ފަގީރުންނަށް ގަނެވޭ ވަރަށް ވުރެ ފްލޯޓިން ސިޓީ އަގުބޮޑު ވާނެ: ސަރުކާރު

ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް -- ފޮޓޯ/ ރައީސް އޮފީސް

ފަގީރު އާއިލާތަކަށް ގަނެވޭ ވަރަށް ވުރެ ފްލޯޓިން އައިލެންޑްގެ ހައުސިން ޔުނިޓުތަކުގެ އަގުބޮޑުވާނެ ކަމަށް ސަރުކާރުން ބުނެފި އެވެ.

ނެދަލެންޑްސްގެ ޑަޗް ޑޮކްލެންޑްސް ކުންފުނިން ރާއްޖޭގައި ކުރިއަށް ގެންދާ އެ ޕްރޮޖެކްޓު ލޯންޗުކުރީ މާޗު މަހުގެ މެދު ތެރޭގަ އެވެ.

އެ ސިޓީ ތަރައްގީ ކުރަނީ މާލެ/ހުޅުލެ އިން ފުރައިގެން 10 މިނެޓުން ދެވޭ ސަރަހައްދުގަ އެވެ. އެ މަޝްރޫއު ކުރިއަށް ގެންދަނީ 10 އަހަރަށް ބަހާލައިގެން ކަމަށާއި އެތައް ހާސް ގެޔެއް މީހުން ދިރިއުޅުމަށް ހާއްސަ ކޮށްގެން އެތަނުގައި ހަދާނެ ކަމަށް އެ ކުންފުނިން ބުނެފައި ވެއެވެ.

އެ ޕްރޮޖެކްޓުގެ އިތުރު ތަފްސީލް ހޯދުމަށް މިއަދު "ސަން" އިން ސުވާލުކުރުމުން، ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް ވިދާޅުވީ އެ ޕްރޮޖެކްޓު އަމާޒުކޮށްފައި ވަނީ މެދު ފަންތިން ފެށިގެން މަތީގެ އާއިލާތަކަށް ކަމަށެވެ.

"މެދު ފަންތިން ފެށިގެން މަތީގެ އާއިލާތަކަށް މިތަނުގައި [ފްލޯޓިން ސިޓީގައި] ފްލޯޓިން ޔުނިޓްސްތައް އެފޯޑު ކުރެވޭނީ. މީ އެންމެ އާމްދަނީގެ ގޮތުން ފަގީރު އާއިލާތަކަށް މި ޔުނިޓުތަކެއް އެޕްރޮޕްރިއޭޓް ނުވާނެ،" އަސްލަމް ވިދާޅުވި އެވެ.

އެއީ ސަރުކާރުން ކުރިއަށްގެންދާ ޕްރޮޖެކްޓެއް ނޫންކަން ފާހަގަކުރައްވައި އަސްލަމް ވިދާޅުވީ އެ މަޝްރޫއަށް ސަރުކާރުން މަރުހަބާ ކިޔާ ކަމަށެވެ. އަދި އެއީ ހަމައެކަނި ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލު ހޯދުމުގެ އިތުރުން މޫސުމަށް އަންނަ ބަދަލާއި ލޮނުގަނޑު އުފުލުމުގެ މައްސަލައަށް ވެސް ކޮންމެސް ވަރެއްގެ ހައްލެއް ގެންނާނެ މަޝްރޫއެއްކަން މިނިސްޓަރު ފާހަގަ ކުރެއްވި އެވެ.

އެ ޕްރޮޖެކްޓުގެ ދަށުން 200 ހެކްޓަރުގެ ފަޅެއްގައި ފެނުމަތީގައި ހުންނަ ގޮތަށް ގެތައް ފަރުމާކޮށް ބަހައްޓާނެ އެވެ. މަޝްރޫއުގެ އަމަލީ މަސައްކަތް ފަށާނީ 2022 ވަނަ އަހަރު އެވެ. ފިޔަވަހި ތަކަކަށް ބަހަލައިގެން ކުރިއަށް ގެންދާ އެ މަޝްރޫއު ނިމޭއިރު އެތަނުގައި މީހުން ދިރިއުޅޭ ގެތަކުގެ އިތުރުން ފިހާރަތަކާއި ހޮސްޕިޓަލުތައްވެސް ހުންނާނެ އެވެ.

ފްލޯޓިންގް އައިލެންޑް ޓެކްނޮލޮޖީ ބޭނުންކޮށްގެން ރާއްޖޭގައި ރިސޯޓު ހެދުމަށް އެންމެ ފުރަތަމަ ސޮއިކުރީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުގައި، 2010 ވަނަ އަހަރުގަ އެވެ.

comment ކޮމެންޓް