އިސްވެރިންގެ ކޮރަޕްޝަނުގެ މައްސަލަތައްވެސް އަވަހަށް ބަލައިދީ: އަމީރު

އޭޕްރީލް 7، 2021: ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ޕްރޮކިއުމަންޓް ގައިޑްލައިންއާއި ކުންފުނިތަކަށް އަމާޒުކޮށްގެން ތައްޔާރުކުރި ޖޮބް ކްލެސިފިކޭޝަން ފްރޭމް ވޯކް ނެރުމުގެ ބާއްވާ ރަސްމިއްޔާތު -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ސަރުކާރުގެ އިސްވެރިޔަކާ ގުޅޭގޮތުން ކޮރަޕްޝަނުގެ މައްސަލައެއް ހުށަހެޅުނު ނަމަވެސް، އެ މައްސަލައެއް އަވަހަށް ބަލައިދިނުމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ ރައީސްގެ އަރިހުން ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު އެދިވަޑައިގެންފި އެވެ.

މިއަދު ބޭއްވި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ޕްރޮކިޔުމެންޓް ގައިޑްލައިން އާއި ކުންފުނިތަކަށް އަމާޒުކޮށްގެން ތައްޔާރުކުރި ޖޮބް ކްލެސިފިކޭޝަން ފްރޭމްވޯކު ނެރުމަށް ބޭއްވި ރަސްމިއްޔާރުގައި ވާހަކަ ދައްކަވަމުން މިނިސްޓަރު އަމީރު ވިދާޅުވީ، ކޮރަޕްޝަން ހުއްޓުވުމަށް އެޅޭނެ އެންމެ ބޮޑު އެއް ފިޔަވަޅަކީ މައްސަލަ ހުށަހެޅޭނެ ފަސޭހަ ނިޒާމުތަކެއް ގާއިމުވެފައި ހުރުން ކަމަށާއި އޭސީސީއަށް މައްސަލަ ހުށަހެޅުމުގެ އިތުރުން ވިސިލް ބްލޯ ކުރާނެ ނިޒާމެއް ރައީސް އޮފީހުން ގާއިމުކޮށްފައިވާ ކަމަށެވެ.

އޭޕްރީލް 7، 2021: ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ޕްރޮކިއުމަންޓް ގައިޑްލައިންއާއި ކުންފުނިތަކަށް އަމާޒުކޮށްގެން ތައްޔާރުކުރި ޖޮބް ކްލެސިފިކޭޝަން ފްރޭމް ވޯކް ނެރުމުގެ ބާއްވާ ރަސްމިއްޔާތު -- ސަން ފޮޓޯ/ ފަޔާޒު މޫސާ

"އެގޮތަށް ހުށަހެޅޭ މައްސަލަތައް އޭސީސީ އަށާއި ކުންފުނިތަކުގެ ބެލެނިވެރި ފަރާތް، ޕީސީބީއަށް ފޮނުވައިގެންވެސް ދަނީ ބެލެމުން. އޭސީސީގެ ރައީސް މި ރަސްމިއްޔާތުގައި އިންނެވުމާއެކު އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ ސަރުކާރުގެ އިސްވެރިއަކާ ގުޅޭ ގޮތުންވެސް އެފަދަ ޝަކުވާއެއް ލިބިއްޖެނަމަ އަވަހަށް އެކަން ބައްލަވާ ދެއްވައްޗޭ. ކޮރަޕްޝަންގެ މި ވަބާއިން ދައުލަތް ސަލާމަތް ކޮށްދިނުމަށް ރެއާ ދުވާލު ބުރަކޮށް މަސައްކަތް ކޮށްދެއްވުމަކީ އަޅުގަނޑު އެދޭ ވަރަށް ބޮޑު އެދުމެއް. ދައުލަތުގެ ފައިސާއެއް ގެއްލިއްޖެނަމަ އެކަމާ އެންމެ ބޮޑަށް ހިތާމަ ކުރާނެ އެކަކީ ހަމަ ގައިމުވެސް އަޅުގަނޑު،" މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ ކޮރަޕްޝަން ހުއްޓުވުމަށް ދޭން ޖެހޭ ހުރިހާ އެއްބާރުލުމެއް މިނިސްޓަރުގެ ފަރާތުން ދެއްވާނެ ކަމަށެވެ.

