ރަތްކަނޑުގައި ދަތުުރުކުރި އީރާނުގެ ކާގޯބޯޓަށް ދިން ހަމަލާގެ ރައްދު ދޭނެކަމުގެ އިންޒާރު އީރާނުން ދީފި

އީރާނުގެ އާގު ބޯޓެއް

ޓެލްއަވީވް (އެޕްރީލް 7): ރަތްކަނޑުގައި ދަތުރުކުރަމުން ދިޔަ އީރާނުގެ އާގު ބޯޓެއް ކަމަށްވާ "ސާވައިޒް" އަށް ދިން މަލާގެ ފަހަތުގައިވަނީ އިސްރާއީލު ކަމަށް އެމެރިކާގެ މަސްއޫލުވެރިއަކު ވިދާޅުވެއްޖެއެވެ.

ނަންހާމަކުރަން ނޭދޭ އެމެރިކާގެ މަސްއޫލުވެރިއަކާ ހަވާލާދީ "ނިޔުޔޯކް ޓައިމްސް" ބުނިގޮތުގައި ރަތްކަނޑުގައި ދަތުރު ކުރަމުންދިޔަ އީރާނުގެ "ސާވައިޒް" ބޯޓުގައި ޖެހިފައިވާ މައިންއަކީ އިސްރާއީލުން އެ ބޯޓަށް އަމާޒުކޮށް ފޮނުވާފައިވާ ކަނޑުގެ މައިނެއްކަން އިސްރާއީލުން އެމެރިކާއަށް އަންގާފައިވާ ކަމުގައެވެ.

އެމައިނުގެ ސަބަބުން އީރާނުގެ އާގުބޯޓަށް ގެއްލުންތަކެއް ލިބުނު ނަމަވެސް އެ ބޯޓު ސުވޭސް ކެނެލް ހުރަސްކޮށް ސޫރިއާގައި ބަނދަރު ކުރުމަށް ދަތުރުކުރަމުން ގެންދާކަމަށް އީރާނުގެ މީޑިއާއިން ބުނެއެވެ. އީރާނުގެ މަސްއޫލުވެރިއަކާ ހަވާލާދީ އެގައުމުގެ "ތަސްނީމް" ނޫސްއެޖެންސީ ބުނާގޮތުން ރަތްކަނޑުން ދަތުރުކުރި އީރާނުގެ އާގުބޯޓުގައި ޖެހިފައިވަނީ ބޯޓުތަކުގައި ތަތްވާގޮތަށް ތައްޔާރުކޮށްފައިވާ ކަނޑުގެ މައިނެކެވެ.

އީރާނުންވަނީ "ސާވައިޒް" ބޯޓުގައި ޖެހުނު މައިނަކީ އެމެރިކާގެ އަމަލެއްކަމަށް ތުހުމަތުކޮށް އެކަމުގެ ބަދަލުހިފާނެކަމުގެ އިންޒާރު އެމެރިކާއަށް ދީފައެވެ. ނަމަވެސް އެމެރިކާގެ ދިފާއީ ވުޒާރާއިންވަނީ އެމެރިކާއިން އީރާނުގެ އެއްވެސް ބޯޓަކަށް ހަމަލާނުދޭ ކަމަށާ އަދި އީރާނުގެ ބޯޓުތަކަށް އަމާޒުކޮށް ކަނޑަށްވެސް މައިން އަޅާފައިނުވާނެކަމަށް ބުނެއެވެ. އީރާނުގެ އާގު ބޯޓަށް ހަމަލާދިނީ އިސްރާއީލުކަނ އެމެރިކާއިން ހާމަކުރީވެސް އެކަން އީރާނަށް އެންގުމުގެ ބޭނުމުގައި ކަމަށް ވަނީ ބެލެވިފައެވެ.

