ރަމަޟާން މަހަށް ތައްޔާރުވާއިރު ކާޑުގެ ބާވަތްތަކާއި، ފިޔާ، އަލުވި އަދި ބިހުގެ ސްޓޮކް އެކަށީގެންވާ ވަރަށް އެބަހުރި ކަމަށް ސަރުކާރުން ބުނެފި އެވެ.
މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް އޮފީހުގެ ތަރުޖަމާނު މަބްރޫކް އަޒީޒް ވިދާޅުވީ ކާބޯތަކެތީގެ އަގު ވަކި ހިސާބެއްގައި ހިފެހެއްޓުމަށް، ކާޑުގެ ބާވަތްތަކަށް އަގު ކަނޑައަޅައި އިކޮނޮމިކް މިނިސްޓްރީން މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށެވެ.
މަބްރޫކް ވިދާޅުވީ މުޅި ރާއްޖޭގައި ވެސް އެ އަގުތައް ހިފެހެއްޓިފައި ހުރޭތޯ ބެލުމަށް، އިކޮނޮމިކް މިނިސްޓްރީގެ ބިޒްނަސް ސެންޓަރުތައް މެދުވެރިކޮށް މޮނިޓާ ކުރަމުން ދާނެ ކަމަށެވެ.
އެސްޓީއޯ އާ ހަވާލާދެއްވައި މަބްރޫކް ވިދާޅުވީ ހަނޑޫ، ހަކުރު، ފުށް، ފިޔާ، އަލުވި އަދި ބިހުގެ އެކަށީގެންވާ ސްޓޮކް އެބަހުރި ކަމަށާއި، އަދި އިތުރު ޝިޕްމަންޓްތަކެއް ގެނައުމުގެ މަސައްކަތްތަކެއް ވެސް ކުރަމުން އަންނަ ކަމަށެވެ.
މަބްރޫކް ވަނީ މިހާރުގެ ކާޑުގެ ސްޓޮކްގެ ތަފްސީލް ދެއްވައިފަ އެވެ.
ހަނޑޫ: 100000 ބަސްތާ
ފުށް: 50،000 ބަސްތާ
ހަކުރު: 27،000 ބަސްތާ
މަބްރޫކް ވިދާޅުވީ އަދިވެސް ކާޑުގެ ސްޓޮކް އިތުރުކުރަން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. ހަމައެއާއެކު އަތޮޅުތެރޭގައި ހުރި ކާޑުގެ ސްޓޮކް އިތުރުކުރަން ވެސް އެސްޓީއޯ އިން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
"އޭގެ މާނައަކީ ރޯދަ މަސް އަންނަ އިރު އެއްޗެހީގެ ސަޕްލައިއަށް ލޮޅުމެއް ނާރާ އެ އަގުތައް ބޭނުންވާ ހިސާބުގައި ހިފެހެއްޓިފަ ހުންނާނެ ގޮތަށް އެސްޓީއޯ އިން މަސައްކަތް ކުރަމުން ދަނީ،" މަބްރޫކް ވިދާޅުވި އެވެ.
ހަމައެއާއެކު އިމްޕޯޓަރުންނަށް މުދާ ގެނައުމުގައި ހުރި ދަތިތައް ވެސް ހައްލުކުރަން މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް މަބްރޫކް ވިދާޅުވި އެވެ.