އެމެރިކާއިން ފަލަސްތީނަށް އިންސާނީ އެހީ އަލުން ދޭން ފެށުމުން ފަލަސްތީނުން މަރުހަބާ ކިޔައިފި

އިސްރާއީލުން ފަލަސްތީނުގެ ބިންތައް ހިފުމުން ގެދޮރުން ބޭރުވަންޖެހުނު ފަލަސްތީނުގެ ރެފިއުޖީންގެ ދަރިން

ވޮޝިންޓަން (އެޕްރީލް 8): އެމެރިކާއިން ފަލަސްތީނަށް އިންސާނީ އެހީ އަލުން ދޭން ފެށުމަށް ރައީސް ޖޯ ބައިޑެންގެ ސަރުކާރުން ނިންމުމުން ފަލަސްތީނުގެ ސަރުކާރުން އެކަމަށް މަރުޙަބާ ކިޔައިފިއެވެ.

ފަލަސްތީނުގެ ރިޔާސަތުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އެމެރިކާއިން ފަލަސްތީނަށް އިންސާނީ އެހީ އަލުން ދޭންފެށުމުން އެކަމަށް މަރުހަބާ ކިޔާކަމަށާ އެއީ އެމެރިކާ ރަނގަޅަށް އެޅި ފިޔަވަޅެއް ކަމުގައެވެ. އިންސާނީ އެހީގެ ގޮތުގައި އެމެރިކާއިން ފަލަސްތީނަށް ދެމުން ގެންދިޔަ އެހީގެ ފައިސާ ކަނޑާލީ އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ވެރިކަމުގައެވެ.

އެމެރިކާއިން ފަލަސްތީނަށް އިންސާނީ އެހީ އަލުން ދޭން ފެށުމަށް ރައީސް ޖޯ ބައިޑެންގެ ސަރުކާރުން ނިންމިކަން އިއުލާން ކުރެއްވީ އެމެރިކާގެ ޚާރިޖީ ވަޒީރު އެންތަނީ ބްލިންކެން އެވެ. ފަލަސްތީނަށް އަލުން ދިނުމަށް އެމެރިކާ ނިންމި އެހީގެ ތެރޭގައި ހިމެނެނީ ހުޅަނގު އައްސޭރިއާއި ގާޒާގެ ތަރައްގީއަށް ދޭ 75 މިލިއަން ޑޮލަރާއި، ސުލްހައިގެ ނަމުގައި ހިންގާ ހަރަކާތްތަކަށް ދޭ 10 މިލިއަން ޑޮލަރާއި، ރެފިއުޖީންގެ ގޮތުގައި ވަރަށް ނިކަމެތި ހާލުގައި ދިރިއުޅޭ ފަލަސްތީނު ހަތް މިލިޔަނެއްހާ ރައްޔިތުންނަށް އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމަށް އދ. އިން އުފައްދާފައިވާ ހާއްސަ އިދާރާ ކަމަށްވާ "ޔުނައިޓެޑް ނޭޝަންސް ރިލީފް އެންޑް ވާކްސް އެޖެންސީ ފޯ ޕެލެސްޓައިން ރެފިއުޖީސް" (އޮންރުވާ) އަށް ދޭ 150 މިލިއަން ޑޮލަރާއެކު ޖުމްލަ 235 މިލިޔަން ޑޮލަރެވެ.

އޮންރުވާ އިން ފަލަސްތީނުގެ ރެފިއުޖީންނަށް އިންސާނީ އެހީގެ ތަކެތި ބަހަނީ

މިއީ ކޮންމެ އަހަރަކު އެމެރިކާއިން ފަލަސްތީނަށް ދެމުންގެންދިޔަ އިންސާނީ އެހީއެކެވެ. މި އެހީ ކަނޑާލުމުން ބައެއް އިސްލާމީ ގައުމުތަކުންނާއި ދުނިޔޭގެ އެހެން ބައެއްގައުމުތަކުން ވަނީ އޭގެ ބައެއް ފަލަސްތީނަށް ދޭންފަށާފައެވެ.

ފަލަސްތީނަށް އިންސާނީ އެހީ ދިނުން ހުއްޓާލުމުގެ އިތުރުން ޓްރަމްޕްގެ ވެރިކަމުގައި އެމެރިކާވަނީ އިސްރާއީލު ގަދަބާރުން ވެރިވެގަނެގެން އުޅޭ ފަލަސްތީނުގެ ގުދްސަކީވެސް އިސްރާއީލުގެ ރަށެއްކަމަށް ގަބޫލުކޮށް އިސްރާއީލުގެ ޓެލްއަވީވްގައިހުރި އެމެރިކާގެ އެމްބަސީ ގުދުސަށް ބަދަލުކޮށްފައެވެ. މީގެއިތުރުން ފަލަސްތީނުގެ ހައްގުތަކަށް އަރައިގަތުމުގެ އަނިޔާވެރި އެތަށް އަމަލުތަކެއް ހިންގުމަށްވެސް ޓްރަމްޕްގެ ވެރިކަމުގައި އެމެރިކާވަނީ އިސްރާއީލަށް ހިއްވަރުދީފައެވެ.

މީގެތެރޭގައި އިސްރާއީލު ވެރިވެގަނެގެންއުޅޭ ފަލަސްތީނުގެ ހުޅަނގު އައްސޭރީގެ ބިންތަކުގެ ބޮޑުބައެއް އިސްރާއީލުގެ ބިންތަކުގެ ގޮތުގައި ހަމަޖެއްސުމަށް އެމެރިކާ ރުހުން ދިނުމާއި އިސްރާއީލުން ފަލަސްތީނުގެ ރައްޔިތުންނަށް ކުރަމުންގެންދާ އަނިޔާތަކާއި ހައްގުތަކަށް އަރައިގަތުން ހުއްޓާނުލަނީސް އިސްރާއީލާ ގުޅުންތައް ގާއިމް ކުރުމަށް އަރަބި އަދި އިސްލާމީ ގައުމުތަކަށް ބިރުދައްކައި ފިއްތުންތައް ކުރިމަތިކުރުން ހިމެނެއެވެ.

އެމެރިކާގެ މި ފިއްތުންތަކާ ގުޅިގެން ހަތަރު އަރަބި ގައުމަކުން ވަނީ އިސްރާއީލާ ގުޅުންތައް ގާއިމްކޮށްފައެވެ. އެއީ ޔޫއޭއީ، ބަހްރައިން، ސޫދާން އަދި މޮރޮކޯ އެވެ. އިސްރާއީލުން ފަލަސްތީނު އަޅުވެތިކޮށް އިސްތިއުމާރުކޮށްފައި އޮންނަ އޮތުން ނިމުމަކަށް ނުގެންނަނީސް އިސްރާއީލާ ގުޅުންތައް ގާއިމުކުރުމަކީ ފަލަސްތީނަށް އަނިޔާވެރިވުމަށް އިސްރާއީލަށް ލިބޭނެ ހިއްވަރެއްކަމާއި އެކަން ނުކުރުމަށް އަރަބި ގައުމުތަކުގެ އިސްވެރިންގެ ސަމިޓްތަކުންނާއި އިސްލާމީ ގައުމުތަކުގެ އިސްވެރިންގެ ސަމިޓުތަކުން އެތަށްފަހަރަކު ވަނީ ނިންމާފައެވެ.

(ނޫސްއެޖެންސީތައް)

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު