ބަދަލުހިފުމުގެ ފުރުސަތު ނުދީ ރެއާލުން އަނެއްކާ ވެސް ލިވަޕޫލް ބަލިކޮށްފި

ރެއާލާއި ލިވަޕޫލް ބައްދަލު ކުރި މެޗުގެ ތެރެއިން: އެ މެޗުން ރެއާލް މޮޅުވީ 1-3 އިން ---- ފޮޓޯ/ލައިވްސްކޯ

ޔޫއެފާ ޗެމްޕިއަންސް ލީގުގެ ފައިނަލުގައި 2018 ވަނަ އަހަރު ރެއާލް މެޑްރިޑް އަތުން ބަލިވި ލިވަޕޫލް ބަދަލު ހިފަން ލިބުނު މެޗުން ބަލިވެ ސެމީގެ ޖާގަ ހަނިިވެއްޖެ އެވެ.

ރެއާލްގެ ހޯމް ސްޓޭޑިއަމުގައި ރޭ ކުޅުނު މުބާރާތުގެ ކުއާރޓާ ފައިނަލުގެ ފުރަތަމަ ލެގުގައި ލިވަޕޫލް އަތުން އެ ޓީމު ކުރި ހޯދީ 1-3ގެ ނަތީޖާއަކުންނެވެ. މި މޮޅާ އެކު މީގެ ކުރިން 13 ފަހަރު މުބާރާތް ކާމިޔާބު ކުރި ރެއާލަށް ސެމީގެ އުންމީދު ބޮޑުވި އިރު، އެންފީލްޑުގައި ކުޅޭ މެޗަށް ލިވަޕޫލަށް ޕްރެޝަރު ވަނީ ބޮޑުވެފަ އެވެ.

ރޭގެ މެޗަށް ދެ ޓީމުން ވެސް ނުކުތީ އަނިޔާގެ ސަބަބުން މުހިއްމު ގިނަ ކުޅުންތެރިންތަކެއް ނުލައެވެ. އެގޮތުން ލިވަޕޫލުގެ ޑިފެންސަށް ކުޅެމުން އަންނަ ވާގިލް ވެންޑައިކް އަދި ޖޯ ގޮމެޒްގެ އިތުރުން ޖޯޑަން ހެންޑަސަން ނުހިމަނާ ކުޅުނު އިރު، ރެއާލް މެޗަށް ނުކުތީ ކެޕްޓަން ސާޖިއޯ ރާމޯސް އަދި ކޮވިޑަށް ޕޮޒިޓިވްވި ރަފޭލް ވެރޭން ނުލަ އެވެ.

ރޭގެ މެޗު ފަށައިގެން މޮޅަށް ކުޅެމުން ދިޔަ ރެއާލުން ފުރަތަމަ ހާފުގައި ގިނަ ހަމަލާތަކެއް އުފެއްދި އެވެ. އަނެއްކޮޅުން ލިވަޕޫލުން ދަށް ކުޅުމެއް ކުޅުނު އިރު، އެ ޓީމުން ވަނީ އެ ހާފުގައި ގިނަ ޑިފެންސިވް މިސްޓޭކުތަކެއް ހަދައިދަ އެވެ. ރެއާލަށް އެ މެޗުގައި ލީޑު ނަގައިދިނީ ވިނިޝަސް ޖޫނިއާ އެވެ. ޓޯނީ ކްރޫސް ރެއާލުގެ ހާފުގައި ހުރެފައި ދިން އެ ބޯޅަ ވިނިޝަސް ގޯލުގެ ކަނަށް އަމާޒުކޮށްލި އިރު، އޭގެ އިރަކޮޅެއް ފަހުން ރެއާލުގެ ލީޑު ފުޅާ ކޮށްދިނީ މާކޯ އެސެންސިއޯ އެވެ.

ދެވަނަ ހާފު ފަށައިގެން ލިވަޕޫލުން ކުޅުން ރަނގަޅު ކުރި އިރު، އެ ހާފުގެ ކުރީކޮޅު މުހައްމަދު ސަލާހުގެ ގޯލުން އެ ޓީމު ވަނީ ފަރަގު ކުޑަ ކޮށްފަ އެވެ. އެހެން ނަމަވެސް ރެއާލުން އިތުރު ގޯލެއް ޖަހައި އަލުން މެޗުގެ ކޮންޓްރޯލު ވަނީ ނަގައިފަ އެވެ. މި ގޯލު ވެސް އެ ޓީމަށް ޖަހައިދިނީ ޒުވާން ފޯވާޑް ވިނިޝަސް އެވެ.

ރެއާލްގެ ކާމިޔާބު ކޯޗު ޒައިނުއްދީން ޒިދާން މިހާތަނަށް ވަނީ 50 މެޗު ޗެމްޕިއަންސް ލީގުގައި ރެއާލަށް ކޯޗުކަން ކޮށްދީފަ އެވެ. އޭގެ ތެރެއިން 31 މެޗުން ރެއާލް މޮޅުވި އިރު، ތިން ފަހަރު މުބާރާތުގެ ތަށި އެ ޓީމަށް ވަނީ ހޯދައިދީފަ އެވެ.

comment ކޮމެންޓް