އޭޕްރީލް 7، 2021: ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ޕްރޮކިއުމަންޓް ގައިޑްލައިންއާއި ކުންފުނިތަކަށް އަމާޒުކޮށްގެން ތައްޔާރުކުރި ޖޮބް ކްލެސިފިކޭޝަން ފްރޭމް ވޯކް ނެރުމުގެ ބާއްވާ ރަސްމިއްޔާތު -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ސަރުކާރު ހިއްސާވާ ކުންފުނިތަކަކީ ދައުލަތް ހިންގުމުގެ އެންމެ މުހިއްމު އެއް ތަނބު ކަމަށާއި ސަރުކާރުން ރައްޔިތުންނަށް ދޭން ބޭނުންވާ މައިގަނޑު ގިނަ ހިދުމަތްތަކެއް ދެވެނީ ކުންފުނިތައް މެދުވެރިކޮށް ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

"ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ އަދަދު 30 ށްވުރެ މަތީގައި އުޅޭއިރު މިއިން ކޮންމެ ކުންފުންޏަކީވެސް ރައްޔިތުންގެ ސީދާ ބޭނުންތަކާ ގުޅިފައިވާ ކުންފުންޏެއް. އެހެންކަމުން ކުންފުނިތަކުން ފޯރުކޮށްދޭ ހިދުމަތްތަކުގެ އަގު ދަށްކުރުމާއި ހިދުމަތްތަކުގެ ފެންވަރު ރަނގަޅު ކުރުމަށްޓަކައި ރަނގަޅު ޕްރޮކިއުމަންޓް ގައިޑްލައިންއެއް އޮތުމަކީ ކޮންމެހެން މުހިއްމު ކަމެއް،" މިނިސްޓަރު އަމީރު ވިދާޅުވިއެވެ.

ސަރުކާރު ކުންފުނިތަކުން މިހާރު އަމަލު ކުރަނީ އެކުންފުންޏެއްގެ އަމިއްލަ ޕްރޮކިއުމަންޓް ޕޮލިސީއަކަށް ކަމަށާއި އެގޮތަށް އަމަލުކުރަމުން ދާއިރު، ޕްރޮކިއުމަންޓް ޕޮލިސީ ތަކުގައި ވަރަށް ބޮޑެތި ތަފާތުތަކެއް ހުންނަ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. މިނިސްޓަރު ވިދާޅުވީ އެކަން އެގޮތަށް އޮތުމުގެ ސަބަބުން ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ކަންތައްތައް ކުރުމަށް ބައެއްފަހަރު ފުރުސަތު ލިބިގެންދާ ކަމަށެވެ.

"މިއަދު މި ލޯންޗްކުރެވުނު ޕްރޮކިއުމަންޓް ގައިޑްލައިންގެ ސަބަބުން ސަރުކާރު ހުރިހާ ކުންފުނިތަކުންވެސް އެންމެ ކުޑަ މިންވަރަށް އަމަލުކުރަންޖެހޭނެ ޕްރޮކިއުމަންޓް އުސޫލްތަކެއް ގާއިމްވެގެންދާނެ،" މިނިސްޓަރު އަމީރު ވިދާޅުވި އެވެ.

އޭޕްރީލް 7، 2021: ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ޕްރޮކިއުމަންޓް ގައިޑްލައިންއާއި ކުންފުނިތަކަށް އަމާޒުކޮށްގެން ތައްޔާރުކުރި ޖޮބް ކްލެސިފިކޭޝަން ފްރޭމް ވޯކް ނެރުމުގެ ބާއްވާ ރަސްމިއްޔާތު -- ސަން ފޮޓޯ/ ފަޔާޒު މޫސާ

މީގެ އިތުރުން ޖޮބް ކްލެސިފިކޭޝަން ފްރޭމް ވޯކްގެ ސަބަބުން ކުންފުނިތަކުގެ މުވައްޒަފުންނަށް ހެދިފައިވާ އުސޫލް އިތުރަށް ހަރުދަނާވާނެ ކަމަށާއި ހިދުމަތް ފުރިހަމަ ގޮތުގައި ދިނުމަށް ބާރު އެޅޭނެ ކަމަށް ވިދާޅުވިއެވެ.

