މަސްތުވާތަކެތީގެ ސަބަބުން އާއިލާތަކަށް ލިބޭ ކަންބޮޑުވުން ހައްލުކުރަން ޕެޓިޝަން ކޮމިޓީ

26 ނޮވެމްބަރ 2020 -- ސަން ފޮޓޯ/ ފަޔާޒު މޫސާ

މަސްތުވާތަކެތީގެ ސަބަބުން އާއިލާތަކަށް ދިމާވެފައިވާ ކަންބޮޑުވުންތައް ހައްލުކޮށްދިނުމަށް ރައްޔިތުންގެ މަޖިލީހުގެ ޕެޓީޝަން ކޮމިޓީން ތެދުވެއްޖެ އެވެ.

ޕެޓިޝަން ކޮމިޓީން އެ ޔަގީންކަން ދީފައި ވަނީ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ "ޗޭންޖް އެންޑީއޭ 2020 ޕެޓިޝަން" އާ ގުޅޭގޮތުން މިއަދު ނެރުނު ބަޔާނެއްގަ އެވެ.

"ޗޭންޖް އެންޑީއޭ 2020 ޕެޓިޝަން" ހުށަހެޅުއްވީ މައްޗަންގޮޅި ދެކުނު ދާއިރާގެ މެމްބަރު އަހްމަދު ހައިތަމް އެވެ. އެ ޕެޓިޝަން ދިރާސާކުރުމުގެ މަސައްކަތް ކޮމިޓީން ފެށީ މާޗް 31 ވަނަ ދުވަހު އެވެ.

ބަޔާނުގައި ބުނެފައި ވަނީ ޕެޓިޝަންގެ މަސައްކަތް ކުރިއަށް ގެންދާނެ ގޮތަކާމެދު ކޮމިޓީގެ މެމްބަރުންގެ މެދުގައި މަޝްވަރާ ކުރުމަށްފަހު، ނޭޝަނަލް ޑްރަގް އެޖެންސީ އަށާއި އެ އެޖެންސީގެ ދަށުން ހިންގާ ޑްރަގް ރިހެބިލިޓޭޝަން ސެންޓަރުތަކަށް އެ ތަންތަނުގެ ހާލަތު ދެނެގަތުމުގެ ގޮތުން ޒިޔާރަތްކުރުމަށް ކޮމިޓީން ނިންމާފައިވާ ކަމަށެވެ.

އެގޮތުން އޭޕްރީލް ފަހެއް ވީ ހޯމަ ދުވަހު ހުޅުމާލޭގައި ގާއިމުކޮށްފައިވާ ހާފްވޭ ހައުސް އަށް ކޮމިޓީން ޒިޔާރަތްކޮށްފައިވާ ކަމަށް ބަޔާނުގައި ވެއެވެ. ހަމައެއާއެކު އެ ސެންޓަރުތަކުގެ ހާލަތު ދެނެގަތުމަށްފަހު، ކަމާގުޅޭ އެންމެހާ އިދާރާތަކާ ބައްދަލުކުރުމަށް ވެސް ކޮމިޓީން ވަނީ ނިންމައިފަ އެވެ.

"މަސްތުވާތަކެތީގެ މައްސަލައަކީ ރާއްޖެއަށް ދިމާވެފައިވާ އެންމެ ބޮޑު އެއް އިޖުތިމާއީ މައްސަލައަކަށް ވާތީ، މިކަމުގެ ސަބަބުން އާއިލާތަކަށް ދިމާވެފައިވާ ކަންބޮޑުވުންތައް ހައްލުކޮށްދިނުމަށް މި ކޮމިޓީން އިސް ނަގައިގެން މަސައްކަތް ކުރާނެ ކަމުގެ ޔަގީންކަން އަރުވަމެވެ." ބަޔާނުގައިވެ އެވެ.

comment ކޮމެންޓް