އިނގިރޭސިވިލާތުގައި ހުންނަ މިޔަންމާގެ އެމްބަސީ "ހިސޯރުކޮށްފި"

މިޔަންމާއިން އިނގިރޭސިވިލާތަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ކިޔޯ ޒުވަރު މިން ވަނީ އެގައުމުގެ ޑިފެންސް އެޓާޝޭއަކު އެމްބަސީ ހިފާފައިވާ ކަމަށް ވިދާޅުވެފަ -- ފޮޓޯ: އޭއެފްޕީ

ނޭޕިޑޯ (އޭޕްރިލް 8): އިނގިރޭސިވިލާތުގައި ހުންނަވާ މިޔަންމާގެ ޑިފެންސް އެޓާޝޭއަކު އެގައުމުގެ އެމްބަސީ ހިފާފަައިވާ ކަމަށް މިޔަންމާގެ ސަފީރު ކިޔޯ ޒުވަރު މިން ވިދާޅުވެއްޖެ އެވެ.

ސަފީރު ކިޔޯ ޒުވަރު މިން ވިދާޅުވި ގޮތުގައި ލަންޑަނުގައި ހުންނަ މިޔަންމާގެ އެމްބަސީއަށް އިއްޔެ ޑިފެންސް އެޓާޝޭއަކު ވެރިވެގަނެ، އޭނާ ވަނީ އެ އެމްބަސީ ތަޅުލާފަ އެވެ. އަދި އެކަން ކުރަން އިރުޝާދު ދިނީ މިޔަންމާގެ ސަރުކާރުން ކަމަށް ވިދާޅުވެފަ އެވެ.

"ޑިފެންސް އެޓާޝޭއެއް، އެމީހުން ވަނީ އަޅުގަނޑުގެ އެމްބަސީ ހިފާފަ... އަޅުގަނޑު އެމްބަސީން ނުކުތުމުން އެމީހުން އެތަނަށް ވަދެ ހިފީ. އެމީހުން ބުނި ގޮތުގައި އެމީހުންނަށް އިރުޝާދު ލިބުނީ [މިޔަންމާގެ] ވެރިރަށުން، ވީމާ އަޅުގަނޑު ނުވައްދާނެ،" ކިޔޯ ޒުވަރު މިން ވިދާޅުވި އެވެ.

މީގެ އިތުރުން ސަފީރު ވަނީ އެމްބަސީގެ މުވައްޒަފުންތަކެއް އިމާރާތް ތެރޭ ތިބި ކަމަށާއި އެމީހުންނަށް ބޭރަށް ދާން ހުއްދަ ނުދޭ ކަމަށް ވިދާޅުވެ، އިނގިރޭސިވިލާތުން ފިޔަވަޅު އެޅުމަށް ގޮވާލައްވާފަ އެވެ. އަދި މިޔަންމާގެ ބަޣާވާތާ ދެކޮޅު ބަޔަކު ވަނީ އެ އެމްބަސީ ކައިރިއަށް އެއްވެފަ އެވެ.

މިދިޔަ މަހު ސަފީރު ކިޔޯ ޒުވަރު މިން ވަނީ މިޔަންމާގެ އަސްކަރިއްޔާއިން ހައްޔަރުކޮށްފައިވާ ކުރީގެ ލީޑަރު އަންގް ސަން ސޫޗީ ދޫކޮށްލަން ގޮވާލައްވާފަ އެވެ. އޭގެ ސަބަބުން އަސްކަރީ ސަރުކާރުން ވަނީ ނުރުހުން ފާޅުކޮށް، އޭނާ އެނބުރި ގައުމަށް ވަޑައިގަތުމަށް އަންގާފަ އެވެ.

މިޔަންމާގެ އަސްކަރިއްޔާއިން ފެބްރުއަރީ މަހުގެ އެކެއްގައި ސޫޗީ ހައްޔަރު ކުރުމަށް ފަހު ކުރި ބަޣާވާތާ ދެކޮޅަށް އެގައުމުގައި ދަނީ ސިލްސިލާ މުޒާހަރާތައް ބާއްވަމުންނެވެ. އެ މުޒާހަރާތައް ރޫޅާލުމަށް ސަލާމަތީ ބާރުތަކުން ދަނީ ކަރުނަ ގޭހާއި ރަބަރު އުންޑަ އާއި ބަޑި ޖަހަމުންނެވެ. އަދި އެ މުޒާހަރާތަކުގައި މަރުވި މީހުންގެ އަދަދު 600އަށް ވުރެ އިތުރުވެފައިވާ ކަމަށް މިޔަންމާގެ ސިޔާސީ ހައްޔަރީންގެ ހައްގުތަކަށް މަސައްކަތް ކުރާ އެސިސްޓެންސް އެސޯސިއޭޝަން ފޯ ޕޮލިޓިކަލް ޕްރިޒަނާސް (އޭއޭޕީޕީ)ން ބުންޏެވެ.

comment ކޮމެންޓް