ރުޅިގަދަ ބޯވައިގެ ކިބައިން ސަލާމަތްވެވުނީ ހަމަ ކިރިޔާ!

ބޯވަ ކަރަށް ދީފައިވާ ހަމަލާ!

ބޯވައަކީ އަބަދުވެސް ވިސްނުންތޫނު އަދި ސަކަ މިޒާޖެއްގެ އެއްޗެއްކަމަށް ގިނަ ބަޔަކު ބުންޏަސް މިފަހަރު ވަރުގަދަ ބޯވައެއްގެ ކިބައިން އޮސްޓްރޭލިއާގެ ޖިއޮލޮޖިސްޓެއް ސަލާމަތްވީ ހަމަ ކިރިޔާއެވެ.

ލާންސް ކާޅްސަން، 34

މި ނިމުނު މާޗް މަހުގެ ތެރޭގައި 34 އަހަރުގެ ލާންސް ކާލްސަން އޭނާގެ ދެ އަހަރުގެ އަންހެން ދަރިފުޅު ގޮވައިގެން ބީޗަށް ދިޔައީ މޫދަށް އެރިލާނެ ރަނގަޅު ދިމާލެއް ހޯދާލުމަށެވެ.

ޕާތްގެ ދެކުނުން 140 މޭލުގައި އޮންނަ ޖިއޯގްރާފް ބޭ އަކީ އެ ގައުމުގައި މަގުބޫލު ސްނޯކްލިން ސްޕޮޓެއް ވެސް މެ އެވެ. ފެނުގެ ތެރެއިން ދިރޭ އެއްޗެއް ފުރަތަމަ ފެންނަހެން ހީވުމުން އޭނާ ހީކުރީ އެއީ މަޑިއެއްކަމަށެވެ.

އެހެންނަމަވެސް އެއީ ބޯވައެއްކަން އެނގުނު ހިސާބުން ކާލްސަން އަވަސްވެގަތީ ފޯނުން ކުޑަ ވީޑިއޯކޮޅެއް ނެގުމަށެވެ. ނަމަވެސް އެ ވަގުތުކޮޅުވީ ރުޅިގަދަވެފައި އޮތް ބޯވައިގެ ފުރަތަމަ ހަމަލާ އޭނާއަށް އަމާޒުވީ ވަގުތަށެވެ. އެ ކުރު ވީޑިއޯކޮޅު އިންސްޓަގްރާމަށް އަޕްލޯޑްކޮށްފައިވާ އިރު މިހާތަނަށް ތިން ލައްކައެއްހާ މީހުންވަނީ އެ ވީޑިއޯ ބަލައިފަ އެވެ.

ކާލްސަން ބުނެފައިވާ ގޮތުން ބޯވަ އެހާ ވަރުގަދަ ހަމަލާއެއް ކުއްލިއަކަށް ދިނުމުން އޭނާއަށް ލިބުނީ ބިރަށް ވުރެ ބޮޑަށް ކުއްލި ޝޮކެއް ނުވަތަ ހައިރާންކަމެކެވެ.

އޭގެ އިރުކޮޅެއް ފަހުން ކަކުނިތަކެއް ހުރި ސަރަހައްދެއް އޮބްޒާވް ކުރުމުގެ ތެރެއިން ވައަތުގައި ރިހުމެއް ހުރެގެން ބަލާލި އިރު ބޯވަައިގެ ހަމަލާއެއް ވަނީ އޭނާގެ ބުރަކަށްޓަށާއި ކަރަށް ވެސް ދީފަ އެވެ.

ބެލެވޭ ގޮތުގައި މިއީ ވެސް ހަމަ ކުރީގެ ބޯވަ ދީފައިވާ ހަމަލާއެކެވެ. އަދި ލަފާވާގޮތުން މިހަމަލާއަކީ ބޯވަ ދިރިއުޅޭ ސަރަހައްދަކަށް ނޭގުމެއްގެ ތެރެއިން ވެސް ކޮންމެވެސް ވަރެއްގެ ގެއްލުމެއް ދެވިފައިވުމުން ލިބުނު ހަމަލާއެކެވެ.

އެއާއެކު ކާލްސަން ލޮލުގައި އަޅާފައި އޮތް ގޮގްލްސް ފުސްވެ ވަށައިގެން އޮތް ފެންގަނޑުގެ ކުލަ އެއްކޮށްހެން ބަދަލުވި އެވެ. މިހެން ދިމާވަނީ ބިރުގަތުމުން ބޯވަތަކުން ދެލި ކަހަލަ ދިޔާއެއްޗެއް ދޫކުރާތީ އެވެ.

އެކަން ހިނގިތާ މިނިޓެއްހާއިރު ތެރޭ ކާލްސަންގެ ކަރުންނާއި ބުރަކަށިން ބޯވަ ފައެއްގެ ހަމަލާ ފެންނަން ހުއްޓެވެ.

ކަންދިމާކުރިގޮތުން ކާލްސަންއަކީ ކުރީން ލައިފްގާޑެއްގެ ގޮތުގައި މަސައްކަތްކޮށްފައިވާ މީހަަކަށްވާތީ މިފަދަ ހަމަލާއެއް ލިބުމުން ދޭން ޖެހޭ އަވަސް ފަރުވާ ހޯދުމައިގެން އޭނާއަށް އުޅެވުނެވެ. ދުވެފައި ގޮސް އެނބުރި ހޮޓެލް އަށް ގޮސް އާއިލާގެ އެހީޢާ އެކު ކޯކް ބުރަކަށްޓަށް އެޅުމުން އެރި ކުއްލި ތަދު ފިލައިގެން ދިޔަކަމަށް އޭނާވަނީ ބުނެފަ އެވެ.

comment ކޮމެންޓް