"އެގޮތުން މުވައްޒަފުން ނެގުމުގައާއި މުވައްޒަފުންނަށް ކުރިއެރުން ދިނުމުގައި މި ފްރޭމްވޯކްގައި ފާހަގަ ކޮށްފައިވާ މަގާމުގެ ޝަރުތުތަކަށް ކުންފުނިތަކުން އަމަލު ކުރަން ފެށުމުގެ ސަބަބުން މުވައްޒަފުންނަށް އިންސާފުވެރިގޮތަކަށް އަމަލު ކުރެވޭނެ. އަދި ކުންފުނީގެ މުވައްޒަފުންނަކީ މަސައްކަތަށް ގާބިލް މުވައްޒަފުންކަން ކަށަވަރު ކޮށްދޭނެ،" އަމީރު ވިދާޅުވި އެވެ.

ސަރުކާރުގެ އަމާޒަކީ ކުންފުނިތައް ގިނަކޮށް އަދަދު އިތުރު ކުރުން ނޫން ކަމަށާއި އުފެއްދުންތެރިކަމާއެކު ރަނގަޅު ހިދުމަތާއި ދެމެހެއްޓެނިވި އުސޫލުން ހިންގޭނެ ކުންފުނިތަކަށް ޖާގަ ދިނުން ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

" އެގޮތުން މިހާރުވެސް ޖުމްލަ 17 ކުންފުންޏެއް ވާނީ އުވާލުމަށްޓަކާ ލިކުއިޑޭޝަން މަރުހަލާގައި. މި ބަދަލުތަކާއެކު ކުރިމަގުގައި ކުންފުނިތަކުގައި މަސައްކަތް ކުރާ މުވައްޒަފުން ވެގެންދާނީ އެންމެ ގާބިލް ކަމަށް ފަރުވާތެރި އުފެއްދުންތެރި ނަތީޖާ ނެރޭ ބަޔަކަށް. އާހިރު ނަތީޖާއަކަށްވާނީ ރައްޔިތުންނަށް މިހާރަށްވުރެވެސް ރަނގަޅު ހިދުމަތެއް ލިބި މަޝްރޫއު ތަކުގެ ދުވެލި ހަލުވި ވެގެން ދިޔުން،" އަމީރު ވިދާޅުވި އެވެ.

އަމީރު ވިދާޅުވީ ޕްރޮކިއުމަންޓް ނިޒާމު ހަރުދަނާ ކުރުމުގެ ގޮތުން ސްޓޭޓް އިންޓާނަލް އޮޑިޓް ކޮމެޓީ އުފައްދާ މަސައްކަތް ފުޅާކޮށްފައިވާ ކަމަށެވެ.

"ބީލަމުގެ މައްސަލަ ބަލާ ކޮމެޓީ އާއި މާލިއްޔަތު މައްސަލަ ބަލާ ކޮމެޓީ އުފައްދާ ބޮޑެތި ބާރުތަކެއް ވާނީ ދީފައި. އެއާއެކު މިއަދު އެކޮމެޓީތަކަށް އެތައް މައްސަލައެއް ހުށަހެޅި އެދަނީ ބެލެމުން. އޭސީސީ އާއި އޮޑިޓަރ ޖެނެރަލް މިނިވަންކަމާއެކު މަސައްކަތް ކުރުމުގެ ފުރުސަތު މިހާރު އެވަނީ ތަނަވަސްކޮށްދެވިފައި،" އަމީރު ވިދާޅުވި އެވެ.

މިނިސްޓަރު އަމީރު ވިދާޅުވީ އޮޑިޓް ރިޕޯޓްތަކުގައި ފާހަގަ ކޮށްފައިވާ ފައިސާގެ މުއާމަލާތްތައް އަނބުރާ ދައުލަތަށް ހޯދުމުގެ މަސައްކަތް ފަށައިގެން ކުރިއަށް ގެންދާ ކަމަށެވެ.

comment ކޮމެންޓް