ކަނޑުގެ ދަތުރުފަތުރުތަކާބެހޭ މައުލޫމާތު ގެނަސްދޭ ވެބްސައިޓެއް ކަމަށްވާ "މެރިން ޓްރެފިކް" އިންވަނީ ރަތްކަނޑުގެ މެދުން ދަތުކުރަމުންދިޔަ އީރާނުގެ ބިޔަ ކާގޯ ބޯޓު "ސާވައިޒް" މައިނެއްގައި ޖެހި އެބޯޓަށް ގެއްލުންތަކެއް ލިބިފައިވާކަން ކަށަވަރުކޮށްދީފައެވެ. އީރާނުގެ އެބޯޓަކީ ދިގުމުއްދަތެއް ވަންދެން ރަތްކަނޑުގެ އެކި ސަރަހައްދު ތަކުގައި ހަރަކާތްތެރިވަމުންދާ ބޯޓެއްކަމަށާ އެއީ ޖާސޫސީ ބޭނުމުގައާއި އެމެރިކާގެ ދަތިކުރުމުގެ ފިޔަވަޅުތަކާ ޚިލާފަށް ސީރިއާއަށް މުދަލާއި ތެލާ އަދި ތެލުގެ ބާވަތްތައް ސަޕްލައި ކޮށްދިނުމުގައިވެސް މުހިއްމު ދައުރެއް އަދާކުރާ ބޯޓެއްކަމަށް ބެލެވޭ ކަމަށް އެމެރިކާ ކަނޑުގެ ސިފައިންގެ ނޭވަލް އިންސްޓިޓިއުޓުން ބުނެއެވެ.

ގަލްފު އޮފް އޮމާނުން ގަލްފަށް ދަތުުރުކުރި އިސްރާއީލުގެ ތެޔޮ ޓޭންކަރަށް ދިން ޙަމަލާއާއެކު އެ ޓޭންކަރުގައި ރޯވެފައި

މީގެ ދެހަފްތާކުރިން އަރަބި ކަނޑުގެ ގަލްފު އޮފް އޮމާން ސަރަހައްދުން ގަލްފަށް ދަތުރުކުރި އިސްރާއީލުގެ ތެޔޮ ޓޭކްކަރަކަށް ވަނީ ގޮތްނޭން ހަމަލާއެއް އަރައި އެބޯޓުގައި އަލިފާން ރޯވެ ބޮޑެތި ގެއްލުންތަކެއް ލިބިފައެވެ. އިސްރާއީލުގެ ތެޔޮ ޓޭންކަރަށް އެރީ އީރާނުގެ ހަމަލާއެއްކަމަށް އިސްރާއީލުންވަނީ ތުހުމަތުކޮށްފައެވެ. އިސްރާއީލުގެ އާގު ބޯޓަށް ލިބުނު ގެއްލުންތަކާއެކު އެބޯޓުގެ މިސްރާބު ބަދަލުކޮށް މިހާރުވަނީ މަރާމާތު ކުރުމަށްޓަކައި ޔޫއޭއީގެ ބަނދަރަކަށް ވައްދާފައެވެ.

އިސްރާއީލުގެ އެ ޓޭންކަރަށް ޙަމަލާދިނީ އީރާނުންކަމަށާ އެއީ މެޑިޓަރޭނިއަން ކަނޑުގެ އިރުމަތިން ސީރިއާއަށް ދަތުރުކުރާ އީރާނުގެ އާގު ބޯޓުތަކަށް އިސްރާއީލުން ތަކުރާރުކޮށް މައިން ހަމަލާތައް ދެމުން ގެންދާތީ އެކަމަށް ބަދަލުހިފުމުގެ ގޮތުން އީރާނުން ދިން ޙަމަލާއެއްކަމަށް ބެލެވޭކަމަށް އިސްރާއީލުގެ މަސްއޫލުވެރިއަކާ ހަވަލާދީ އެގައުމުގެ ނޫހެއްކަމަށްވާ "ޔަދިއޯތު އަހްރަނޯތު" ބުނެއެވެ.

