ޗައިނާ ސަފީރު ރައީސްގެ އަރިހަށް ވަދާއީ ޒިޔާރަތް ކުރައްވައިފި

ޗައިނާ އިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ރައީސްގެ އަރިހަށް ވަދާއީ ޒިޔާރަތް ކުރެއްވުން --- ފޮޓޯ: ރަައީސްއޮފީސް

ޗައިނާ އިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ޖަންގް ލިޖޮންގް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ އަރިހަށް ވަދާއީ ޒިޔާރަތް ކުރައްވައިފި އެވެ.

ރައީސް ސޯލިހު ވަނީ ސަފީރު ލިޖޮންގްގެ ސަފީރު ކަމުގެ ދައުރުގައި ޗައިނާ އިން ރާއްޖެއަށް ވެދީފައިވާ އެހީތެރިކަމަށް ޝުކުރު އަދާކުރައްވައިފަ އެވެ.

ރާއްޖޭގެ ތަރައްގީގެ މަސައްކަތުގައި ޗައިނާ އަކީ މުހިއްމު ބައިވެރިއެއްކަން ފާހަގަ ކުރައްވާ ރައީސް ސޯލިހު ވަނީީ ރާއްޖެ އާއި ޗައިނާ އާއި ދެމެދު އޮންނަ ގުޅުން ބަދަހިކުރުމަށް ސަފީރުގެގެ ދައުރުގައި ކުރެއްވި މަސައްކަތް ވެސް ފާހަގަ ކުރައްވައިފައެވެ.

ކޮވިޑް19 އާއި ދެކޮޅަށް ރާއްޖެއިން ކުރާ މަސައްކަތަށް އެއްބާރުލުން ދިނުމަށް ޗައިނާ ސަރުކާރުން ސިނޮފާމް ވެކްސިންގެ ދެ ލައްކަ ޑޯޒް ހަދިޔާކޮށްފައިވާތީ، އެކަމަށްވެސް ރައީސް ވަނީ ޝުކުރު އަދާކުރައްވައިފަ އެވެ.

މި ބައްދަލުކުރެއްވުމުގައި ދެބޭފުޅުން ވަނީ އިގުތިސޯދީ، އިޖުތިމާއީ އަދި ސިއްހީ ދާއިރާ އާއި އިންވެސްޓްމެންޓު އަދި ޓޫރިޒަމް ދާއިރާ އިން ރާއްޖެ އާއި ޗައިނާގެ ގުޅުން އިތުރަށް ބަދަހިކުރުމާ ގުޅޭގޮތުންވެސް ވާހަކަ ދައްކަވައި މަޝްވަރާ ކުރައްވައިފަ އެވެ.

އެމްބެސެޑަރު ވިދާޅުވީ ޗައިނާ އިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރުގެ ހައިސިއްޔަތުން މަސައްކަތް ކުރުމުގެ ފުރުސަތު ލިބުމަކި ޝަރަފެއް ކަމަށެވެ.

comment ކޮމެންޓް