ޑައުންޕޭމަންޓާ ނުލާވެސް ހިޔާ ފްލެޓަށް ވަދެވޭނެ: އަސްލަމް

ހައުސިންގް އެންޑް ޕްލޭނިންގް މިނިސްޓަރު މުހައްމަދު އަސްލަމް -- ފޮޓޯ/ ރައީސް އޮފީސް

ހިޔާ މަޝްރޫއުގެ ފްލެޓުތަކަށް ޑައުންޕޭމެންޓު ނުދައްކާވެސް ވަދެވޭނެ ކަމަށް ހައުސިން މިނިސްޓަރު މުަހައްމަދު އަސްލަމް ވިދާޅުވެއްޖެ އެވެ.

އަސްލަމް އެހެން ވިދާޅުވީ މިހާރު ރައީސް އޮފީހުގައި ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުންނެވެ.

ނޫސްވެރިޔަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން މިނިސްޓަރު އަސްލަމް ވިދާޅުވީ ޑައުންޕޭމެންޓު ނުދައްކާ ފަރާތްތަކަށް ޑައުންޕޭމަންޓް ނުދައްކާ ކުރިއަށް ދެވޭނެ އޮޕްޝަން އޮންނާނެ ކަމަށެވެ. އެގޮތުން ޑައުންޕޭމެންޓެއް ނުދައްކައި 25 އަހަރަށް ބަހާލައިގެން މަހަކަށް 7،500 ރުފިޔާ އެ ފްލެޓުތަކަށް ދައްކަން ޖެހޭނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

"ޑައުންޕޭމެންޓެއް ދައްކައިގެން ކުރިއަށް ވަަޑައިގަންނަވަން ބޭނުން ފަރާތްތަކަށް ދެ އޮޕްޝަނެއް ދިނުމަށް ސަރުކާރުގެ ވިސްނުން ހުރީ. މިނިސްޓްރީ އޮފް ފިނެންސް އާ އެޗްޑީސީއާއެކު ސަރުކާރުން މަސައްކަތް ކުރޭ އެ ދެ އޮޕްޝަނަކީ ކޮބައިތޯ. ޑައުންޕޭމެންޓެއް ދައްކައިފިއްޔާ 7،500 އަށް ވުރެ ކުޑަވާނެ، އެހެންވީމާ އެންމެ ބޮޑުވަރުވެގެން ދައްކަން ޖެހޭނީ 7،500 ރުފިޔާ. އެއީ ޑައުންޕޭމެންޓެއް ނުދައްކާ. ޑައުންޕޭމެންޓެއް ދެއްކީމަ މަހެއްގެ މައްޗަށް ދައްކަން ޖެހޭ މިންވަރު ކުޑަވާނެ. ޑައުންޕޭމެންޓު ދައްކާ މިންވަރަކުން ކުޑަވާ މިންވަރު އަންނާނީ،" މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު އަސްލަމް ވިދާޅުވީ އެންމެ ބޮޑު ވެގެން އެތަންތަނަށް ދައްކަން ޖެހޭ އަދަދު ސަރުކާރުން ވަނީ ކަނޑައަޅާފައި ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ ހިޔާ ފްލެޓުގެ އަސްލު އަގާ އަޅާބަލާއިރު، މިއީ ކުޑަ އަގެއް ކަމަށެވެ.

"އެޗްޑީސީއަށް މީގެ ބާޑަން [ބުރަ]ވަރަށް ބޮޑުވާނެ. އެއީ މިހާރު މި ފްލެޓުތަކަށް އަސްލު ޖެހުނު އަގާ އަޅާ ބަލާފައި އޭގެ ކޮންސްޓްރަކްޝަން ކޮސްޓާ ފައިނޭންޝަން ކޮސްޓާ އެކީ އަސްލު އަގު އެބަޖެހޭ ގާތްގަނޑަކަށް 11 ވަރަކަށް ހާސް ރުފިޔާ،" މިނިސްޓަރު ވިދާޅުވި އެވެ.

ހައުސިން މިނިސްޓަރު ވިދާޅުވީ ހިޔާ ފްލެޓުތައް އެޅުމަށް ނަގާފައިވާ ލޯނަކީ 3.2 ޕަސެންޓް އާއި ލައިބޯގައި 10 އަހަރަށް، ދެ އަހަރުގެ ގްރޭސް ޕީރިއަޑާއެކު ދައްކަން ޖެހޭ ނޯނެއް ކަމަށެވެ.

"ޔުނިޓެއްގެ ކޮންސްޓްރަކްޝަން ކޮސްޓަކީ 2،000 ޑޮލަރު. ހިސާބު ޖައްސަވާލެއްވީމާ އެނގިވަޑައިގަންނަވާނެ މިއަށް ވަނީ ކިހާވަރެއްކަން. 7،500 އަކީ ވަރަށް ބޮޑަށް ސަބްސިޑައިޒް ކުރެވިފައިވާ އަދަދެއް،" އަސްލަމް ވިދާޅުވި އެވެ.

މިނިސްޓަރު އަސްލަމް ވިދާޅުވީ ފްލެޓުތަކުގެ ގުރުއަތުނެގުމަށްފަހު، ފްލެޓު ލިބޭ މީހުންނާއެކު އެޗްޑީސީ އިން އެއްބަސްވުން އެކުލަވާލާނެ ކަމަށާއި އޭގެ ފަހުން އެތަންތަނަށް ވަނުމަށް ކުރަންޖެހޭ ކަންތައް ކުރަން ތިން މަސް ދޭނެ ކަމަށެވެ.

ހިޔާ ފްލެޓުތަކުގައި ޓައިލްސް ޖެހުމާއި ކޮޓަރި އަދި ފާހާނާ ތަކުގެ ދޮރު ހަރުކުރުމާ ބޮކި ފަންކާ ހަރުކުރުމުގެ މަސައްކަތް ކުރަންޖެހޭނީ ފްލެޓު ލިބޭ މީހުން އަމިއްލައަށެވެ.

ފްލެޓު ލިބޭ މީހުންގެ ތެރެއިން ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ދޭ ފްލެޓުތަކުގެ ގުރުނެގުން މާދަމާ އޮންނާނެ އެވެ. ހިޔާގެ 6،720 ފްލެޓު ލިބުނު ފަރާތްތަކުގެ މެދުގައި ގުރުއަތު ނެގުން ސަރުކާރުން ވަނީ އެޗްޑީސީއާ ހަވާލުކޮށްފަ އެވެ.

comment ކޮމެންޓް