ވައްޓާލި ޔޫކްރެއިންގެ މަތިންދާބޯޓުގެ މައްސަލާގައި އީރާނުން 10 މީހަކަށް ދައުވާކޮށްފި

އީރާނުން ވަނީ ޔޫކްރެއިންގެ ބޯޓު ވައްޓާލި މައްސަލާގައި 10 މީހަކަށް ދައުވާކޮށްފައިވާ ކަމަށް ބުނެފަ -- ފޮޓޯ: ރޮއިޓާސް

ތެހެރާން (އޭޕްރިލް 6): އީރާނުގެ ވެރިރަށް ތެހެރާންއިން ނައްޓާލި ޔޫކްރެއިންގެ މަތިންދާބޯޓެއް މިދިޔަ އަހަރު ވައްޓާލި މައްސަލައާ ގުޅިގެން 10 އޮފިޝަލަކަށް ދައުވާކޮށްފައިވާ ކަމަށް އީރާނުގެ އަސްކަރިއްޔާގެ ޕްރޮސެކިއުޓަރަކު ވިދާޅުވެއްޖެ އެވެ.

މިދިޔަ އަހަރުގެ ޖެނުއަރީ އަށެއްގައި ތެހެރާންގެ އިމާމް ޚާމަނާއީ އެއާޕޯޓުން ނައްޓާލިތާ މާގިނަ އިރުތަކެއް ނުވެ ޔޫކްރެއިން އިންޓަނޭޝަނަލް އެއާލައިންސްގެ ފްލައިޓް ޕީއެސް752 ވެއްޓުނީ، އީރާނުގެ ހަތިޔާރު އެޅި ފައުޖުތަކުގެ ތެރޭގައި ހިމެނޭ އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯ (އައިއާރުޖީސީ)އިން ފޮނުވާލި ދެ މިސައިލެއްގެ ސަބަބުންނެވެ.

އެ މައްސަލައާ ގުޅުން ހުރި 10 މީހަކަށް ދައުވާކޮށްފައިވާ އިރު އެއީ ކޮން ބަޔެއްކަން އަދި އެމީހުންގެ ޝަރީއަތް ފަށާނީ ކޮން އިރަކު ކަމެއް އަސްކަރިއްޔާގެ ޕްރޮސެކިއުޓަރު ހާމަ ނުކުރައްވަ އެވެ.

އީރާނުން ބުނި ގޮތުގައި 176 މީހުން ދަތުރު ކުރަމުން ދިޔަ އެ ބޯޓަށް އެގައުމުގެ މިސައިލް ޑިފެންސް ސިސްޓަމުން ހަމަލާއެއް އަމާޒުވީ އޮޅުމަކުންނެވެ. އަދި އެ ހާދިސާގައި ބޯޓުގައި ތިބި އެންމެން މަރުވެފައިވާ އިރު އީރާނުން ވަނީ ކޮންމެ މީހެއްގެ އާއިލާއަށް މަރުގެ ބަދަލެއްގެ ގޮތުން 150،000 ޑޮލަރު ދޭނެ ކަމަށް ބުނެފަ އެވެ.

އެ ހާދިސާ ހިނގީ، އިރާގުގައި ހުންނަ އެމެރިކާގެ އަސްކަރިއްޔާގެ ދެ މަރުކަޒަކަށް އަމާޒުކޮށް އައިއާރުޖީސީން މިސައިލްތަކެއް ފޮނުވިތާ ހަތަރު ގަޑި އިރު ފަހުންނެވެ. އީރާނުން އެ ހަމަލާތައް ދިނީ އެމެރިކާއިން އެގައުމުގެ އަސްކަރިއްޔާގެ އެންމެ ބާރުގަދަ ކޮމާންޑަރު ގާސިމް ސުލައިމާނީ މިދިޔަ އަހަރުގެ ޖެނުއަރީ ތިނެއްގައި އަވަހާރަކޮށްލުމާ ގުޅިގެންނެވެ.

comment ކޮމެންޓް