ކުރިއަށް އޮތް ރަމަޟާން މަހާ ދިމާކޮށް ކާއްޓައި މިރުހުގެ އަގު އެއްވަރެއްގައި ހިފެހެއްޓުމަށް މަސައްކަތް ކުރަމުންދާ ކަމަށް ސަރުކާރުން ބުނެފި އެވެ.
މިއަދު ރައީސް އޮފީހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ސަރުކާރުގެ ތަރުޖަމާނު މަބުރޫކު އަޒީޒު ވިދާޅުވީ 363 ދަނޑުވެރިންނާއެކު އެގްރޯނެޓުން އެއްބަސްވުން އެކުލަވަލާފައިވާ ކަމަށެވެ.
"ކާށީގެ އަގު ކޮންޓްރޯލު ކުރުމަށް އެބޭފުޅުން އެބަ މަސައްކަތް ކުރައްވާ. ސަރުކާރުން ކައުންސިލްތަކާ ގުޅިގެން މިރުސް، ކަރާ ތަކެތީގެ ސަޕްލައި ރަނގަޅަށް ރާއްޖޭގައި ހިފެހެއްޓޭނެ ކަހަލަ ގޮތަކަށް މަސައްކަތް ކުރަމުން އެބަދޭ،" މަބްރޫކު ވިދާޅުވިއެވެ.
ކޮންމެ އަހަރެއްގެ ރޯދަ މަހާ ދިމާކޮށް ކަރާ އަދި މިރުސް ފަދަ ތަކެތީގެ އަގު އުފުލި ސަޕްލައިއަށް އަސަރު ކުރާ މައްސަލަ ދިމާވެއެވެ.
މަބްރޫކު މިއަދު ވިދާޅުވީ ކާޑާއި ބިސް، ފިޔާ އަދި އަލުވީގެ ސަޕްލައި އަށްވެސް ރޯދަ މަހު ބުރޫނާރާނެ ކަމަށާއި، މާކެޓުގައި އަގުކޮންޓްރޯލު ކޮށްފައި ހުންނަ ތަކެތީގެ އަގު އެގޮތަށް ދަމަހައްޓާފައި ހުރިތޯ ބެލުމަށް މަސައްކަތް ކުރާނެ ކަމަށެވެ.
"ރޯދަ މަސް އަންނަ އިރު އެތަކެތީގެ ލޮޅުމެއް ނާރާ ސަޕްލައިއަށް ލޮޅުމެއް ނާންނާނެހެން އެސްޓީއޯ މަސައްކަތް ކުރަމުން ދަނީ،" މަބްރޫކު ވިދާޅުވި އެވެ.