ވެކްސިނާ ދެކޮޅު ޖަމިއްޔާ އުވާލައިފި

ފެބްރުއަރީ 9، 2021: ކޮވިޑް ވެކްސިނަށް ބޮޑު ތަރުހީބެއް -- ސަން ފޮޓޯ/ ފަޔާޒް މޫސާ

ވެކްސިނާ ދެކޮޅު ޖަމިއްޔާ، "ހެލްތު ޑިފެންސް މޯލްޑިވްސް"ގެ ރަޖިސްޓްރީ ބާތިލްކޮށްފި އެވެ.

އެ ޖަމިއްޔާ ރަޖިސްޓްރީކޮށްފައި ވަނީ 27 އޮކްޓޫބަރު 2020 ގަ އެވެ.

ޔޫތު މިނިސްޓްރީން މިއަދު ނެރުނު އިއުލާނެއްގައި ބުނީ ޖަމިއްޔާ އުފެއްދުމަށް ހުއްދަދެވޭ ތާރީހުން ފެށިގެން ހަ މަސްދުވަހުގެ ތެރޭގައި އެ ޖަމިއްޔާއެއްގެ ގަވާއިދުގައިވާ ގޮތުގެ މަތިން ހިންގާ ކޮމިޓީއެއް ހޮވާ އެކަން ރަޖިސްޓްރާއަށް އަންގައި ހުއްދަ ހޯދަންޖެހޭނެ ކަމަށެވެ. އަދި އެ މުއްދަތަކީ ޖަމިއްޔާގެ ހިންގާ ކޮމެޓީ އެކުލަވާލުމަށްޓަކައި ދެވިފައިވާ މުއްދަތަކަށްވާތީ ޖަމިއްޔާގެ އިތުރު ހަރަކާތްތަކެއް އެ މުއްދަތުގައި ނުހިންގޭނެ ކަމަށެވެ.

ހަމައެއާއެކު ގާނޫނެއްގެ ނުވަތަ ގަވާއިދެއްގެ ދަށުން ދައުލަތުގެ މުއައްސަސާއަކަށް މަތިކޮށްފައިވާ ކަމެއް، އަދި ދިވެހި ސަރުކާރުގެ އޮފީހެއްގެ މެންޑޭޓުންގެ ތެރޭގައި ހިމެނޭ ކަމަކާ ދެކޮޅަށް ހަރަކާތްތެރިވުމަކީ އެއްވެސް ޖަމިއްޔާއަކުން ކޮށްގެންވާނެ ކަމެއް ނޫން ކަމަށެވެ.

ނަމަވެސް ހެލްތު ޑިފެންސް މޯލްޑިވްސް އިން، މިނިސްޓްރީ އޮފް ހެލްތު ގެ މެންޑޭޓް ތެރޭގައި ހިމެނޭ އާންމު ސިއްހަތު ހިމާޔަތްކުރުމާއި، އެކަމާއި ގުޅިގެން ކުރަންޖެހޭ ކަންކަމާއި ބެހޭގޮތުން މުޖުތަމައުގެ ތެރޭގައި ނުތަނަވަސްކަން ފެތުރޭ މޭރުމުން ހަރަކާތްތައް ހިންގަމުންގެންދާކަން ފާހަގަވެފައިވާ ކަމަށް ޔޫތު މިނިސްޓްރީން ބުންޏެވެ.

އެ އަމަލަކީ ޖަމިއްޔާތަކާއި ބެހޭ ގާނޫނާއި، ރާއްޖޭގެ ގާނޫނުއަސާސީއާއި، ބައިނަލްއަގުވާމީ މުއާހަދާތަކުން ކަށަވަރުކޮށްދޭ ދުޅަހެޔޮ ސިއްހަތެއްގައި ހުރުމުގެ ހައްގު ރައްކާތެރިކުރުމަށް ވަކާލާތުކުރާ ޖަމިއްޔާއަކުން ކޮށްގެން ނުވާނެ ކަމެއް ކަމަށާއި އާންމު ސިއްހަތު ރައްކާތެރިކުރުމަށް މިހާތަނަށް އެންމެ ކާމިޔާބުކަމާއެކު ހިންގާފައިވާ ވެކްސިން ދިނުމުގެ ޕްރޮގްރާމް ފަދަ ކަންކަމާއި ދެކޮޅަށް އެ ޖަމިއްޔާއިން ވަކާލާތުކުރާކަން ވަނީ ފާހަގަކޮށްފަ އެވެ.

އެހެންކަމުން މިއަދުން ފެށިގެން ހެލްތު ޑިފެންސް މޯލްޑިވްސްގެ ރަޖިސްޓްރީ ވަނީ ބާތިލްކޮށްފަ އެވެ.

އެ ޖަމިއްޔާ އުވާލާފައި މިވަނީ، އެ ޖަމިއްޔާ ރަޖިސްޓްރީކޮށްދީފައި ވާތީ ގިނަ ބައެއްގެ ފާޑުކިޔުންތަކެއް އަމާޒުވެފައި ވަނިކޮށެވެ.

comment ކޮމެންޓް