ރޯދަމަހު މާލޭގައި މުދާއުފުލޭނެ ވަގުތުތައް އާންމުކޮށްފި

މާޗް 2، 2021: ސިނަމާލެ ބްރިޖް ސަރަހައްދު -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ރޯދަމަހާއި ޝަައްވާލު މަހުގެ ފުރަތަމަ ހަތް ދުވަހު މާލޭގައި މުދާ އުފުލޭވެ ވަގުތުތައް އާންމުކޮށްފި އެވެ.

ޓްރާންސްޕޯޓު އޮތޯރިޓީ އިން ކުރި އިއުލާނެއްގައި ބުނީ އެ ދުވަސްތަކުގެ ހެނދުނު 9:00 އިން ފެށިގެން ހަވީރު 3:00 އަށް އަދި ރޭގަނޑު 9:00 އިން ފެށިގެން ހެނދުނު 6:00 އަށް ހުރިހާ ބާވަތެއްގެ މުދާ، ހުރިހާ ގިންތިއެއްގެ މުދާ އުފުލާ އުޅަނދުގައި އުފުލޭނެ ކަމަށެވެ.

ނަމަވެސް ހެނދުނު 9:00 އިން ފެށިގެން މެމްދުރު ފަހު 3:00 އަށް ފެނާއި ކައްކާ ގޭސް ގެންދާ ނަމަ، އެތަކެތި އުފުލޭނީ 350 ކިލޯ އަށް ވުރެ ލުއި މުދާ އުފުލުމަށް ހުއްދަކުރާ އެއްގަމު އުޅަނދެއްގައި ކަމަށާއި ހަވީރު 3:00 އިން ފެށިގެން ރޭގަނޑު 9:00 އާ ދެމެދު އެއްވެސް ބާވަތެއްގެ މުދަލެއް ގަނޑުކޮށް، އެއްވެސް ބާވަތެއްގެ އުޅަނދެއްގައި ވިޔަފާރި އުސޫލުން އުފުލުމަކީ މަނާކަމެއް ކަމަށް އެ އޮތޯރިޓީ އިން ބުންޏެވެ.

މީގެ އިތުރުން ބުރިޖުމަތިން މުދާ އުފުލޭނީ ހެނދުނު 9:00 އިން ފެށިގެން ހަވީރު 3:00 އަށް އަދި ދަންވަރު 1:00 އިން ހެނދުނު 6:00 އަށް ކަމަށާއި މިވަގުތުތަކުގައި އުޅަނދުތައް ބުރިޖަށް އަރަން ވާނީ މާލެ ދެކުނުފަރާތުން ބޮޑުތަކުރުފާނު މަގުން ކަމަށް ވެސް ބުންޏެވެ.

ޓްރާންސްޕޯޓުން ބުނީ އެންގުމާ ހިލާފްވާ ފަރާތްތަކާ މެދު "އެއްގަމު ދަތުރުފަތުރުގެ ގާނޫނު"ގެ ދަށުން ފިޔަވަޅު އަޅާނެ ކަމަށެވެ.

comment ކޮމެންޓް