ހޯމް އެޑްވާންޓޭޖާ އެކު އީގަލްސް ފުރިހަމައަށް ތައްޔާރު: ޝާޒް

އީގަލްސްއާއި ބޫޓާނުގެ ޗެމްޕިއަން ތިމްޕޫ ސިޓީ އެފްސީ ބައްދަލު ކުރާ މެޗުގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން --- ފޮޓޯ//އެފްއޭއެމް

އޭއެފްސީ ޕްލިމިނަރީ ސްޓޭޖުގައި މިއަދު ބޫޓާނުގެ ޗެމްޕިއަން ތިމްޕޫ ސިޓީ އެފްސީއާ ދެކޮޅަށް ނުކުންނަ އިރު ހޯމް އެޑްވާންޓޭޖް އޮތުމާ އެކު އުންމީދު ބޮޑު ކަމަށާއި، ޓީމު އޮތީ މި މެޗަށް ފުރިހަމައަށް ތައްޔާރުވެފައި ކަމަށް ކުލަބު އީގަލްސްގެ ކޯޗު މުޙައްމަދު ޝާޒްލީ (ޝާޒް) ބުނެފިއެވެ.

މިދިޔަ ސީޒަނުގެ ލީގު ރަނަރަޕްކަން ހޯދި އީގަލްސްއަށް އޭއެފްސީގެ ޕްލިމިނަރީ ރައުންޑުން ފުރުސަތު ލިބުނީ ކޮވިޑް-19 ގެ ސަބަބުން މިދިޔަ ސީޒަނުގެ އެފްއޭ ކަޕު ވަކި ހިސާބަކުން ކެންސަލް ކުރުމާ ގުޅިގެންނެވެ. ތާރީހުގައި ވެސް މުޅިން އަލަށް މި މުބާރާތުގައި އެ ޓީމުން ވާދަކުރާ އިރު، މިއަދުގެ މެޗުން އީގަލްސް މޮޅުވެއްޖެ ނަމަ ޕްރިލިމިނަރީ ދެވަނަ ބުރުގައި އީގަލްސް ނުކުންނަން ޖެހޭނީ ބަންގްލަދޭޝްގެ ޑާކާ އަބަހާނީއާ ދެކޮޅަށެވެ. އަދި އެ މެޗުން މޮޅުވެއްޖެ ނަމަ، ޕްލޭއޮފް ބުރުގައި އީގަލްސް ކުޅެން ޖެހުމުގެ އެންމެ ފުރުޞަތު ބޮޑީ އިންޑިއާގެ ބެންގަލޫރާއެވެ.

މި ސީޒަނުގެ ޗެރިޓީ ޝީލްޑް ކާމިޔާބު ކުރި އީގަލްސްއިން ތިމްޕޫ ސިޓީއާ ދެކޮޅަށް ނުކުތުމުގެ ކުރިން އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަމުން އެ ޓީމުގެ ކޯޗު ޝާޒްލީ ބުނީ މީގެ ކުރިން ލީގު މެދުކަނޑާލަން ޖެހި، ކުލަބުތަކަށް ގޮންޖެހުންތަކެއް ކުރިމަތިވެ އުނދަގޫ ހާލަތެއްގައި ޓީމު އޮތް ކަމަށެވެ. އެހެން ނަމަވެސް އެކަމާ ވިސްނުމެއް ދެން އިތުރަށް ނެތް ކަމަށާއި ލީގުގައި އީގަލްސްއަށް ދެ މެޗެއް ލިބުމާ އެކު އެ ދެ މެޗާއެކު އޭއެފްސީ ކަޕުގެ ކޮލިފައިންނަށް އީގަލްސް އޮތީ ވަރަށް ފުރިހަމައަށް ތައްޔާރުވެފައި ކަމަށެވެ.

"މިއީ އީގަލްސްގެ ފުރަތަމަ މެޗު. ގަބޫލުކުރެވެނީ އީގަލްސް އަށް ރަނގަޅަށް ތައްޔާރުވެވިއްޖެއޭ. ދެން މިހާލަތާ ގުޅިގެންތާ ވާހަކަ ދައްކަން ޖެހެނީ. ދެން އަބަދުވެސް ކަންކަމުގައި އޮންނާނެ ދެކޮޅު. އެ އަށް އެހާ ބޮޑަކަށް ނުވިސްނަން. ދެން ލީގުގެ ދެ މެޗާ އެއްކޮށް ފުދޭ ވަރަކަށް ރަނގަޅަށް ތައްޔާރުވެއްޖެ," ޝާޒް ބުންޏެވެ.

ޝާޒް ބުނީ މީގެ ކުރިން އޭއެފްސީ ކަޕްގައި ދިވެހި ޓީމުގެ ވިސްނުމަކީ ކުޅެލައި ތަޖުރިބާތަކެއް ހޯދުން ކަމަށާއި މިހާރު ރާއްޖޭގެ ފުޓްބޯޅަ ކުރިއަަރައިގެން ގޮސް ޓީމުތަކުގެ ވިސްނުން ހުންނަނީ އޭއެފްސީ ކަޕްގައި ވެސް ނަތީޖާ ނެރުމަށް ކަމަށެވެ.

"އޭއެފްސީ ކަޕް އެއްވެސް މެޗެއް ފަސޭހައެއް ނުވާނެ އެހެންނަމަވެސް ރާއްޖޭގެ ފުޓްބޯޅަ މިހާރު އޮތް ލެވަލުން ކުލަބުތަކަށް ގަބޫލު ކުރެވޭ އޭއެފްސީ ކަޕްގައި ދިވެހި ކުލަބުތަކަށްވެސް އިތުރަށް ކުރިއަށް ދެވޭނެކަން."

އޭއެފްސީ ކަޕުގެ ކޮލިފައިންނާ ކުރިމަތިލާއިރު، އީގަލްސްއިން ވަނީ ޓީމު ވަރުގަދަކުރުމުގެ ގޮތުން މިދިޔަ ޓްރާންސްފާގައި ބައެއް ކުޅުންތެރިން ގެނެސްފަ އެވެ. އެގޮތުން ލުބުނާނުގެ ޒުވާން ޤައުމީ ޓީމަށް ކުޅެފައިވާ ގޯލްކީޕަރު މުޙައްމަދު ތޯހާ އާއި، ރަޝިއާގެ ފޯވާޑް ވްލަޑިސްލާވް ކޮރްމިޝިނާއި، ކުލަބު ގްރީން ސްޓްރީޓްސްއަށް ކުޅެމުން އައި މިސްރުގެ ޑިފެންޑަރު އެލްސައީދު މަހުމޫދުގެ އިތުރުން ތަޖުރިބާކާރު މިޑްފީލްޑަރު އަދި ކުޅިވަރާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރު އަސްހަދު އަލީ (އަޑުބަރޭ) ވެސް ވަނީ އީގަލްސްއާ ގުޅިފައެވެ.

comment ކޮމެންޓް