އާސާރީ ތަކެތި ފެނުމުން ޒިކުރާ މިސްކިތުގެ މަސައްކަތް މެދުކަނޑާލައިފި

ޒިކުރާ މިސްކިތް ހުރި ބިން ކޮންނަމުން ދަނިކޮށް ފެނުނު ތަކެތި -- ފޮޓޯ/ ހެރިޓޭޖް

މާލޭ ޒިކުރާ މިސްކިތް ހުރި ބިން ކޮންނަމުންދަނިކޮށް އާސާރީ ތަކެތި ފެނިއްޖެ އެވެ.

ނޭޝަނަލް ސެންޓާ ފޯ ކަލްޗުރަލް ހެރިޓޭޖް އިން ބުނީ އާސާރީތަކެތި ފެނުމާ ގުޅިގެން ރާއްޖޭގެ ސަގާފީ ތަރިކައިގެ ގާނޫނުގައި ވާގޮތުގެމަތިން ވަގުތީގޮތުން މަސައްކަތް ހުއްޓުވައި އެތަކެތި ރައްކާތެރިކުރުމަށް ކަމާއިބެހޭ ފަރާތްތަކާއެކު މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

އެ ބިމުން ފެނުނު ތަކެއްޗާ ގުޅޭ އިތުރު ތަފްސީލެއް ދީފައެއް ނުވެ އެވެ.

ޒިކުރާ މިސްކިތް ހުރި ބިން ކޮނުމުގެ މަސައްކަތް ފަށާފައި ވަނީ، އެ ބިމުގައި ވަގުތީ މިސްކިތެއް އެޅުމަށެވެ. އެ ބިން ކޮނުމުގެ މަސައްކަތް ކުރިއަށްދަނިކޮށް، އެބިމުން މިނިކަށިތަކެއް ވެސް ވަނީ ފެނިފަ އެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ ކަނޑައެޅިފައިވާ އުސޫލުތަކާ އެއްގޮތަށް އެތަން ސާފުކޮށްފައިވާ ކަމަށެވެ.

ޒިކުރާ މިސްކިތް ހުރި ބިމުން އާސާރީ ތަކެތި ފެނިފައި ވާއިރު، މިދިޔަ ފެބުރުއަރީ މަހު ރ. ރަސްގެތީމު ގެ ފެނާއި ނަރުދަމާގެ މަސައްކަތް ކުރުމަށްޓަކައި މަގު ކޮންނަމުން ދަނިކޮށް ވެސް އާސާރީ ތަކެތި ވަނީ ފެނިފަ އެވެ.

އެ ތަކެއްޗަކީ އިހު ޒަމާނުގައި އެރަށަށް ފޭރެން އަރާ 'ހޮޅިން'ނަށް ފޮރުވަން ވަޅުލި ތަކެތި ކަމަށް ރަސްގެތީމުގެ ދުވަސްވީ މީހުން ވަނީ ލަފާކޮށްފަ އެވެ.

comment ކޮމެންޓް