ލޯކަލް ޓޫރިޒަމް ކުރިއަރުވަން ޔޫއެންޑީޕީ އާއެކު ޕްރޮޖެކްޓެއް

ޓޫރިޒަމް މިނިސްޓްރީ އާއި ޔޫއެންޑީޕީ ގުޅިގެން 4.7 މިލިއަން ރުފިޔާގެ މަޝްރޫއެއް ކުރިއަށް ގެންދިޔުމަށް އެއްބަސްވުމެއްގައި ސޮއިކުރުން -- ފޮޓޯ: ޓޫރިޒަމް މިނިސްޓްރީ

ރާއްޖޭގައި ލޯކަލް ޓޫރިޒަމް ކުރިއެރުވުމަށް ޓޫރިޒަމް މިނިސްޓްރީ އާއި ޔޫއެންޑީޕީ ގުޅިގެން 4.7 މިލިއަން ރުފިޔާގެ މަޝްރޫއެއް ކުރިއަށް ގެންދިޔުމަށް އެއްބަސްވުމެއްގައި ސޮއި ކޮށްފި އެވެ.

"ރީ އިމޭޖިނިން ޓޫރިޒަމް" ގެ ނަމުގައި ކުރިއަށް ގެންދާ މި ޕްރޮޖެކްޓު ގެ އެއްބަސްވުމުގައި ޓޫރިޒަމް މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމެވެ. ޔޫއެންޑީޕީގެ ފަރާތުން ސޮއިކުރެއްވީ އެ ޖަމްއިއްޔާ އިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު އަކީކޯ ފުޖީ އެވެ.

އަށާރަ މަސްދުވަހުގެ މުއްދަތަށް ކުރިއަށްގެންދާ މި ޕްރިޖެކްޓުގެ ބޮޑު ބަޔެއް ލ އަތޮޅުގައި ކުރިއަށް ގެންދަން ނިންމާފައިވާއިރު ޓޫރިޒަމް މިނިސްޓްރީ އިން ބުނީ ލ އަތޮޅުން ލިބޭ މައުލޫމާތުގެ މައްޗަށް ބިނާކޮށް ރާއްޖޭގެ އެހެން ސަރަހައްދުތަކުގައި ލޯކަލް ޓޫރިޒަމް ތަރައްގީކޮށް ކުރިއެރުވުމަށް މަސައްކަތް ކުރާނެ ކަމަށެވެ.

މި ޕްރޮޖެކްޓުގެ ތެރެއިން މަސައްކަތްކުރާނީ ކަލްޗާ، ހެރިޓޭޖު އަދި އިންޓަގްރޭޓޭޑް ޓޫރިޒަމް ކުރިއެރުވުމަށް ކަމަށްވެސް މިނިސްޓްރީ އިން ބުންޏެވެ.

އެއްބަސްވުމުގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މިނިސްޓަރު މައުސޫމް ވިދާޅުވީ މި ޕްރޮޖެކްޓާއެކު ފަތުރުވެރިކަމުގެ ފައިދާ ސީދާ ރައްޔިތުންނަށް ލިބޭނެ ކަމަށެވެ.

މިއާއެކު ރަށުގެ ލޭންޑް ޔޫސް ޕްލޭން އެކުލަވާލާއިރު އެގެ ތެރޭ ޓޫރިޒަމް ހިމަނާނެ ކަމަށާއި މިހާރު އޮންނަ ގޮތުންނަމަ ލޭންޑް ޔޫސް ޕްލޭން އެކުލަވާލުމަށްފަހު ޓޫރިޒަމަށް ބިން ކަނޑައަޅަނީ އޭގެ ފަހުން ކަމަށް މިނިސްޓަރު ވިދާޅުވިއެވެ

"އެންމެ ރަނގަޅީ ޓޫރިޒަމާ އެކު ލޭންޑް ޔޫސް ޕްލޭން ކުރެހުން،" މިނިސްޓަރު ވިދާޅުވިއެވެ.

މި ޕްރޮގްރަމުގެ ދަށުން އަންހެނުންނާއި ޒުވާނުންނަށް ދައިރާ އިން އިތުރު ފުރުސަތުތައް ފަހިވާނެ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.

ޔޫއެންޑީޕީގެ ރެޒިޑެންޓް ކޯޑިނޭޓަރު އަކީކޯ ފުޖީވިދާޅުވީ މިއަދު ސޮއިކުރި އެއްބަސްވުމަކީ ރާއްޖޭގެ ޓޫރިޒަމް ދެމެހެއްޓެނިވި ގޮތެއްގައި ކުރިއެރުވުމަށް މުހިއްމު އެއްބަސްވުމެއް ކަމަށެވެ. އެއްބަސްވުމުގެ ދަށުްނ މަސައްކަތް ކުރާނީ ސަރުކާރުގެ ސްޓެޓެޖިކް އެކްޝަން ޕްލޭނުގައިވާ ކަންތައްތައް ހާސިލުވާނެހެން 2030ގެ ސަސްޓެއިނަބަލް އެޖެންޑާ އާވެސް އެއްގޮތަށް ކަމަށް ސަފީރު ވިދާޅުވި އެވެ.

comment ކޮމެންޓް