ޝަޒައިލްގެ މައްޗަށް ހެއްކެއް ނުހޯދުނު، މައްސަލަ ނިންމާލައިފި

ޝަޒައިލް ޝިޔާމް: އޭނާގެ މައްޗަށް ފުލުހުންނަށް ހެއްކެއް ނުހޯދުނު --- ފޮޓޯ/ ފޭސްބުކް

ސަސްޕެންޑްކޮށްފައިވާ މޯލްޑިވް ގޭސްގެ މެނޭޖިން ޑިރެކްޓަރުގެ މައްޗަށް ތުހުމަތު ކުރި މަނީލޯންޑަރިންގެ މައްސަލައިގައި އޭނާގެ މައްޗަށް ހެއްކެއް ނުހޯދި، މައްސަލަ ނިންމާލައިފި އެވެ.

ޝަޒައިލްއަށް ތުހުމަތު ކުރި ރިޝްވަތާއި ކޮރަޕްޝަންގެ މައްސަލަތަކެއް ބަލަން ފެށީ، ރައީސް އޮފީހުގެ "ޒިރޯ ޓޮލަރެންސް" ޕޯޓަލްއަށް ހުށަހެޅި ޝަކުވާތަކަކާ ގުޅިގެންނެވެ. އެ މައްސަލަ ރައީސް އޮފީހުން އޭސީސީއަށް ފޮނުވި އެވެ. އަދި އެ މައްސަލައާ ގުޅިގެން 2019 ވަނަ އަހަރު އޮކްޓޯބަރު ވަނަ ދުވަހުން ފެށިގެން އަދިވެސް އޭނާ ހުންނެވީ ސަސްޕެންޝަނެއްގަ އެވެ. ފަހުން އޭސީސީން ނިންމާފައިވަނީ، އެކަމުގައި ކޮރަޕްޝަންގެ އަމަލެއް ހިނގާފައި ނުވާ ކަމަށް އޭސީސީން މީގެ ކުރިން ވަނީ ނިންމާފައެވެ.

ރިޝްވަތުގެ ތުހުމަތު ކުރެވުނު މައްސަލަ އޭސީސީން ތަހުގީގު ކުރުމުގެ ތެރެއިން އޭނާގެ މައްޗަށް މަނީ ލޯންޑަރިންގެ ތުހުމަތު ކުރެވި، މިދިޔަ ޑިސެމްބަރު މަހު އެ މައްސަލަ އޭސީސީގެ ފަރާތުން ފުލުހަށް ހުށަހެޅި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް މިއަދު "ސަން"އަށް ވިދާޅުވީ، އެ މައްސަލައިގައި މިހާތަނަށް އެއްވެސް ހެއްކެއް ހޯދިފައި ނުވާތީވެ، މިހާރު އެ މައްސަލަ ފައިލްކޮށްފައިވާ ކަމަށެވެ.

"ސަން"އަށް އެނގިފައިވާ ގޮތުގައި އެ މައްސަލަ ފައިލް ކުރި ކަމަށް ނިންމާފައިވަނީ މިިދިޔަ މަސް ތެރޭގައެވެ.

https://sun.mv/147041

މަނީ ލޯންޑަރިންގެ މައްސަލަތައް ބެލުމުގެ ގާނޫނީ ބާރު އޭސީސީއަކަށް ނޯވެ އެެވެ. އޭސީސީއިން ފުލުހުންނަށް އެ މައްސަލަ ފޮނުވީ އެހެންވެ އެވެ.

ޝަޒައިލް މީގެ ކުރިން ރައީސް ޔާމީންގެ ސަރުކާރުގައި ކޫއްޑޫ ފިޝަރީޒް މޯލްޑިވްސްގެ ޗެއާމަން ކަމާއި ފިޝަރީޒް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުގެ މަގާމު ފުރުއްވާފައިވެ އެވެ. އެ ސަރުކާރުގައި، ޓުރައަރިޒަމް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުގެ މަގާމުވެސް އޭނާ އަދާކުރެއްވި އެވެ.

comment ކޮމެންޓް