހުރިހާ ރަށަކުންހެން ބަލީގެ ކޭސްތައް ވަނީ ފެނިފަ އެވެ.

comment ކޮމެންޓް