ހިޔާ ފްލެޓް: އެޗް10 ކެޓަގަރީގެ ގުރު ނަގަން ފަށައިފި

ހިޔާ މަޝްރޫއުގެ އެޗް10 ކެޓަގަރީގެ ގުރުއަތުލުން ކުރިއަށް ދަނީ -- ފޮޓޯ/ އެޗްޑީސީ

ހިޔާ މަޝްރޫއުގެ ފްލެޓުތައް ލިބުނު ފަރާތްތަކުގެ ތެރެއިން، އެޗް10 ނުވަތަ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ހާއްސަ ކެޓަގަރީގެ ގުރު ނަގަން ފަށައިފި އެވެ.

ހިޔާ މަޝްރޫއުގެ ދަށުން ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އެޅި 6720 ފްލެޓު ލިބުނު ފަރާތްތަކުގެ މެދުގައި ގުރުއަތު ނެގުން ސަރުކާރުން ވަނީ އެޗްޑީސީއާ ހަވާލުކޮށްފަ އެވެ.

ގުރުނެގުން ޔެސް ޓީވީ އިން އަންނަނީ ލައިވްކޮށް ދުރަށް ދައްކަމުންނެވެ. ގުރުއަތު ނަގާއިރު، ނެގުނު ފްލެޓާއި، ފްލޯ އަދި ޓަވަރު އެނގޭ ގޮތަށް ޓީވީ ސްކްރީނުން އަންނަނީ ދައްކަމުންނެވެ.

ހިޔާ މަޝްރޫއުގެ އެޗް10 ކެޓަގަރީގެ ގުރުއަތުލުން ކުރިއަށް ދަނީ -- ފޮޓޯ/ އެޗްޑީސީ

ހަމައެއާއެކު ފްލެޓު ލިބޭ ފަރާތަށް އެސްއެމްއެސްގެ ޒަރީއާއިން ފްލެޓާ ބެހޭ އިތުރު މައުލޫމާތުވެސް ފޯރުކޮށްދޭނެ ކަމަށް އެޗްޑީސީން ވަނީ ބުނެފަ އެވެ.

ހިޔާ މަޝްރޫއުގެ ފްލެޓުތައް ލިބުނު ފަރާތްތަކުގެ ދާއިމީ ލިސްޓު އިއުލާނު ކުރީ ފެބްރުއަރީ މަހުގެ ނުވަ ވަނަ ދުވަހު އެވެ. އެޗް10 ކެޓަގަރީން ދޫކުރަނީ 200 ފްލެޓެވެ. އެ ކެޓަގަރީއަށް ފްލެޓް ދޫކުރަނީ ޓަވަރުތަކުގެ އެންމެ ތިރީ ފްލޯތަކުންނެވެ.

އެޗްޑީސީއިން ބުނީ، ފްލެޓުގެ އެގްރީމަންޓުގައި ސޮއި ކުރުމަށާއި، ތަޅުދަނޑި ހަވާލު ކުރުމަށް ފަހުން ވަކި ތާރީހެއް އިއުލާނު ކުރާނެ ކަމަށެވެ. އޭގެ ފަހުން އެތަންތަނަށް ވަނުމަށް ކުރަންޖެހޭ ކަންތައް ކުރަން ތިން މަސް ދޭނެ އެވެ. އެ މުއްދަތުގައި ކުލި ދައްކާކަށް ނުޖެހޭނެ އެވެ.

ހިޔާ ފްލެޓުތަކުގައި ޓައިލްސް ޖެހުމާއި ކޮޓަރި އަދި ފާހާނާ ތަކުގެ ދޮރު ހަރުކުރުމާ ބޮކި ފަންކާ ހަރުކުރުމުގެ މަސައްކަތް ކުރަންޖެހޭނީ ފްލެޓު ލިބޭ މީހުން އަމިއްލައަށެވެ.

ހިޔާ މަޝްރޫއުގެ ފްލެޓުތަކަށް ޑައުންޕޭމެންޓު ނުދައްކާވެސް ވަދެވޭނެ ކަމަށް ހައުސިން މިނިސްޓަރު މުަހައްމަދު އަސްލަމް ވަނީ ވިދާޅުވެފަ އެވެ. ޑައުންޕޭމަންޓް ނުދައްކާ ނަމަ، މަހު ކުއްޔަށް 7500 ރުފިޔާ ދައްކަން ޖެހޭނެ އެވެ.

comment ކޮމެންޓް