ދ. މީދޫގެ މުޅި ކައުންސިލް ތިން މަހަށް ސަސްޕެންޑުކޮށްފި

ދ. މީދޫ ކައުންސިލުގެ ރައީސް އިޔާސް އިސްމާއިލް ލަތީފް (ކ)، ނައިބު ރައީސް ޝުއައިފު އިބްރާހިމް ރަޝީދު (މ) އަދި ކައުންސިލަރު މުހައްމަދު ތައުފީގު (ވ) ---

ކައުންސިލަރުންގެ ސުލޫކީ މިންގަނޑާ ހިލާފަށް އަމަލުތައް ބަހައްޓާފައިވާ ކަމަށް ބުނެ، ދ. މީދޫގެ މުޅި ކައުންސިލް ތިން މަހަށް ސަސްޕެންޑު ކޮށްފި އެވެ.

ލޯކަލް ގަވަމަންޓް އޮތޯރިޓީން މިއަދު ކުރި އިއުލާނެއްގައި ބުނީ މީދޫ ކައުންސިލާ ގުޅޭގޮތުން އެ އޮތޯރިޓީއަށް ހުށަހެޅުނު ޝަކުވާތަކާ ގުޅިގެން އިންކުއަރީއެއް ކުރިއަށް ގެންގޮސްފައިވާ ކަމަށެވެ.

އަދި މަގާމުގެ މަސްއޫލިއްޔަތާއި ވާޖިބު އެކަށީގެންވާ ގޮތަކަށް އަދާނުކުރުމާއި، ވާޖިބު އަދާކުރުމުގައި އިހުމާލުވުމާއި ކައުންސިލުގެ ބާރުތަކާއި ވަސީލަތްތަކުގެ ބޭނުން ނަހަމަގޮތުގައި ހިފުމާއި، ކައުންސިލަރުންގެ ސުލޫކީ މިންގަނޑާ ހިލާފަށް ކައުންސިލަރުންގެ އަމަލުތައް ބަހައްޓާފައިވާކަން އިންކުއަރީން އެނގިފައިވާ ކަމަށެވެ.

ހަމައެއާއެކު އޭގެ ތެރެއިން ބައެއް އަމަލުތައް ތަކުރާރުކޮށްފައިވާކަން އެނގެން އޮންނަ ކަމަށާއި، އިންކުއަރީން ފާހަގަކުރެވިފައިވާ ކަންކަމުގެ ކުޑަބޮޑު މިނާއި، މީދޫ ކައުންސިލަރުންނާ ގުޅޭގޮތުން މި އިންކުއަރީން ފާހަގަކުރެވިފައިވާ ކަންކަމުގެ ސަބަބުން ކައުންސިލަށާއި ލާމަރުކަޒީ ނިޒާމަށް ނުހަނު ގެއްލުން ލިބޭނެކަމަށް ފެންނަ ކަމަށެވެ.

އެހެންކަމުން ރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުން ކަށަވަރުކުރުމުގެ ހާއްސަ ގާނޫނުގެ ދަށުން ކައުންސިލުގެ ރައީސް އިޔާސް އިސްމާއިލް ލަތީފް، ނައިބު ރައީސް ޝުރައިފް އިބްރާހީމް ރަޝީދު އަދި ކައުންސިލަރު މުހައްމަދު ތައުފީގު، މުސާރައާއި އިނާޔަތްތައް ނުލިބޭގޮތަށް ތިން މަސް ދުވަހަށް ސަސްޕެންޑުކޮށްފައިވާ ކަމަށެވެ.

ވެރިކަން ކުރާ މައި ޕާޓީ، އެމްޑީޕީގެ ތިން ކައުންސިލަރުން ސަސްޕެންޑު ކޮށްފައި ވަނީ މާޗު މަހުގެ ހަތަރު ވަނަ ދުވަހުން ފެށިގެންނެވެ. އަދި އިންކުއަރީ ރިޕޯޓުގައި ފާހަގަކޮށްފައިވާ ވަކިވަކި މައްސަލަތަކާ ގުޅިގެން އެ ރިޕޯޓުގައި ލަފާދީފައިވާ ފަދައިން އަމަލުކުރުމަށް ވެސް ވަނީ އަންގައިފަ އެވެ.

މީދޫގެ އިތުރުން، ހއ. އުތީމު ކައުންސިލްގެ ރައީސް އަބްދުﷲ ރަޝީދާއި ނައިބު ރައީސް މުހައްމަދު އާދަމް ވެސް ވަނީ ސަސްޕެންޑުކޮށްފަ އެވެ.

ހއ. އުތީމު ކައުންސިލުގެ ރައީސް އަބްދުﷲ ރަޝީދު (ކ) އަދި ނައިބު ރައީސް މުހައްމަދު އާދަމް (ކ) ---

އިދިކޮޅު ޕީޕީއެމްގެ ދެ ކައުންސިލަރުން ސަސްޕެންޑު ކުރީ ވެސް މަސްއޫލިއްޔަތާއި ވާޖިބު އެކަށީގެންވާ ގޮތަކަށް އަދާނުކުރުމާއި، ވާޖިބު އަދާކުރުމުގައި އިހުމާލުވުމާއި ކައުންސިލްގެ ބާރުތަކާއި ވަސީލަތްތަކުގެ ބޭނުން ނަހަމަގޮތުގައި ހިފުމާއި، ކައުންސިލަރުންގެ ސުލޫކީ މިންގަނޑާ ހިލާފަށް ކައުންސިލަރުންގެ އަމަލުތައް ބަހައްޓާފައިވާކަން އެނގެން އޮތުމާއި، އަދި އޭގެ ތެރެއިން ބައެއް އަމަލުތައް ތަކުރާރުކޮށްފައިވާކަން އެނގެން އޮތުމުން ކަމަށް އެލްޖީއޭ އިން ބުންޏެވެ.

މި މަހުގެ ފުރަތަމަ ދުވަހުން ފެށިގެން، މުސާރައާއި އިނާޔަތްތައް ނުލިބޭ ގޮތަށް އުތީމު ކައުންސިލްގެ ރައީސް ސަސްޕެންޑު ކުރީ އެއް މަސް ދުވަހަށެވެ. ނައިބު ރައީސް މުހައްމަދު އާދަމް ސަސްޕެންޑުކުރީ 10 ދުވަހަށެވެ.

comment ކޮމެންޓް