އެސްޓީއޯ ކޮންސްޓްރަކްޝަން މެޓީރިއަލްސް އަށް އެޖެންޓުން ހޯދަނީ

އެސްޓީއޯ ކޮންސްޓްރަކްޝަން މެޓީރިއަލްސް އައުޓްލެޓް -- ފޮޓޯ/ އެސްޓީއޯ

އެސްޓީއޯއިން ވިއްކާ ކޮންސްޓްރަކްޝަން މެޓީރިއަލްސްގެ ބާވަތްތައް އަތޮޅުތެރޭގެ ރަށްރަށުގައި ވިއްކުމުގެ މަސައްކަތް ކޮށްދޭނެ އޭޖެންޓުންނަށް ވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

އެ ކުންފުނިން ކުރި އިއުލާނެއްގައި ބުނީ އެޖެންޓުންގެ މަސައްކަތަކަށްވާނީ އެސްޓީއޯ އިން ވިއްކާ ކޮންސްޓްރަކްޝަން މެޓީރިއަލްސްގެ ބާވަތްތައް ކަނޑައެޅިފައިވާ އަތޮޅުތަކުގައި ވިއްކުމުގެ ހިދުމަތް ދިނުންކަމަށެވެ. އެގޮތުން ވިއްކުމަށް ހަމަޖެހިފައިވަނީ ސިމެންތި، ހިލަ، ހިލަވެލި، ދަގަނޑު، ޕުލައިވުޑް، ދަގަނޑު ހޮޅި، އަދި ޓިނާއި ޓިނާ ބެހޭ ސާމާނުކަމަށް އެސްޓީއޯއިން ބުންޏެވެ.

އެޖެންޓުން ނެގުމަށް މިވަގުތު ހަމަޖެހިފައިވަނީ ށ، ނ، ރ، ޅ، އއ، އދ، ވ، މ، ފ، ދ. އަދި ތ. އަތޮޅަށް ކަމަށްވެސް އެސްޓީއޯ އިން ބުންޏެވެ.

އެޖެންޓުގެ ގޮތުގައި އައްޔަންކުރާނީ ވިޔަފާރި ރަޖިސްޓްރީ ކުރުމާއިބެހޭ ގާނޫނުގެ ދަށުން މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމެންޓްގައި ރަޖިސްޓްރީކޮށްފައިވާ ކުންފުނި ނުވަތަ ވިޔަފާރި ތައް ކަމަށް އެސްޓީއޯ އިން ބުންޏެވެ.

ކޮންމެ އަތޮޅަކުން ދެ އެޖެންޓުން ނަގަން ނިންމާފައި ވާއިރު އެޖެންޓު ކަމަށް އެދި ހުށަހަޅާ ކޮންމެ ފަރާތަކަށްވެސް ގިނަވެގެން ދެ އަތޮޅަށް ބީލަން ހުށަހެޅޭނެ ކަމަށް އެ ކުންފުނިން ބުންޏެވެ.

ބީލަންކަރުދާސް ހުށަހެޅުމުގެ ސުންގަޑި އަކީ، 2021 އޭޕްރިލް 25 ވަނަ ދުވަހުގެ 1400 އެވެ.

އެސްޓީއޯއިން ވަނީ 2019 ވަނަ ކާޑު އެޖެންޓުން ތައާރަފްކޮށް ކާޑުގެ އަގު ރާއްޖޭގެ ހުރިހާ ހިސާބެއްގައި އެއް އަގެއްގައި ހިފަހައްޓައިފައެވެ.

ކާޑު އެޖެޓުންނަށްވެސް އެކަށީގެންވާ ފައިދާއެއް ލިބޭ ކަމަށް އެސްޓީއޯ އިން ބުންޏެވެ.

comment ކޮމެންޓް