އެމްއައިބީގައި ބޭނުން ނުކޮށް ހުރި 5،600 އެކައުންޓް އުވާލަނީ

އެމްއައިބީ ހެޑް އޮފީސް -- ފޮޓޯ: އެމްއައިބީ

މޯލްޑިވްސް އިސްލާމިކް ބޭންކުގައި ހުޅުވާފައިވާ އެކައުންޓުތަކުގެ ތެރެއިން ބޭނުން ނުކުރާތާ ފަސް އަހަރަށްވުރެ ގިނަ ދުވަސް ވެފައިވާ އެކައުންޓުތަކުގެ މައުލޫމާތު އާންމުކޮށްފިއެވެ.

އެ ބޭންކުން ވަނީ މިފަދަ 5،600 އެކައުންޓެއްގެ މައުލޫމާތު އާންމުކޮށްފައެވެ.

އެމްއައިބީ އިން ބުނީ ރާއްޖޭގެ ބޭންކިން ގަވައިދުގައި ބުނާ ގޮތަށް ވިދިވިދިގެން ފަސް އަހަރަށް ވުރެ ގިނަ ދުވަހު ބޭނުން ނުކޮށް ހުންނަ އެކައުންޓުތަކަކީ ޑޯމެންޓް އެކައުންޓުތަކުގެ ގޮތުގައި ކަނޑައަޅާފައިވާ ކަމަށެވެ. އެގޮތަށް ކަނޑައަޅާފައި ވާނީ އެ މުއްދަތުގައި އެކައުންޓު މެދުވެރިކޮށް އެއްވެސް މުއާމަލާތެއް ކޮށްފައި ނުވާތީ ކަމަށް އެ ބޭންކުން ބުންޏެވެ.

ޑޯމަންޓް އެކައުންޓުތަކުގެ ގޮތުގައި ކަނޑައަޅާފައިވާ ފަރާތްތަކަށް ލިޔުން ފޮނުވާފައިވާނެ ކަމަށާއި އެ ކަސްޓަމަރުންގެ ފަރާތުން 60 ދުވަހުގެ ތެރޭގައި ޖަވާބެއް ނުލިބިއްޖެނަމަ އެކައުންޓުތަކުގައިވާ ފައިސާ މަރުކަޒީ ބޭންކް އެމްއެމްއޭ އާ ހަވާލު ކުރާނެކަމަށްވެސް އެމްއައިބީ އިން ބުންޏެވެ.

އެކައުންޓް އެކްޓިވޭޓު ކުރަން ބޭނުންވާ ކަސްޓަމަރުން އެކަމަށް އެދޭ ފޯމު ފުރުމަށް ފަހު، ޖޫން މަހުގެ ހަތަރު ވަނަ ދުވަހުގެ ކުރިން އެމްއައިބީގެ ބްރާންޗަކަށް ހުށަހެޅުމަށް އެ ބޭންކުން ވަނީ އެދިފަ އެވެ. އަދި ޑޯމަންޓް އެކައުންޓުގައިވާ ފައިސާ ނެގުމަށް އެދި ހުށަހަޅާ ފޯމު ފުރުއްވުމަށް ފަހު، މޯލްޑިވްސް އިސްލާމިކް ބޭންކުގެ ބްރާންޗަކަށް ހުށަހެޅުމުން އެ ފައިސާ ލިބޭނެ ކަމަށް ވެސް އެ ބޭންކުން ބުންޏެވެ.

comment ކޮމެންޓް