ހޯރަފުށީ ފެރީ ޓާމިނަލްގެ ބިންގާ އަޅައި، އަމަލީ މަސައްކަތް ފަށައިފި

ހޯރަފުށި ފެރީ ޓާމިނަލްގެ ބިންގާ އެޅުމުގެ ރަސްމިއްޔާތު-- ފޮޓޯ/އެމްޓީސީސީ

ހއ. ހޯރަފުށީ ފެރީ ޓާމިނަލްގެ ބިންގާ އަޅައި، އަމަލީ މަސައްކަތް ފަށައިފި އެވެ.

އެކަމާ ގުޅޭގޮތުން މިއަދު ބޭއްވި ރަސްމިއްޔާތުގައި އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމްއާއި އެކުންފުނީގެ އިސްވެރިންނާއި ހޯރަފުށީ ދާއިރާގެ މެމްބަރު އަހްމަދު ސަލީމާއި އެރަށު ކައުންސިލްގެ ރައީސް މުހައްމަދު ވަހީދު ބައިވެރިވެވަޑައިގެންނެވި އެވެ.

އެ ޓާމިނަލަކީ ރާއްޖެ ހައިސްޕީޑް ފެރީ ނިޒާމަކުން ގުޅާލުމަށް ފަރުމާކޮށްފައިވާ "އިންޓަގްރޭޓެޑް ނޭޝަނަލް ޕަބްލިކް ފެރީ ނެޓްވޯކް" މަޝްރޫއުގެ ފުރަތަމަ ފިޔަވަހީގެ ދަށުން ޒޯން އެކެއް (ހއ، ހދ، އަދި ށ. އަތޮޅު) އަށް ފޯރުކޮށްދޭ ފުރަތަމަ ސްޕީޑް ފެރީގެ ހިދުމަތެވެ.

ފުރަތަމަ ފިޔަވަހީގެ ދަށުން ޖުމުލަ 41 ޓާމިނަލް 41 ރަށުގައި ގާއިމުކުރާނެ އެވެ.

އެ ނިޒާމް ފަރުމާކޮށްފައިވަނީ ރާއްޖޭގެ އެއް ރަށުން އަނެއް ރަށަށް ކަނޑު ދަތުރުކުރުމުގައި މިހާރު ބޭނުންކުރަމުންދާ ފެރީގެ ނިޒާމްގައި ހުރި މައްސަލަތައް ބަލައި، އެކަންކަމަށް ހައްލު ލިބޭނެ އައު ނިޒާމެއްގެ ގޮތުގަ އެވެ.

އެގޮތުން އެ ނިޒާމަކީ އެއްރަށުން އަނެއް ރަށަށް ދަތުރުކުރަން މިހާރު ހޭދަވާ ވަގުތު ތިންގުނަ އަވަސްކޮށްދޭނެ ނިޒާމެކެވެ. އެމްޓީސީސީން ބުނީ އެ ނިޒާމްގައި ބޭނުންކުރާނެ ފެރީތަކަކީ އެކަމަށް ފަރުމާކޮށް، މުޅިން އަލަށް ބަންނަ ފެރީތަކެއް ކަމަށެވެ. އެ ފެރީތައް ބަނުމުގައި އިސްކަންދީފައިވަނީ ދަތުރުވެރިންނަށް ހިތްފަސޭހަ ދަތުރެއް ކުރެވޭނޭ ގޮތަށެވެ.

އެގޮތުން ފެރީގެ ސީޓާއި ފަސިންޖަރުންގެ ކެބިން ފަރުމާކޮށްފައިވާނީ އެފަދަ ދަތުރުތައް ކުރުމަށް އެންމެ އެކަށޭނަ ގޮތަށް ކަމަށާއި ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ހާއްސަ އިންތިޒާމްތަކެއް އެ ފެރީތަކުގައި ގާއިމްކުރާނެ ކަމަށް އެމްޓީސީސީން ބުނެ އެވެ.

comment ކޮމެންޓް