ވޯޓުލުމަށް ކަރަންޓީނާ ނުލާ ރަށްރަށް ދެވޭ ގޮތް ހަދައިފި

ރާއްޖޭގެ ރަށެއްގެ ގޮޑުދޮށް ކައިރީ ހުރި ހަޓެއްގައި މީހަކު މަޑުކޮށްލައިގެން: ވޯޓުލުމަށް ކަރަންޓިނާ ނުލާ ރަށްރަށް ދެވޭނެ --- ސަން ފައިލް ފޮޓޯ/ އަހްމަދު އަފްރާހު

އަންނަ ހޮނިހިރު ދުވަަހު ބާއްވާ ކައުންސިލް އިންތިހާބުގައި ވޯޓުލުމަށް، ކަރަންޓީނާ ނުލާ ރަށްރަށަށް ދެވޭގޮތް އެޗްޕީއޭއިން ހަދައިފި އެވެ.

މިއަދު އެޗްޕީއޭއިން ވަނީ ކަރަންޓިނާ ނުލާ ކޮވިޑް19 ގެ ހާލަތުގައި ކައުންސިލްގެ އިންތިހާބުގައި ވޯޓުލުމަށް ރަށްރަށަށް ދަތުރުކުރުމާ ގުޅޭ އެންގުން އާންމުކޮށްފައެވެ.

ޑިރެކްޓަ ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުރު ސޮއިކުރައްވައި ގެޒެޓް ކުރި އެންގުމުގައި ބުނާގޮތުން، އިންތިހާބުގައި ވޯޓުލުމަށް މާލެ ސިޓީން އާއި މޮނީޓަރިން ހާލަތުގައިވާ ރަށްތަކުން، އެހެން ރަށްތަކަށް ދަތުރު ކުރެވޭނީ ހަމައެކަނި އެމީހަކު ވޯޓުލުމަށް ރަޖިސްޓްރީވެފައިވާ ރަށްތަކަށެވެ. އަދި އެއަަށް އަމަލު ކުރާނީ މިއަދުން ފެށިގެން އާދިއްތަ ދުވަހުގެ ނިޔަލަށް ކަމަވެސް އެޗްޕީއޭގެ އުސޫލުގައި ބުނެ އެވެ.

ކަރަންޓީނާ ނުލާ ރަށަށް ދެވުނު ނަމަވެސް، ވޯޓުލުމަށްފަހު ގިނަވެގެން 48 ގަޑިއިރު ތެރޭ އެ މީހަކު އައި ރަށަކަށް އެނބުރިދާން ޖެހޭނެ ކަމަަށް އެ އެންގުމުގައި ބުނެ އެވެ.

ވޯޓުލާންދާ މީހުން ކުރަން ޖެހޭ ކަންކަންވެސް އެންގުމުގައި ބަޔާންކޮށްފައިވެއެވެ. އެއީ؛

  1. ވޯޓުލާ ސަރަޙައްދު ފިޔަވައި ރަށުގެ އާންމު އެހެން ތަންތަނަށް (ހޮޓާ، ކެފޭ، ރެސްޓޯރެންޓް ފަދަ ތަންތަން ހިމެނޭގޮތަށް) ނުދިޔުން.
  2. ހުރުމާއި ކެއުމުގެ އިންތިޒާމު، އެހެން މީހުންނާ ވަކިން ހަމަޖެހިފައި ހުރުން.
  3. މީހުންނާ ބައްދަލު ނުކުރުމާއި، ގޭގެއަށް ޒިޔާރަތް ނުކުރުން.
  4. ރަށުގައި ކަރަންޓީނު ވެފައިވާ ނުވަތަ އެކަހެރިވެފައިވާ ފަރާތްތައް ވޯޓުލުމަށް ކަނޑައަޅާ ވަގުތުގައި ނުވަތަ
  5. އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅާ އެހެން ވަގުތެއްގައި ވޯޓުލުން.
  6. ދަތުރު ފެށުމުގެ ކުރިން، ވޯޓުލާ ރަށުގެ ކަމާބެހޭ އިދާރާތަކަށް، ދަތުރު ކުރާ ތާރީޚާއި، ރަށުގައި މަޑުކުރާނެ މުއްދަތާއި، ރަށުގައި ހުންނާނެ ތަން އެންގުން.
  7. ކޮވިޑް-19 ގެ ހާލަތުގައި ރައްކައުތެރިކަމާއެކު ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު ކުރިޔަށް ގެންދިއުމުގައި އަމަލުކުރަންވީ ގޮތުގެ އުސޫލުގައިވާ ގޮތުގެ މަތީން ވޯޓުލުމުގައި އަމަލުކުރުން.

އެެ އެންގުމުގެ ދަށުން ދަތުރު ކުރެވޭނީ ހަމައެކަނި ވޯޓުލާންދާ މީހާ އެކަންޏެވެ. އަދި އެ ފަރާތްތަކުން، ކޮވިޑް19 އިން ރައްކާތެރިވުމަށް އަޅައިފައިވާ އެންމެހައި ފިޔަވަޅުތަކަށް އަމަލުކުރާންވާނެ ކަމަށްވެސް އުސޫލުގައި ބުނެ އެވެ.

މީގެ ކުރިން މާލެ ސިޓިން އާއި މޮނީޓަރިން ހާލަތުގައިވާ ރަށްތަކުން އެހެން ރަށަކަށް ދަތުރު ކުރުމަށް އެ ދާ ރަށެށްގައި 10 ދުވަހުގެ މުއްދަތަށް ކަރަންޓިންވާން ޖެހެ އެވެ. އެޗްޕީއޭއިން މިއަދު ވޯޓުލުމަށް ކަރަންޓީނާ ނުލާ ރަށްރަށް ދެވޭ ގޮތަށް ހެދި ނަމަވެސް އެހެން ބޭނުންތަކަށް ދަތުރު ކުރާ މީހުން 10 ދުވަހުގެ މުއްްދަތަށް ކަރަންޓީންވާން ޖެހޭނެ އެވެ.

comment ކޮމެންޓް