އީރާނުންވަނީ އެގައުމުގެ އާގުބޯޓުތަކަށް ސީދާގޮތެއްގައިވެސް އަދި ނުސީދާ ގޮތެއްގައިވެސް ހަމަލާދޭ ކޮންމެ ގައުމެއްގެ އާގުބޯޓުތަކަށްވެސް ސަލަމާތާއެކު ކަނޑުތަކުގައި ދަތުރު ނުކުރެވޭނެކަމުގެ އިންޒާރު ދީފައެވެ. މިއާއެކު އީރާނުގެ "ސާވައިޒް" ބޯޓަށް އިއްޔެ އެރިކަމަށް ބެލެވޭ އިސްރާއީލުގެ މައިން ޙަމަލާގެ ރައްދު އީރާނުންވެސް އިސްރާއީލުގެ އާގުބޯޓުތަކަށް ދޭނެކަމުގެ ބިރު ވަނީ ހީވެފައެވެ. އެއީ އަރަބި ކަނޑުން ގަލްފަށް ދަތުރުކުރި އިސްރާއީލުގެ އާގު ބޯޓަށް މިދިޔަ ހަފްތާގައި އެރީ އީރާނުގެ ހަމަލާއެއްކަމަށް އިސްރާއީލުން ބުނެފައިވާތީއެވެ.

އާގު ބޯޓުތަކަކީ ހަތިޔާރުނެތް އަދި އަމިއްލައަށް ދިފާއުވުމުގެ ގާބިލްކަންނެތް ބޯޓުތަކަކަށްވާތީ އެބޯޓުތަކަށް އަމާޒުކޮށް ކަނޑަށް މައިން އަޅައިގެން ހަމަލާދިނުމަކީ އިސްރާއީލަށްވެސް އަދި އީރާނަށްވެސް ފަސޭހަ ކަމެކެވެ. އީރާނާއި އިރާގު ހަނގުރާމައިގެ ދުވަސްވަރު ގަލްފަށް މައިން އަޅައިގެން އާގު ބޯޓުތަކަށް ހަމަލާދިނުމުގެ ބޮޑު ތަޖްރިބާއެއް އީރާނަށް ވަނީ ލިބިފައެވެ. އިރާނަކީ ގިނަ އަދަދަކަށް މައިން އުފައްދާ ގައުމެއްވެސް މެއެވެ. ނަމަވެސް އިސްރާއީލުން އީރާނުގެ ކޯގޯ ބޯޓުތަކަށް ދޭ ހަމަލާތަކަށް އީރާނުން ރައްދު ދޭން ފަށައިފިނަމަ ލީބޭ މާއްދީ ގެއްލުންތައް އިސްރާއީލަށްވެސް ބޮޑުވާނެތީ މިފަދަ ހަމަލާތައް ހުއްޓާލަން އެދެގައުމަށް މަޖްބޫރުވާނެކަމަށް ރިޕޯޓްތައް ބުނެއެވެ.

އީރާނުގެ އާގު ބޯޓުތަކަށް ނުސީދާކޮށް (މައިން ބޭނުންކޮށްގެން) ހަމަލާ ދިނުމުގެ ކުޅިވަރު ފުރަތަމަ ފެށީ ފަލަސްތީނުގެ ބިމަށް ވެރިވެގަނެ އަދި އެމެރިކާގެ މަދަދާއެކު މެދުއިރުމަތީގެ ގައުމުތަކަށް ބިރު ދައްކައި މުލައްދަނޑީގެ ބާރު ދައްކަމުން ގެންދާ ސައިޒް ގެ ގޮތުން ކުޑަ އެހެނަސް އަސްކަރީ ގޮތުން ބާރުގަދަ އިސްރާއީލުންނެވެ. (އަލްޖަޒީރާ+ ނޫސްއެޖެންސީތައް)

comment ކޮމެންޓް